ޚަބަރު

މަގޫދޫ ރައްޔިތުންނަށް ރޯދަ ހަދިޔާއަކަށް ކަރަންޓް ބިލާ ކާށި ހިލޭ


ރަށްރަށުގެ ކައުންސިލްތަކުން ރަށުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ގިނަ ކަންތައްތަކެއް ކޮށްދެއެވެ. ޚާއްސަކޮށް ކޮންމެ އަހަރެއްގެ ރަމަޟާންމަހާއި ދިމާކޮށް ބައެއް ކައުންސިލްތަކުން ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއެވެ. އެގޮތުންވެސް ފާހަގަކޮށްލެވޭ ނަމޫނާ އެއް ކައުންސިލަކަށް ފ. މަގޫދޫ ކައުންސިލްވާނެއެވެ.

ކަރަންޓު މުޅިން ހިލޭ

އެ ކައުންސިލުން މިއަހަރުގެ ރަމަޟާންމަހާއި ދިމާކޮށް ވަނީ ރައްޔިތުންނަށް ވަރަށް އަގުހުރި ހަދިޔާތަކެއް ދީފައެވެ. އެގޮތުން ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށްއޮތް ރަމަޟާންމަހު އެރަށުގެ ހުރިހައި ގޭބީސީއެއްގެ ކަރަންޓް ބިލް ކައުންސިލުން ދައްކައިދިނުމަށް ނިންމާފައެވެ. ކުރިންވެސް މަގޫދޫ ކައުންސިލުން ވަނީ ރޯދަމަހާއި ދިމާކޮށް ގޭބީސީތަކުގެ ކަރަންޓް ބިލް ކައުންސިލްގެ ޚަރަދުގައި ދައްކައިދީފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފ. މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަޙީދު ވިދާޅުވީ، އެރަށުގައި ޖުމްލަ 130 ގޭބީސީ އެބަހުރިކަމަށެވެ. ކައުންސިލުން މި ހުރިހައި ގެއެއްގެ ރޯދަމަހުގެ ކަރަންޓް ބިލް ދައްކައިދިނުމަށް ނިންމާފައިވާއިރު ގާތްގަނޑަކަށް 250000 (ދެލައްކަ ފަންސާސްހާސް) އާއި 300000 (ތިން ލައްކަ) ރުފިޔާ ޚަރަދުވާނެކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ހުރިހާ ގޭބީސީއަކަށް ކާށި

ކާއްޓަކީ ރޯދަ މަހު ކެއުމުގެ ތަފާތު ބާވަތްތައް ތައްޔާރުކުރަން މުހިންމު އެއްޗެކެވެ. މިދުވަސްވަރަށް ބަލާއިރު ކާށީގެ އަގު ވަނީ ވަރަށް ބޮޑަށްވެސް އުފުލިފައެވެ. ނަމަވެސް މަގޫދޫ ކައުންސިލުން އެ ޚަރަދު އެރަށު ރައްޔިތުންނަށް ލުއިކޮށްދެއްވާފައެވެ. ރޯދަމަހާއި ދިމާކޮށް ފ. މަގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީންން ވަނީ އެރަށުގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ކާށި ހަދިޔާކޮށްފައެވެ.

ކައުންސިލްގެ ރައީސް އަބްދުﷲ ވަޙީދު ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އާމްދަނީ އިތުރުކުރުމަށް ކައުންސިލުން ރަށުގެ ރުއްތައް އޮންނަނީ އަންހެނުންގެ ކޮމެޓީއާއި ހަވާލުކޮށްފައިކަމަށެވެ. ރޯދަމަސް ފިޔަވައި އެހެން މަސްމަހު އަންހެނުންގެ ކޮމެޓީން 3މަހުން 1 މަހު ކަހަލަ ގޮތަކަށް ކާށި ހޮވުމަށްފަހު ކުދި ކާއްޓާއި، ކުރޮޅި އަދި ބޮޑެތި ކާށީގެ ވަކި ޢަދަދެއް ކާށި ހޮވަންދާ އެންމެންނަށް އެއްވަރަށް ބަހައެވެ. އަދި ދެން ހުންނަ ބައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އާމްދަނީ ހޯދުމަށް ވިއްކައެވެ.

މި ރޯދަމަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެ ކޮމެޓީއާއި ކައުންސިލްގެ ހުރިހައި މެންބަރުން ނިކުމެ ވަނީ ކާށި ހޮވާފައެވެ. އަދި ހޮވި ކާށި ވަނީ ރަށުގެ ރަޖިސްޓްރީގައި ތިބި އެންމެންނަށް ބަހާފައިކަމަށް އޭނާ ވިދާޅުވިއެވެ.

“2 ގޮތަކަށް މި ބަހަނީ. އެއްބައި މިދެނީ އާބާދީއަށް. އަނެއްބައި މިދެނީ ކައިބޮއިހަދާ ގޭގެއަށް. އެގޮތައް އަޅުގަނޑުމެން މިކަން މިކުރަނީ." އަބްދުﷲ ވަޙީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރަމަސާންމަހު ބޭނުންކޮށްލެވޭ މިންވަރަކަށް ގޭގެއަށް ކާށި ދެވިފައި ހުންނާނެކަމަށެވެ. އެގޮތުން 15 މީހުންނާއި 10 މީހުން ތިބި ގޭގެއަށް ގާތްގަނޑަކަށް 50 ވަރަކަށް ކާށި ލިބިފައި ހުންނާނެކަން އަބްދުﷲ ވަޙީދު ފާހަގަކުރެއްވިއެވެ. މިއީ ރޯދަމަހާއި ދިމާކޮށް ކައުންސިލުން ފ. މަގޫދޫގެ ރައްޔިތުންނަށް ކާށި ބެހި 3 ވަނަ އަހަރެވެ.

މީގެ އިތުރުންވެސް މަގުދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އަންނަނީ ރަށުގެ ރައްޔިތުންނަށް ފައިދާ ވާނެ އަދި ނަފާ ލިބޭނެ އެތައް ކަމެއް ކުރަމުންނެވެ. ރަށުގައި ތިބެގެން ހުނަރުވެރި އަދި އާމްދަނީ ލިބޭނެ ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރަމުންނެވެ.

އެގޮތުން މަގޫދޫ ކައުންސިލުން ވަނީ އެރަށުގައި ތަރައްޤީކުރާ އެއަރޕޯޓްގެ ބޭނުމަށް ސާފު ކޮށްފައިވާ ބިމުން ނަގާފައިވާ ރުއްތަކުގެ ފަންތައް މަގޫދޫގެ ފަންގިވިނުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ބެހާފައެވެ.