ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 9ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ 520 ގްރާމްގެ މިމަސްތުވާތަކެތި އަތުލައިގެންފައިވަނީ މަރޗް މަހުގެ 7ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތަކެއް ބަލާފާސްކުރުމުގެ ތެރޭގައެވެ.
މި ޕެކޭޖަކީ އިނގިރޭސިވިލާތުން ރާއްޖެ އެތެރެކުރި ޕެކޭޖެއް ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން އެ ތަކެތި ތަޙުލީލުކުރިއިރު، އެތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވްވެފައެވެ.
އަތުލައިގެންފައިވާ މިމަސްތުވާތަކެތީގައި ޕެކިނާއެކު ޖުމްލަ 520 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން ބުނެއެވެ. އެތަކެތީގެ އަގު 900000 ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓްމްސްއިން ވަނީ ބުނެފައެވެ.
މިމައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށް އެ ތަކެތި މިހާރު ފުލުހުންނަށް ހަވާލުކޮށްފައިވާ ކަަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ.