ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓަށް ހޯމަދުވަހު ޓެސްޓް ފްލައިޓް ޖައްސަނީ


ގދ. ފަރެސްމާތޮޑާ އެއަރޕޯޓަށް ދަތުރުތައް ފެށުމުގެ ކުރިން ބާއްވާ ޓެސްޓް ފްލައިޓް ހޯމަދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ގދ.ފަރެސްމާތޮޑާގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓް ރަސްމީކޮށް ހުޅުވަން ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަރުކާރުން ތަރައްޤީކުރަމުންދާ އެއަރޕޯޓުތަކުގެ ތެރެއިން އެންމެ އަވަހަށް މަސައްކަތް ނިންމާ ހުޅުވުމަށް ތައްޔާރުވެފައިވަނީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓެވެ. މިއެއަރޕޯޓް ތަރައްޤީކޮށްފައިވަނީ ހިތްގައިމު ޓަރމިނަލަކާއެކު ޒަމާނީ ފެންވަރަށެވެ.

މިއެއަރޕޯޓްގެ މަސައްކަތްތައް ނިމުމަކާއި ގާތްވެ މިމަހުގެ 15 ވަނަ ދުވަހު އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ވަނީ ނިންމާފައެވެ. އަދި އެއަރޕޯޓްގެ ޓެސްޓް ފްލައިޓް ޖެއްސުން އަންނަ ހޯމަދުވަހަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. ފަރެސްމާތޮޑާއަށް ޖައްސާ ޓެސްޓް ފްލައިޓް އޮންނާނީ ހޯމަދުވަހު ހަވީރުއެވެ. ޓެސްޓް ފްލައިޓް ދަތުރަށް ބޭނުންކުރާނީ ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑވިއަންގެ ބޯޓެކެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ އެރަށުގެ ފަޅުތެރޭގައި ހުރި ރަށްތައް ހިއްކައިގެން ތަރައްޤީކުރި އެއަރޕޯޓެކެވެ. މިއެއަރޕޯޓަކީ މިހާތަނަށް ރާއްޖޭގައި ތަރައްޤީކުރި އެންމެ ތަފާތު ޑިޒައިންގެ އެއަރޕޯޓެވެ. މިއެއަރޕޯޓް ތަރައްޤީކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީންނެވެ.

މިއެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މިއެއަރޕޯޓުގައި 1200 މީޓަރުގެ ދިގު ރަންވޭއެއްވަނީ ޤާއިމުކޮށްފައިވެއެވެ. އަދި މިހާރު ފަޔަރ ސްޓޭޝަނާއި އެއަރޕޯޓުގެ ވަށައިގެން ޖަހަންޖެހޭ ފެންސްޖެހުމުގެ މަސައްކަތް އެއްކޮށްވަނީ ނިންމާލާފައެވެ. އަދި ރޭގަނޑު ފްލައިޓް ޖެއްސުމަށް ބޭނުންވާ ލައިޓް ހަރުކުރުމުގެ ހުރިހާކަމެއްވެސް ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

އެމްޓސީސީން އަންނީ ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން، ރ. އަލިފުށީ އެއަރޕޯޓާއި މ.މުލީ އެއަރޕޯޓްގެ އިތުރުން ފ. މަގޫދޫ އެއަރޕޯޓްގެ މަސައްކަތް އެކުންފުނިން އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން ލޯންޗެއްގައި 30 މިނެޓުން ދަތުރުކޮށް ދެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިއްމު ވަޢުދެކެވެ.