އޮސްޓްރޭލިޔާގެ އިރުއުތުރުގައިވާ ކުއީންސްލެންޑްގެ ބަރކްޓައުންގައި ފެންބޮޑުވެ، ގިނަ ޢަދަދެއްގެ ބަޔަކު ހާލުގައި ޖެހިއްޖެއެވެ. ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުން، ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް، ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ކުއީންސްލެންޑްގެ ވެރިރަށް ބްރިސްބޭންއާ 1,600 ކިލޯމީޓަރު ހުޅަނގުއުތުރުން އޮންނަ ބަރކްސްޓައުން އަކީ 200 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ކުޑަ ރަށެކެވެ. އައްސޭރިފަށުގައި އޮންނަ އެ ރަށުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 53 މީހަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.
އެ ރަށުގައި ފެންބޮޑުވެފައި ވަނީ، ބޯކޮށް ވާރޭވެހުމާ ގުޅިގެން އެލްބަރޓް ކޯރު ފުރި، ބަންޑުންވުމުގެ ސަބަބުންނެވެ. މި ހާދިސާގައި އެ ރަށުގެ ދެބައިކުޅަ އެއްބައި ސަރަޙައްދެއްގައި މިހާރު މުޅިން ފެންބޮޑުވެފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. އެ ރަށުގައި ހާލުގައި ޖެހިފައިވާ އިތުރު 100 އެއްހާ މީހުން ތިބި ކަމަށާއި، އެ މީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވިއެވެ.
ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހެމުން ދިޔުމުގެ ސަބަބުން، އެ ރަށުގެ އިތުރު ސަރަޙައްދުތަކުގައި އަދިވެސް ދަނީ ފެންބޮޑުވަމުންނެވެ. ދަނޑުވެރިކަން ކުރާ އެ ސަރަޙައްދުގެ ރައްޔިތުން ނައަމްސޫފި ގެންގުޅޭ ދަނޑުތަކުގައި ވެސް ފެންބޮޑުވެ، ގިނަ ޢަދަދެއްގެ ޖަނަވާރު މަރުވެފައިވާ ކަމުގައި އެ ސަރަޙައްދުގެ ރައްޔިތުން ބުނެއެވެ. އެ ރަށުގައި ފެންބޮޑުވާނެ ކަމަށް ބެލެވޭތީ، ފުލުހުން ކުރިން ވެސް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އެ ރަށުގެ ރައްޔިތުންނަށް އިރުޝާދު ދީފައެވެ.
ކުއީންސްލެންޑުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، އެލްބަރޓް ކޯރުގެ ފެންގަނޑު ހަތް މީޓަރަށް އުފުލިފައިވާ ކަމުގައެވެ. މޫސުމީ ބަދަލުތަކާ ގުޅިގެން އޮސްޓްރޭލިޔާގެ އެކި ސަރަޙައްދުތަކަށް ދޭތެރެދޭތެރެއިން ބޯކޮށް ވާރޭވެހޭތާ މިހާރު ދެ އަހަރު ވެފައިވާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ މާހިރުން ވިދާޅުވެއެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެ ޤައުމުގެ ސަރަޙައްދުތަކުގައި ހޫނުގަދަވެ، ހަނަފަސްކަމާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.
2022 ވަނަ އަހަރުގެ މާރިޗު މަހު ކުއީންސްލެންޑާއި ނިއު ސައުތް ވޭލްސްއަށް ބޯކޮށް ވާރޭވެހި، ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވިއެވެ. އެ ފަހަރު، ފެންބޮޑުވުމާ ގުޅިގެން ކުރިމަތިވި އެކި ހާދިސާތަކުގައި 200 މީހުން މަރުވިއެވެ. މި އަހަރުގެ ކުރީކޮޅު ވެސް އޮސްޓްރޭލިޔާގެ އިރުމަތީގެ ގިނަ ސަރަޙައްދުތަކަކަށް ވަނީ ފެންބޮޑުވުމާ ކުރިމަތިވެފައެވެ.