ޚަބަރު

6 އަހަރަށްފަހު، ރާއްޖެއިން އީރާނާއެކު އަލުން ސިޔާސީގުޅުން ޤާއިމުކުރަން ނިންމައިފި


ދިވެހި ސަރުކާރުން އީރާނާއެކު އަލުން ސިޔާސީގުޅުން ޤާއިމުކުރުމަށް ނިންމައިފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާއާއި އީރާނާއި ދެމެދު ސިޔާސީގުޅުން ޤާއިމުކުރުމާ ގުޅޭގޮތުން ސަޢޫދީ ޢަރަބިއްޔާއާއި އީރާނާއި ޗައިނާއިން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔާ ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނެއްގައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ސަޢޫދީ ޢަރަބިއްޔާއާއި އީރާނުން ދެޤައުމުގެ މެދުގައި އަލުން ސިޔާސީގުޅުން ޤާއިމުކޮށް ދެ ޤައުމުގެ އެމްބަސީތައް އަލުން ހުޅުވުމަށާއި، ޤައުމުތަކުގެ ސިޔާދަތަށް ޙުރުމަތްތެރިކޮށް ހިތުމާއި، ޤައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހުމާ ގުޅޭ އަސާސް އަލުން ކަށަވަރުކޮށް ސަޢޫދީ ޢަރަބިއްޔާ އާއި އީރާނާއި ޗައިނާއިން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔާކަމަށެވެ.


މިހެޔޮ ބަދަލުތަކުގެ އަލީގައި ދިވެހި ސަރުކާރުން އީރާނާއެކު އަލުން ސިޔާސީގުޅުން ޤާއިމުކުރުމަށް ނިންމާފައިވާކަމަށް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރާއްޖެއިން އިރާނާއެކު ސިޔާސީގުޅުން އެންމެ ފުރަތަމަ ޤާއިމުކުރީ 2 ޖޫން 1975 ގައެވެ.

ނަމަވެސް ރާއްޖެއާއި އީރާނާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލަން ދިވެހި ސަރުކާރުން ނިންމެވީ 17 މެއި 2016 ގައެވެ. އީރާނާއެކު އޮތްގުޅުން ސަރުކާރުން އޭރު ކަނޑާލީ، ޢަރަބި ގަލްފު ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަ ދެމެހެއްޓުމަކީ، ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާއިވެސް ގުޅިފައިވާ ކަމަކަށްވާތީއާއި، ނަމަވެސް އެސަރަޙައްދުގެ ސުލްޙައަށް އީރާނުން ހުރަސްއަޅަމުންގެންދާތީކަމަށް ބުނެއެވެ.