ޚަބަރު

މާލީ މުޢާމަލާތްތަކުގައި ބޭނުންކުރަން ދައުލަތުގެ އިދާރާތަކަށް ކްރެޑިޓް ކާޑު ދޫކުރަނީ


މާލީ މުޢާމަލާތަތަކުގައި ދައުލަތުގެ އިދާރާތަކުން ކްރެޑިޓް ކާޑު ބޭނުންކުރެވޭ ގޮތް ހަދާ، އެކާޑު ބޭނުންކުރާނެ ގޮތުގެ އުސޫލެއް މިނިސްޓްރީ އޮފް ފިނޭންސްއިން އެކުލަވާލައިފިއެވެ.

ދައުލަތުގެ އިދާރާތަކުން ކްރެޑިޓް ކާޑު ބޭނުންކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީ ދައުލަތުގެ އޮފީސްތަކުން ކުރަންޖެހޭ މާލީ މުޢާމަލާތްތައް އިންޓަނެޓް ބޭންކިން ނޫން ގޮތްގޮތަށް ކުރެވެން ނުހުންނަ ހާލަތްތަކުގައި މާލީ މުޢާމަލާތްތައް ކުރުމުގެ ފުރުސަތުގެ އެއޮފީސްތަކަށް ފަހިކޮށްދިނުމަށްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވއެވެ.

ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުގައި ބަޔާންކޮށްފައިިވާ ގޮތުން ދައުލަތުގެ އިދާރާއަކުން ކްރެޑިޓް ކާޑެއް ހައްދަން ބޭނުންނަމަ ކޯޕަރޭޓް ކްރެޑިޓް ކާޑަށް އެދި ފިނޭންސް މިނިސްޓްރީއަށް ފޯމު ހުށައަޅަންޖެހެއެވެ. އަދި އެ ފޯމާއިއެކު އެ ކާޑު ދޫކުރާ ފައިނޭންޝަލް އިންސްޓިއުޓުގެ މައުލޫމާތު ފޯމާއި، ނޮމިނީންގެ އައިޑީކާޑު ކޮޕީ ހުށަހަޅަންޖެހޭނެކަމަށް އެމނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައިވެއެވެ.

އެހެންނަމަވެސް، ދައުލަތުގެ އިދާރާތަކުގެ ތެރެއިން ކައުންސިލްތަކުން ކްރެޑިޓް ކާޑަށް އެދި ހުށައަޅަންޖެހޭނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ މެދުވެރިކޮށްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިކާޑްތަކަށް ހުއްދަދީ ފައިނޭންޝިއަލް އިންސްޓިއުޓްއަށް ހުށައަޅާނީ ފިނޭންސް މިނިސްޓަރގެ ހުއްދަ ލިބުމުންކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ދައުލަތުގެ އިދާރާތަކަށް ދޫކުރާ މިކްރެޑިޓް ކާޑުތަކުން ކުރާ ހަރަދުތަކަކީ މާލިއްޔަތު ޤަވާއިދުގެ ދަށުން ބަޖެޓު ކުރެވިފައިވާ ހަރަދުތަކަށްވާންޖެހެއެވެ. އަދި މިކާޑުތަކުން ކުރާ ޚަރަދުތަކުގެ ތަފްސީލު އެމިނިސްޓްރީން ހުށައަޅަންޖެހޭކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ދައުލަތުގެ އިދާރާތަކަށް ދުކުރާ ކޯޕަރޭޓް ކްރެޑިޓް ކާޑުތަކުގެ ލިމިޓް ކަނޑައަޅާނީ ފިނޭންސް މިނިސްޓަރއެވެ. އަދި ކަނޑައަޅާފައިވާ ލިމިޓަށްވުރެ އިތުރަށް ޚަރަދުކުރާނަމަ ފިނޭންސް މިނިސްޓްރީއަށް ލިޔުމުން އަންގަންޖެހެއެވެ.

މީގެއިތުރުން ކްރެޑިޓް ކާޑެއް ގެއްލި ހަލާކުވެ ނުވަތަ ކާޑުން ގޮތް ނޭނގޭ ޓްރާންސެކްޝަންތަކެއް ހިނގާނަމަ އެކަން އެއިދާރާއެއްގެ އިސްވެރިން މެދުވެރިކޮށް މިނިސްޓްރީއަށް އަންގަން ޖެހެއެވެ. އަދި ޤަވާއިދާ ޚިލާފަށް މިކާޑު ބޭނުންކުރާނަމަ އެއިދާރާއަކާއިމެދު ފިޔަވަޅު އަޅާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.