ޚަބަރު

ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށި ޓިވެޓް ސެންޓަރު ހިންގާނެ ބަޔަކު ހޯދަނީ


ހއ.ދިއްދޫގައި އިމާރާތްކުރާ ޖޫނިއަރ ކޮލެޖާއި ރ.އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރު ހިންގާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އިޢުލާންކޮށްފިއެވެ.

މި ދެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ކުރިއަށްގެންދާ ދެ މަޝްރޫޢުއެވެ. އަދި މި އިންސްޓިޓިއުޓްތައް ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް މިހާރު ހުޅުވާލެވިފައިވާ ރިކުއެސްޓް ފޯރ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އާ ގުޅޭ ޓެންޑަރ ޑޮކިޔުމެންޓްތައް މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓްއިން ޑައުންލޯޑް ކޮށްލެވޭނެއެވެ. އަދި ޓެންޑަރގެ ސުންގަޑިއަކީ މިމަހުގެ 27 ވަނަ ދުވަހެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ދެ މަޝްރޫޢުގެވެސް ކޮންސްޓަރަކްޝަން މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. އަދި މި މަޝްރޫޢޫގެ ކޮންކްރީޓް މަސައްކަތްތަކުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައިވާކަމަށެވެ.

މި އިންސްޓިޓިއުޓުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށްފަހު އޮޕަރޭޓްކުރުމަށް ބިލްޑިންގް ހަވާލުކުރާއިރު މިތަންތަނަށް ބޭނުންވާ ހުރިހާ ފަރުނީޗަރަކާއި އިކުއިޕްމެންޓްތަކާއި ފިޓިންސް ހޯދާ އިންސްޓޯލުކުރުމުގެ އިތުރުން ޕްރީ އޮޕަރޭޝަނަލް ސްޓޭޖުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރާނީ އޮޕަރޭޓްކުރުމަށް ހަވާލުވާ ފަރާތުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ހއ.ދިއްދޫ ޖޫނިއަރ ކޮލެޖް ޚާއްސަކޮށްފައިވަނީ ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އަދި އަލިފުށީ ޓިވެޓް ސެންޓަރު ޚާއްސަކުރެވިފައިވަނީ ބޯޓް ބިލްޑިންގް ދާއިރާގެ ކޯސްތައް ހިންގުމަށެވެ. މިކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައްވެސް މި އިންސްޓިޓިއުޓުތަކުގައި ހިންގުމަށް މަގުފަހިވާނެއެވެ.

މި އިންސްޓިޓިއުޓްތަކުގައި ހިންގުމަށް ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ލެބޯޓަރީއާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީ ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީވެސް ހުންނާނެއެވެ. މީގެ އިތުރުންވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއްވެސް ހުންނާނެއެވެ.

މި މަޝްރޫއުތަކަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހއ.ދިއްދޫގައާއި ރ.އަލިފުށީގައި ހިންގާ ޕްރޮޖެކްޓްތަކެކެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަށާއި އަތޮޅު ތެރޭގައި ވޮކޭޝަނަލް އެޑިޔުކޭޝަން މިހާރަށްވުރެބޮޑަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރުވެސް ވަނީ ކ.ތުލުސްދޫގައި ޕޮލިޓެކްނިކަކާއި ނ.ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް އިމާރާތްކޮށް ހިންގުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހު ހަވާލުކޮށްފައެވެ.