ދުނިޔޭގެ ވިޔަފާރި

ލަންކާގެ ދަރަންޏާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނަން: ޗައިނާ


ސްރީލަންކާގެ މިދިޔަ އަހަރާއި މި އަހަރުގެ ދަރަނިތަކާ މެދު އަމަލުކުރާނެ ގޮތެއް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ނިންމަން މަސައްކަތް ކުރާނެ ކަމަށް ޗައިނާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކުން ބުނެފިއެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފުން އަންގާރަ ދުވަހު ބުނި ގޮތުގައި ޗައިނާ، އިންޑިއާ އަދި ބޮޑެތި ހުރިހާ ބައިލެޓަރަލް ކްރެޑިޓަރުންގެ ފައިނޭންސިން އެޝުއަރެންސް ލަންކާއިން ވަނީ ހޯދާފައިކަމަށެވެ. އަދި އައިއެމްއެފުން ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ދޫކުރަން ހަމަޖެހިފައިވާ 2.9 އެމެރިކާ ޑޮލަރުގެ ބެއިލް އައުޓަށް ރުހުން ދިނުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތް މި މަހުގެ 20 ވަނަ ދުވަހު ފަށާނެ ކަމަށްވެސް އައިއެމްއެފުން ބުނެއެވެ.

ޗައިނާގެ އެގްޒިމް ބޭންކުން މި މަހުގެ 6 ވަނަ ދުވަހު ލަންކާ ސަރުކާރަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުން ދަރަނީގެ މައްސަލައިގައި ޗައިނާގެ ފުރިހަމަ ސަޕޯޓް ލަންކާއަށް ލިބޭނެއެވެ. އެ ބޭންކުގެ ނައިބު ރައީސް ޒާންގް ވެންކައި ފޮނުއްވި މި ސިޓީގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި ދެ އަހަރު ދުވަހުގެ ލޯނުތަކުގެ ޕްރިންސިޕަލް އާއި އިންޓަރެސްޓް ވަގުތުން އަނބުރާ ދައްކަން ނުޖެހޭނެ ކަމަށެވެ.

"ކުރިއަށް އޮތް މަސްތަކުގައި ދަރަނީގެ މައްސަލަތަކުގެ ތަފްސީލުތައް ފައިނަލް ކުރުމަށް ވިސްނާއިރު، މި މުއްދަތުގައި މެދު އަދި ދިގު މުއްދަތުގެ ދަރަނިތަކާއި ބެހޭ ގޮތުން ލަންކާއާއިއެކު މަޝްވަރާ ކުރުމުގެ މަރުހަލާ އަވަސް ކުރުން މުހިންމު. ދަރަނީގެ މައްސަލައިގައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ލަންކާއަށް ކޮށްދޭނަން." އެ ސިޓީގައި ވެއެވެ.

މި ސިޓީގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ޖެނުއަރީ މަހު އެ ބޭންކުން ލަންކާއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައި ހުރި ކަންތައްތަކެވެ. ނަމަވެސް ކުރިއަށް އޮތް މަސްތަކުގައި މި މައްސަލައަށް ގޮތެއް ނިންމާނެ ކަމަށް ކުރީގެ ސިޓީގައި ބުނެފައެއް ނުވެއެވެ.

ސިޓީގައި އިތުރަށް ބުނެފައިވާ ގޮތުގައި ހަމަހަމަ ގޮތެއްގައި ދަރަނީގެ މައްސަލަތަކުގެ ހައްލު ހޯދައިދިނުމަށް ކްރެޑިޓަރުންނަށް ޗައިނާއިން ގޮވާލާ ކަމަށާއި، މަލްޓިލޭޓަރަލް ކްރެޑިޓަރުންނަށް ކޮންޓްރިބިއުޝަން ދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް ހިތްވަރުދޭ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

"އެއީ އަޅުގަނޑުމެންގެ އިޚްލާސްތެރިކަމާއިއެކީގައި ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ނައްތާލަން ލަންކާއަށް އެހީތެރިވުމަށް ކުރާ މަސައްކަތްތައް ފުރިހަމައަށް ދައްކުވައިދޭ ކަމެއް. އަދި ލަންކާ އިން ލޯނަށް އެދި ހުށަހަޅާފައިވާ، ކަމާއިބެހޭ ފަރާތްތަކުން ވީހާވެސް އަވަހަކަށް ރަނގަޅު ޖަވާބެއް ދޭނެ ކަމަށް އުންމީދު ކުރަން،" ގަވާއިދުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މައޯ ނިންގް ވިދާޅުވިއެވެ.

އައިއެމްއެފްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު ނިމުނުއިރު ލަންކާއިން އެގްޒިމް ބޭންކަށް ދައްކަންޖެހޭ 2.83 ބިލިއަން އެމެރިކާ ޑޮލަރު ނުވަތަ ބޭރުގެ ދަރަނީގެ %3.5 އެބައޮތެވެ.

ވޭތުވެދިޔަ 70 އަހަރު ދުވަހުގެ ތެރޭގައިވެސް ކުރިމަތި ނުވާހާ ބޮޑު އިޤްތިޞާދީ ކާރިސާއަކާއި ލަންކާއަށް ކުރިމަތިލާން ޖެހިފައިވާއިރު، ޑޮލަރުގެ ދަތިކަމުގެ ސަބަބުން ކޮންމެހެން ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށް ވަނީ ހުރަސް އެޅިފައެވެ. ނަމަވެސް މިދިޔަ އަހަރަށް ވުރެ މި އަހަރު އެ ގައުމުގެ އިޤްތިޞާދީ ހާލަތު ވަނީ ރަނގަޅުވެފައެވެ.