ޚަބަރު

ކެއާ ސޮސައިޓީގެ ޚިދުމަތް ކުޅުދުއްފުށްޓަށް


ކެއާ ސޮސައިޓީގެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް އިތުރަށް ފުޅާކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށީގައި އެ ސޮސައިޓީގެ ޚިދުމަތް ފެށުމަށް ނިންމައިފިއެވެ.

ކެއާ ސޮސައިޓީގެ 24 ވަނަ އަހަރީ އާއްމު ޖަލްސާގައި އެ ސޮސައިޓީގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތުގެ މުހިންމު ނިންމުންތައް ވަނީ ނިންމާފައެވެ.

އެ ޖަލްސާގައި އެ ސޮސައިޓީގެ ބޯޑުގެ ރައީސް އިސްމާއީލް އަދުހަމް ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި އެ ސޮސައިޓީގެ ޚިދުމަތް ފެށުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ކުޅުދުއްފުށީގައި ކެއާރ ސޮސައިޓީގެ ޚިދުމަތް ދޭ މަރުކަޒެއް ޤާއިމްކޮށް މިއަހަރުތެރޭ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކެއާ ސޮސައިޓީގެ ޚިދުމަތް ހުޅުމާލޭގައި މި އަހަރުގެ އޮގަސްޓް މަހުގައި ފެށުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ހުޅުމާލެ ދެވަަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ކެއާރ ސޮސައިޓީގެ ޚިދުމަތް ދިނުމަށް އެޗްޑީސީއާއެކު ތަނެއް ތައްޔާރުކޮށް، އޮގަސްޓް ކުރީކޮޅުގައި ޚިދުމަތް ދޭން ފެށޭނެކަމަށް އަދުހަމް ވިދާޅުވިއެވެ. މިތަނުން ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި ކުދިންގެ އިންޓަވެންޝަން ތެރަޕީ އާއި ވޮކޭޝަނަލް އެޑިޔުކޭޝަން ހިމެނެއެވެ.

އަދުހަމް ވަނީ ކެއާ ސޮސައިޓީގެ ޚިދުމަތްތައް މައިގަނޑު ތިން ދާއިރާއަކަށް ބަހާލައިގެން ކުރިއަށް ގެންދަން އަމާޒުކުރައްވާކަމަށް ވިދާޅުވެފައެވެ. އޭގެތެެރެއިން އެންމެ މުހިންމު ކަމަކީ ކުދިންގެ ޅަފަތުގައި އެ ކުދިންގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަން ދެނެގަތުމާއި، އާލީ އިންޓަވެންޝަން ފޯރުކޮށްދިނުންކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ސްކޫލް ނިންމާ ކުދިންނަށް އާމްދަނީ ހޯދޭނެގޮތެއް ފަހިކޮށްދިނުމަކީވެސް އެ ސޮސައިޓީން ކުރަން އަމާޒު ހިފާނެ ކަމެއްކަމަށްވެސް ވިދާޅުވިއެވެ. ތިންވަނަ ކަމަކީ ތެރަޕީ އާއި ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ހިންގުމެވެ.

މި އަހަރަކީ ކެއަރ ސޮސައިޓީއަށް 25 އަހަރު ފުރޭ އަހަރުކަމަށްވުމުން އެ ދުވަސް ފަހަގަކުރުމުގެ ގޮތުންވެސް ޚާއްސަ ހަރަކާތްތަކެއް ހިންގަން އަންނަނީ ރާވަމުންނެވެ. އެގޮތުން ކެއާ ސޮސައިޓީގެ އާ ސްޓްރެޓެޖިކް ޕްލޭން އެކުލަވައިލުމަށްޓަކައި ސްޓޭކްހޯލްޑާ ފޯރަމެއް މި އަހަރު ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.

ރޭގެ ޖަލްސާގައި އެ ޖަމިއްޔާގެ ހިންގާ ގަވާއިދު އިސްލާހުކޮށް، ފާސްކޮށްފައިވެއެވެ. އަދި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓު ހުށަހަޅައި، އެ ސޮސައިޓީގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން ވަނީ ހޮވައިފައެވެ. އަދި އެ ޖަމިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިވެދީފައިވާ ފަރާތްތަކަށް، އެ މީހުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުންވެސް ވަނީ ދީފައެވެ.

1998 ވަނަ އަހަރު އުފެއްދި ކެއާ ސޮސައިޓީއަކީ މުޖުތަމައުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން އުފެއްދި ޖަމިއްޔާއެކެވެ.