ޚަބަރު

ހުޅަނގުން އުޅެނީ ޖޯޖިޔާގައި ބަޣާވާތެއް ކުރުވަން: ރަޝިޔާ


ޖޯޖިޔާގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ޢާންމުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ތެދުވެ ވެރިރަށް ތުބިލީސީގައި ކުރަމުންދާ މުޒާހަރާތަކަކީ، ހުޅަނގުން އަޑީގައި އޮވެގެން ބަޣާވާތެއް ކުރުވަން ކުރަމުންދާ މަސައްކަތެއް ކަމުގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލެވްރޮފް ސިފަކުރައްވައިފިއެވެ. ލެވްރޮފް ވިދާޅުވީ، ހުޅަނގުން މަސައްކަތް ކުރަމުނީ، ރަޝިޔާއާ އެކު ސަރަޙައްދީ ރޮނގު ހިއްސާކުރާ ޤައުމުތަކުގެ ހަމަޖެހުން ނަގައިލަން ކަމުގައެވެ.

ޖޯޖިޔާގައި ސިޔާސީ ނުތަނަވަސްކަން އުފެދިފައި ވަނީ، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް މަދަނީ ޖަމުޢިއްޔާތައް ރަޖިސްޓަރީ ކުރުމާ ބެހޭ ބިލެއް ހުށަހަޅައި، އެ ބިލާ މެދު ބަހުޘްކުރަން ފެށުމުންނެވެ. މި ބިލާ ދެކޮޅަށް ގިނަ ޢަދަދެއްގެ ބަޔަކު ތެދުވެ، ޤާނޫނު ހަދާ މަޖިލިސް ކައިރީގައި މުޒާހަރާކުރަން ފެށުމުން، ވެރިކަން ކުރާ ޖޯޖިޔާ ޑްރީމް ޕާޓީން ވަނީ އެ ބިލަށް ކުރި ތާޢީދު އަނބުރާ ގެންގޮސްފައެވެ.

އަދި، ބިލުގެ ދެވަނަ ކިޔުމަށްފަހު، ޤާނޫނު ހަދާ މަޖިލީހުން ވެސް ވަނީ ބިލު އަނބުރާ ފޮނުވައިލާފައެވެ. މި ބިލަކީ، ޖޯޖިޔާއިން ހުޅަނގުގެ ޤައުމުތަކާ ގުޅުން ބަދަހިކުރަން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމުގައި، ބިލާ ދެކޮޅަށް ވަކާލާތުކުރާ ފަރާތްތަކުން ބުނެއެވެ.

އެ ބިލުގެ ބޭނުމަކީ، ބޭރު ޤައުމުތަކުން 20 އިންސައްތައަށް ވުރެ ބޮޑު މާލީ އެހީތެރިކަމެއް ލިބޭ ހުރިހާ މަދަނީ ޖަމުޢިއްޔާއަކީ "ބޭރުގެ ނުފޫޒު ފޯރާ އޭޖެންޓުންގެ" ގޮތުގައި ޖަސްޓިސް މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށް މަޖުބޫރު ކުރުވުމެވެ. މިއީ، 2012 ވަނަ އަހަރު ރަޝިޔާއިން ފާސްކުރި މި ފަދަ ބިލަކާ އެއްގޮތް ބިލެއް ކަމަށާއި، އެ ބިލުގެ ބޭނުމަކީ ރަޝިޔާއިން ވެސް އަމަލުކޮށްފައިވާ ގޮތަށް މަދަނީ ޖަމުޢިއްޔާތަކާއި މިނިވަން މީޑިޔާގެ އަޑާއި ބާރު ކަނޑުވައިލުން ކަމުގައި ބިލާ ދެކޮޅަށް ވަކާލާތުކުރާ މީހުން ބުނެއެވެ.

ވެރިކަންކުރާ ޖޯޖިޔާ ޑްރީމް ޕާޓީން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ނަމަވެސް، މި ބިލާއެކު، ޖޯޖިޔާގެ ޢާންމު ރައްޔިތުންގެ އެދުމާ ދެކޮޅަށް އެ ޤައުމުގެ ސަރުކާރުން ރަޝިޔާއާ ގުޅުން ބަދަހިކުރަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތަކުގެ އަޑުތައް ވެސް އިތުރުވެގެން ދިޔައެވެ. ޤާނޫނު ހަދާ މަޖިލީހުން އެ ބިލު ބޭރުކޮށްލި ފަހުން ވެސް، ސަރުކާރުގެ އޮފިޝަލުން ވަނީ އެ ބިލުގެ ދިފާޢުގައި ވާހަކަ ދައްކާފައެވެ.

މި ބިލާ ދެކޮޅަށް އަޑުއުފުލުމަށް ތުބިލީސީގައި ފަށާފައިވާ މުޒާހަރާތަކުގައި އެތަކެއް ހާސް ބަޔަކު ބައިވެރިވަމުންދާއިރު، މިއީ ރަޝިޔާއާއި ޖޯޖިޔާއާ ދެމެދު ނުތަނަވަސްކަން އުފެއްދުމަށް ފަށާފައިވާ ބަޣާވާތެއްގެ ގޮތުގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ލެވްރޮފް ވަނީ ސިފަކުރައްވާފައެވެ. "މިއީ ބޭރު ބަޔަކު އަޑީގައި ތިބެގެން ކުރުވާ މުޒާހަރާތަކެއް. ބިލުގެ ވާހަކަ ދައްކައިގެން އެ މީހުން ބޭނުންވަނީ ޖޯޖިޔާގައި ބަޣާވާތެއް ކުރުވަން،" ލެވްރޮފް ވިދާޅުވިއެވެ.

އަދި، މިއީ ޖޯޖިޔާގެ ރައްޔިތުންގެ މެދުގައި ރަޝިޔާއާ މެދު ނަފުރަތު އުފައްދަން "ބަޔަކު" އަޑީގައި ތިބެގެން ކުރުވާ މުޒާހަރާތަކެއް ކަމުގައި ވެސް ލެވްރޮފް ތުހުމަތުކުރެއްވިއެވެ. ކްރެމްލިންގެ ތަރުޖަމާނު ޑްމިޓްރީ ޕެސްކޮފް ވެސް ވަނީ މި ކަމާ ގުޅިގެން ޖޯޖިޔާގެ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ރަޝިޔާއިން 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށިތާ ދުވަސްކޮޅެއް ފަހުން ޔޫކްރެއިނާއެކު ޖޯޖިޔާއާއި މޮލްޑޯވާ ވަނީ ވިލާތުގެ އިއްތިހާދު (އީ.ޔޫ)އާއި ނޭޓޯއާ ގުޅުމަށް ހުށަހަޅާފައެވެ. އަދި، އީ.ޔޫ.އިން ވަނީ ޔޫކްރެއިނާއި މޮލްޑޯވާއަށް އާނބަސް ބުނެފައެވެ. ނަމަވެސް، ޖޯޖިޔާއާ މެދު އާނބަސް ބުނުމުގެ ކުރިން އިސްލާހުކުރަން ޖެހޭ ކަންކަން އީ.ޔޫ.އިން ވަނީ އެ ތުބިލީސީއަށް އަންގާފައެވެ.

ޖޯޖިޔާގައި މަދަނީ ޖަމުޢިއްޔާތައް ބޭރުގެ އޭޖެންޓުންގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާފައިވާ ބިލު ޤާނޫނު ހަދާ މަޖިލީހުން ބޭރުކޮށްލުމުން އީ.ޔޫ.އާއި ފަރަންސޭސިވިލާތާއި އެމެރިކާއިން ވަނީ އެ ކަމަށް މަރުޙަބާ ކިޔާފައެވެ. އަދި، އީ.ޔޫ.އާ ގުޅުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ކަންކަން އަވަސްކުރުމަށް އެ އިއްތިހާދުން ވަނީ ޖޯޖިޔާގެ ސަރުކާރަށް ގޮވައިލާފައެވެ.