ޚަބަރު

ނެދަލޭންޑްސްއިން ޗިޕް އެތެރެކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ


ޤައުމީ ސަލާމަތް ރައްކާތެރިކުރުމުގެ ގޮތުން ނެދަލޭންޑްސްގެ އެންމެ ކުރިއަރާފައިވާ މައިކްރޯޗިޕް ޓެކްނޮލޮޖީ އެކްސްޕޯޓްކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އެ ގައުމުގެ ވިޔަފާރިއާއިބެހޭ ވުޒާރާއިން ގާނޫނު ހަދާ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފިއެވެ.

އެ ސިޓީގައި ޔޫރަޕްގެ އެންމެ ބޮޑު ޓެކް ކުންފުނި އޭއެސްއެމްއެލް ހޯލްޑިންގްސްގެ ނަން ނުބުނި ނަމަވެސް، މި ހުރަސްތަކުގެ އަސަރު ޗައިނާގެ ޗިޕް އުފައްދާ ކުންފުނިތައް ހިމެނޭ ގޮތަށް ދުނިޔޭގެ ޗިޕް އުފައްދާ ކުންފުނިތަކަށް މުހިއްމު ސަޕްލައި ކުރާ ޑަޗް ކުންފުންޏަށް ކުރާނެއެވެ.

ނެދަލޭންޑްސްއިން ނިންމަން އުޅޭ މި ނިންމުމަކީ ޗައިނާގެ ޗިޕް އުފެއްދުމުގެ ސިނާއަތް ހަނިކުރުމަށް އެމެރިކާއިން ވަކާލާތުކުރާ ގަވާއިދުތައް ތައާރަފްކުރުމަށް ޑަޗް ސަރުކާރުން އެޅި ފުރަތަމަ ފިޔަވަޅެވެ.

ޗިޕް އެކްސްޕޯޓުކުރުން މަނާ ކުރާ މި މަޝްވަރާތަކުގައި ނެދަލޭންޑްސް އާއި އެމެރިކާއާއިއެކު ޖަޕާނުންވެސް ބައިވެރިވާކަމަށް ސީއެންއެންއިން ރިޕޯޓުކުރެއެވެ. ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗިޕް އިކުއިޕްމަންޓް އެކްސްޕޯޓް ކުރުމާއި ގުޅޭ ގޮތުން ޓޯކިޔޯއިން ގެންގުޅޭ ސިޔާސަތުތަކުގެ އެންމެ ފަހުގެ މައުލޫމާތު މި ހަފްތާގެ ތެރޭގައި ނެރޭނެއެވެ.

ޗައިނާއިން ބުރާސްފަތި ދުވަހު ބުނި ގޮތުގައި ނެދަލޭންޑްސް އަޅަން ނިންމާ މި ފިޔަވަޅާއި އެ ގައުމުން ވަރަށް ބޮޑަށް ދެކޮޅެވެ. އަދި ނެދަލޭންޑްސްއިން މި ގޮތަށް ނިންމަން ވާހަކަ ދައްކާފައި މިވަނީ އެމެރިކާއިން ބެއިޖިންއަށް ބައެއް ސެމީކޮންޑަކްޓަރ މެޝިނަރީތައް ވިއްކުން ހަނިކުރިތާ މަސްތަކެއް ފަހުން ކަމަށްވެސް ޗައިނާއިން ބުނެއެވެ.

އެ ފިޔަވަޅުތައް ތަންފީޒުކުރުމަށްޓަކައި ނެދަލެންޑްސް އާއި ޖަޕާނުގައި ތިބި މުހިންމު އެހެން ސަޕްލައިއަރުންވެސް ބައިވެރިވުން އެމެރިކާއަށް ބޭނުންވާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މައޯ ނިންގ ވަނީ ޗައިނާއިން އެކްސްޕޯޓު ކުރުމުގައި އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ކަނޑައެޅުމަށް އެހެން ގައުމުތަކަށް ޕްރެޝަރުކޮށް ވިސްނައިދިނުމަށް "ބައެއް ގައުމުތަކުން" މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރައްވާފައެވެ.

އެމެރިކާގެ ނަން ހާމަ ނުކުރި ނަމަވެސް ޗައިނާގެ އޮފިޝަލުން އެމެރިކާއަށް ފާޑުކިޔުންތައް އަމާޒުކުރާއިރު، ގިނައިން ބޭނުން ކުރަނީ "ވަކި ގައުމުތަކެއް" ނުވަތަ "ބައެއް ގައުމުތައް" މި ލަފުޒެވެ.

އާޓިފިޝަލް އިންޓެލިޖެންސް، 5ޖީ ވަޔަލެސް ޓެކްނޮލޮޖީ އަދި ކުއަންޓަމް ކޮމްޕިއުޓިން ފަދަ ގިނަ ސިނާއަތްތަކެއްގައި ޗައިނާއަކީ ދުނިޔޭގެ ލީޑަރަކަށްވުމަށް އެ ގައުމުން ވަނީ އަމާޒު ހިފާފައެވެ.