ޚަބަރު

މަނަދޫގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރްޑީސީއަށް


ނ.މަނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއިި ހަވާލުކޮށްފިއެވެ.

މި މަސައްކަތް އާރްޑީސީއާ ޙަވާލުކޮށްފައިވަނީ އެއް އަހަރާއި 5 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މަނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އަހުމަދު ޝާހިދެއެވެ.

މި މަޝްރޫޢުގެ ދަށުން 4.2 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުން ހިމެނެވެ.

މި މަޝްރޫޢަކީ 75،735،385.00 (ހަތްދިހަ ފަސްމިލިޔަން ހަތްލައްކަ ތިރީސްފަސް ހާސް ތިންސަތޭކަ އަށްޑިހަ ފަސް ރުފިޔާ)ގެ މަޝްރޫއެކެވެ.

މަނަދޫގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފައިވާއިރު އާރްޑީސީން މިހާރުވެސް 17 ރަށެއްގައި މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްދަނި ކުރަމުންނެވެ.

އަދި މާލޭގެ އެންމެ ބޮޑެތި މަގުތަކުގެ ތެރޭގައި ހިމެނޭ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް އާރްޑީސީން އަންނަނީ ކުރަމުންނެވެ.