ޚަބަރު

ޒަމާނީ ވަސީލަތްތަކާއެކު އުރީދޫން އެމްއެންޑީއެފްގައި ޖިމެއް


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ކަޅުތުއްކަލާ ކޮށީގައި ޒަމާނީ ވަސީލަތްތަކާއެކު "ސެނަފިޓް ސެންޓަރު" ގެ ނަމުގައި ޖިމެއް ހުޅުވައިފިއެވެ. މިއީ އެމްއެންޑިއެފްގެ އެދިލެއްވުމުގެ މަތިން އުރީދޫ މޯލްޑިވްސް އާއި ޤާއިމްކޮށްދިން ޖިމެކެވެ.

މިޖިމް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އާއި އުރީދޫ މޯލްޑިވްސްގެ ޗެއަރޕަރސަން ފަތިމާ އަލް ކުވާރީއެވެ. މިޖިމް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސްވެރިންނާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޚާލިދް އަލް ހަމާދީ އާއި އުރީދޫގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

މިޖިމަކީ ޞިއްޙަތާއި ދުޅަހެޔޮކަމަށް އުރީދޫން ދޭ އަހައްމިއްޔަތުކަމުގެ ދަށުން ހުޅުވި ޖިމެއްކަމަށް އުރީދޫން ވިދާޅުވެއެވެ. މިޖިމް ގާއިމް ކޮށްފައިވަނީ ޒަމާނީ ފިޓްނަސް ވަސީލަތްތައް ހިމެނޭ ގޮތަށެވެ.

ދުޅަހެޔޮ އާދަތައް އަށަގަންނުވައި، ގައިން ގަޔަށް ނާރާ ބަލިތައް މަދުކުރުމަކީ މިސަރުކާރުގެ ޞިއްޙީ ވަޢުދެކެވެ. އެގޮތުން، އާބާދީގެ ކުޑަބޮޑުމިނަށް ނުބަލާ އެކި ރަށްރަށުގައި ޒަމާނީ ފެންވަރަށް އައުޓްޑޯ ޖިމްތައްވެސް ސަރުކާރުން އަންނަނީ ތަރައްޤީކުރަމުންނެވެ.