ޚަބަރު

އެއްވެސް މީހެއްގެ އެޖެންޓެއް ނޫން، ރިޔާސީ ރޭހުގައި ވާދަކުރާނަން: ޑރ މުނައްވަރު


މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާ ޑރ މުހައްމަދު މުނައްވަރު އެކަން އިއުލާންކުރައްވައިފިއެވެ. ކުރީގެ އެޓާނީ ޖެނެރަލްގެ މަޤާމާއި އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާފައިވާ ޑރ. މުނައްވަރު އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވަނީ އަމިއްލަ ގޮތުންނެވެ.

ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާކަން ހާމަކުރައްވަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ ރިޔާސީ ރޭޙުގައި ވާދަކުރައްވަނީ އެއްވެސް ބޭފުޅެއްގެ އެދިވަޑައިގަތުމަކަށް ނޫން ކަމަށާއި އެއްވެސް މީހެއްހެ އެޖެންޓަކަށްވެސް ނުވާނެކަމަށެވެ. އަދި އިންތިޚާބަށް ނިކުންނެވުމާ ގުޅޭގޮތުން އެއްވެސް ސިޔާސީ ލީޑަރަކާ މަޝްވަރާ ކުރައްވާފައި ނުވާކަން ފާހަގަކުރައްވަމުން ޑރ. މުނައްވަރު ވިދާޅުވީ އެއްވެސް ބޭފުޅެއްގެ ރަނިން މޭޓެއްގެ ގޮތުގައިވެސް ނުކުންނަވަން ބޭނުންފުޅުނުވާކަމަށެވެ.

ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާ ޑރ. މުނައްވަރުވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރާއްޖޭގެ ދާހިލީ ކަންކަމާއި އަވައްޓެރި އިންޑިއާއިން ބެހޭކަމަށް ވިދާޅުވެ އެ ޤައުމަށްވެސް ޑރ މުނައްވަރު ވަނީ ފާޑުވިދާޅުވެފައެވެ.