ޚަބަރު

ފަތުރުވެރިކަމުގެ ޢަމާޒުހުރީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ޚިދުމަތްދެވޭ ތަނަކަށް ރާއްޖެ ހެދުމަށް


އައު ކަންކަން ތައާރަފްކުރުމުގެ ތެރެއިން މިވަގުތު ރާއްޖޭގެ ފަތުރުވެރިކަމުގެ މިސްރާބުހުރީ، އެކިކަހަލަ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަން މީހުންނަށްވެސް ޚިދުމަތް ދެވޭ ތަނަކަށް ހެދުމަށްކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ޖަރުމަންވިލާތުގެ ބާލިންގައި މިހާރު ކުރިއަށްދާ އައިޓީބީ ބަރލިން ފެއަރގައި ރާއްޖޭގެ ފަރާތުން ވަނީ "މޯލްޑިވްސް މީޑިއާ މީޓް"ގެ ނަމުގައި ބައިނަލްއަޤްވާމީ މިޑިއާތައް ހުޅުވާލައިގެން ޓޯކް ޝޯވްއެއް ބާއްވާފައެވެ.

މި ޓޯކް ޝޯގައި މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ.އަބްދުﷲ މައުސޫމްގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ޠައްޔިބު މުޙައްމަދާއި، ރާއްޖޭގެ ފަތުރުވެރިކަމަށް ދިގު މުއްދަތަށް ޚިދުމަތް ކުރައްވަމުންދާ ޗަމްޕާ ހުސައިން އަފީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

"މޯލްޑިވްސް މީޑިއާ މީޓް"ގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގައި މިހާރު ކުރަން އޮތް އެންމެ މުހިންމުކަމަކީ، މިދާއިރާއިން ހޯދިފައިވާ ކުރިއެރުންތަކާއި ކާމިޔާބީތައް އެގޮތުގައި ދެމެހެއްޓުމަށް ކުރަންޖެހޭ ބުރަ މަސައްކަތްކަމަށެވެ. ވިދިވިދިގެ 3 އަހަރު ރާއްޖެ، ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ މަޤާމު ހޯދާފައިވާއިރު، ރާއްޖެއަކީ ދުނިޔޭގެ "ނަމްބަރ 1"ގެ ގޮތުގައި ދެމެހެއްޓުން އެއީ މުޅި އިންޑަސްޓްރީގެ ޢަމާޒުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ހޯދަމުންދާ ކާމީޔާބީގެ އެންމެ ބޮޑު ސަބަބަކީ، ޚިދުމަތްތައް ތަރައްޤީކުރުމަށް ލިބޭ ޚިޔާލުތަކަށް ޢަމަލީ ސިފަ ގެނައުމުގައި ދެމިއޮތުންކަމަށެވެ. މިވަގުތުވެސް ދެ ކަމަކަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޭގެތެރޭގައި ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ޚިދުމަތް ބައްޓަށްކުރުމަށް ކުރަމުންދާ މަސައްކަތުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރާއްޖޭގެ ރީތިކަން ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ފުރިހަމައަށް ލިބޭ ޤައުމަކަށް ރާއްޖެ ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ އިތުރުން، އެފަދަ މީހުންނަށް އެހީވުމަށް ޚާއްސަ ދާއިރާތަކުން މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖެއަކީ އެންމެނަށްވެސް ހުޅުވިފައި އޮންނަ، ކޮންމެ މީހަކަށްވެސް އައިސް ބަލާލެބޭނެ ތަނަކަށް ވާންޖެހޭ. އޭރުން ހަމަހަމަ ޚިދުމަތެއް ދެވޭނީ. މިހާރު މަސައްކަތް ފަށާފައިވަނީ އެކިކަހަލަ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ޤާއިމުކުރަން. މިހާރު އެބަ ކުރިއަށްދޭ، އެފަދަ މީހުން ގޮވައިގެން ގޮސް ޑައިވިންގައި އުޅޭނެ މީހުން ތަމްރީންކުރުމުގެ މަސައްކަތް." މިނިސްޓަރ ވިދާޅުވިއެވެ.

ލޯކަލް ޓުއަރިޒަމްއަކީވެސް ރާއްޖެއަށް ވަރަށް މުހިންމު އުފެއްދުމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ރަށުގައި ގެސްޓް ހައުސް ހިންގާ މީހުންގެ އިތުރުން، ރަށްރަށުގައި ހުރި ކުދިކުދި ސިނާއަތްތަކަށްވެސް އޭގެ މަންފާ ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގައި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށާއި، ދަނޑުވެރިންނަށްވެސް އޭގެ ނަފާ ލިބެމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ޖީޑީޕީގެ %47އަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީއެވެ. އަދި ނުސީދާގޮތުން %80 މީގެތެރޭގައި މީގެތެރޭގައި ޙިއްސާކުރެއެވެ.