ޚަބަރު

ބެސްޓް ރޭޑިއޯ ޕްރެސެންޓަރ މުބާރާތައް ހޮވުނު 16 ފަރާތަށް ޓިކެޓް ޙަވާލުކޮށްފި


ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ ސިލްސިލާ މުބާރާތް "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން"ގެ ސީޒަން 5 އަކަށް ހޮވުނު 16 ބައިވެރިންނަށް ޓިކެޓް ޙަވާލުކޮށްފިއެވެ.

"ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން" އަކީ ރޭޑިއޯ ޕްރެޒެންޓިންގ ނުވަތަ ހުށައެޅުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ މުބާރާތެކެވެ. އަދި މިއީ މި ދާއިރާއަށް ޝަޢުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ، އެންމެ ވާދަވެރި އަދި އެއް މުބާރާތްވެސްމެއެވެ.

މި މުބާރާތުގެ 5 ވަނަ ސީޒަންގައި ބައިވެރިވުމަށް އޮޑިޝަނަށް ފުރުޞަތު ހުޅުވާލީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ. މި އޮޑިޝަންގައި ޖުމްލަ 130 ފަރާތަކުން ބައިވެރިވިއެވެ. އޮޑިޝަނަށްފަހު މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު 16 ބައިވެރިއަކަށް ވަނީ ދީފައެވެ.

މުބާރާތުގެ ޝޯވތައް ރޭޑިއޯއިން ގެނެސްދޭން ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ މެންދުރު 14:00 ގައެވެ. އަދި ރިޕީޓް ކޮންމެ ހުކުރު، ހޮނިހިރު ދުވަހެއްގެ ރޭގަނޑު 23:00 ގައި ގެނެސްދޭނެއެވެ. ކޮންމެ ހަފްތާއަކުވެސް ކޮންމެވެސް އެއް ބައިވެރިއަކު އެލިމިނޭޓްވަމުންގޮސް، ގަދަ 5 ބައިވެރިންނާއެކު ޝޯވގެ ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫންމަހުގެ ތެރޭގައެވެ.

މި މުބާރާތުގައި ރޭޑިއޯ ޕްރޮގްރާމްތަކުގައި ހިމެނޭ ތަފާތު 7 ފޯމެޓަކުން ހުށަހެޅުންތައް ބައިވެރިން ހުށަހަޅާނެއެވެ. އަދި މި ހުށަހެޅުންތަކަށް ބައިވެރިން ތައްޔާރު ވާނީ މި ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ކޯޗުންގެ އެހީތެރިކަމާއެކުއެވެ. މިއަހަރުގެ މުބާރާތުގައިވެސް ފަނޑިޔާރުންގެ ގޮތުގައި ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ 3 ފަނޑިޔާރުން ހިމެނިވެޑައިގަންނަވައެވެ. މިފަހަރުގެ ސީޒަންގައި ފަނޑިޔާރުކަން ކޮށްދެއްވަނީ ނަޞްރުﷲ އިދްރީސް، ފާތުމަތު ޒީނަތު އަދި ނުޒުހަތު ޝަމީމެވެ.

ފަނޑިޔާރުންގެ މާކްސްގެ އިތުރުން އެހުންތެރިންގެ ވޯޓުގެ %35 ހިމަނައިގެން ނަތީޖާ ނެރޭ މި މުބާރާތުގެ 1 ވަނައަށް މިފަހަރު ކަނޑައެޅިފައިވާ އިނާމަކީ 20،000 ރުފިޔާއެވެ. އަދި މުބާރާތުގެ 1 ވަނަ ބައިވެރިއާއަށް ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި 1 އަހަރު ދުވަހު މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މުބާރާތުގެ 2 ވަނައަށް 15،000 ރުފިޔާ، އަދި 3 ވަނައަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ. ކޮންމެ ހަފްތާއަކުވެސް މުބާރާތުން ވަކިވެގެންދާ ބައިވެރިއަކަށް 600 ރުފިޔާގެ އަގުހުރި އިނާމެއް ދެވިގެންދާނެއެވެ.

2016 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި މުބާރާތުގެ އެންމެ ޚާއްސަކަމަކީ މިއީ މުބާރާތަކީ ދިވެހިރާއްޖޭގެ އަޑުން ޢާއްމުގޮތެއްގައި ކުރިއަށްގެންދާ މުބާރާތްތަކާ ޚިލާފަށް މުބާރާތުގެ ފަނޑިޔާރުންގެ އިތުރުން އެހުންތެރިންނަށްވެސް އިންސާފުކުރުމުގެ ފުރުޞަތު ލިބިގެންދާ މުބާރާތެއްކަމެވެ.

ރިއަލިޓީ ޝޯވއެއްގެ ސިފައިގައި ކުރިއަށްގެންދާ މި މުބާރާތް ބައްޓަންކޮށްފައިވަނީ ކޮންމެ ހަފްތާއަކުވެސް މުބާރާތުގެ ބައިވެރިންނަށް ތަފާތު ފޯމެޓެއްގެ ހުށައެޅުމެއް ހުށައަޅަންޖެހޭ ގޮތަށެވެ. އެގޮތުން ރިޕޯޓް ހުށައެޅުމާއި، ޚަބަރު ކިޔުން، ވާހަކަ ކިއުން، އިންޓަރވިއުކުރުން، ރޭޑިއޯ ޑްރާމާ، އަދި ރަށަކަށް ގޮސް، ލޮކޭޝަން އިންޓަރވިއު ނެގުމާއި، ފޯން ލައިވް ޕްރޮގްރާމް ބައިވެރިން ހުށައަޅަންޖެހެއެވެ. މީގެ ކުރިން ބޭއްވި މި މުބާރާތުގެ 4 ސީޒަނަށްވެސް ބޮޑު ތަރުޙީބެއް ވަނީ ލިބިގެންގޮސްފައެވެ.