ގެއްލިގެން ހޯދަމުންދަނިކޮށް ދެ ހަފްތާފަހުން ފެނުނު ސ.މަރަދޫފޭދޫ، ގަސްކަރަ މުޙައްމަދު އާސިރު އިސްމާއިލަށް ވީގޮތެއް މިހާތަނަށް ހޯދިފައި ނުވަނީ، އޭނާގެ ސިއްޙީ މައްސަލައެއްގެ ސަބަބުން އެ ވާހަކަ ކިޔައި ނުދޭތީކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން މިހެން ވިދާޅުވީ، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތަކާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ (241 ކޮމިޓީ)އަށް ފުލުހުން ޙާޒިރުކުރުމުން ދެއްކެވި ވާހަކަތަކުގައެވެ.
ކޮމިޓީގައި އާސިރު ހޯދުމަށް ކުރެއްވި މަސައްކަތްތައް ތަފްސީލްކޮށްދެއްވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، އާސިރު ގެއްލިގެން ރިޕޯޓު ކުރުމާއެކު އޭނާގެ މައުލޫމާތުތައް އެއްކޮށް، ފޮޓޯ އަދި ފޯން ނަންބަރު އިންޓެލިޖެންސަށް ފޮނުވައި، އެންމެ ފަހުން ފޯނު ބޭނުން ކުރި ތަނާއި އެންމެ ފަހުން ވާހަކަދައްކާފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރެއްވިކަމަށެވެ.
ޝުޖާޢު ވިދާޅުވީ އާސިރު ދިރިއުޅުނު ގޭ ހ. އަލްޝާވިލާ ސަރަހައްދުވެސް ސީސީޓީވީ ފޫޓޭޖު މެދުވެރިކޮށް ބެލިކަމަށެވެ. ޝުޖާޢު ވިދާޅުވީ މާލެ ސަރަހައްދުން ލިބެން ހުރި ސީސީޓީވީ ފޫޓޭޖާއި، ގެސްޓްހައުސްތަކާއި، މުޅި އެއާޕޯޓުވެސް ބަލާ ފާސްކުރިކަމަށެވެ. ނަމަވެސް މިހާތަނަށް އެ ތަހުގީގަށް ލިބުނު އެއްވެސް މައުލޫމާތަކުން އޭނާ ގެއްލި ފެނުމާ ހަމައަށް ހޭދަވި 12 ދުވަހު ވީގޮތެއް އެނގިފައި ނުވާކަމަށެވެ.
ޝުޖާޢު ވިދާޅުވީ އެމުއްދަތުގައި ވީ ގޮތެއް އާސިރު ކިޔައި ނުދެނީ އޭނާގެ ސިއްޙީ މައްސަލައެއްގެ ސަބަބުންކަމަށެވެ. އެ ވާހަކަތައް އާސިރު ކިޔައި ނުދެނީ ސިއްޙީ މައްސަލައެއްގެ ސަބަބުންކަން އެނގުމުން، އެކަމުގެ ޚާއްޞަ ޑޮކްޓަރަކަށްވެސް ދެއްކިކަމަށެވެ. އަދިވެސް އެކަމަށް އާސިރު ވާހަކަ ނުދައްކާކަމަށާއި، ނަމަވެސް އަދިވެސް އޭނާއަށް ވީގޮތް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ޝުޖާޢު ވިދާޅުވިއެވެ.
"އޭނާ ފެނުނު ހިސާބުން ސީސީޓީވީގެ އިންޑަށް ބަލައިގެންވެސް އެއަރޕޯޓުން ނިކުމެގެން ނޫނީ އެހެން ދިމާލަށް ދިޔަކަމެއް އަޅުގަނޑުމެންގެ ސީސީޓީވީ އެއްވެސް ކެމެރާއަކުން ނެތް ފެނިފައެއް. އެހެންކަމުން އަޅުގަނޑުމެން އުއްމީދު މިކުރަނީ ވިކްޓިމްއަށް ވާހަކަ ދެއްކޭނެ އިރަކުން އޭނާ އުޅޭނު ތަނުގެ މަޢުލޫމާތު ލިބޭނެކަމަށް. ނަމަވެސް މިވަގުތަށް ލިބިފައި ހުރި މަޢުލޫމާތުގަ ކަނޑައެޅިގެން އޭނާ އެއަރޕޯޓްގަތޯ އެ ދުވަސްވަންދެން ހުރީ އެއީ އަޅުގަނޑުމެންނަށް ކަނޑައެޅިގެން ނޭނގޭ ބުނާކަށް." ޝުޖާޢު ވިދާޅުވިއެވެ.
ގެއްލުނު ފަރާތްތައް ހޯދުމުގައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޭފުޅުންނާ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން ބައްދަލުކުރުން pic.twitter.com/m1F2GIbfTn
— People's Majlis (@mvpeoplesmajlis) March 7, 2023
އާސިރު ގެއްލިގެން ހޯދަން ފެށީ މިދިޔަ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. އަދި އޭނާ ފެނުނީ ފެބުރުއަރީ 17 ވަނަ ދުވަހުއެވެ. ފެނުނުއިރު އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އާސިރު ހޯދުމުގެ މަސައްކަތް ކުރިއަށްދިޔަގޮތުގެ ތަފްސީލް މީޑިއާއާއި ޙިއްސާކުރައްވަމުން ފުލުހުން ކުރިން ވިދާޅުވެފައިވަނީ އޭނާ ދިރިއުޅޭ ގެ ހ. އަލްޝާވިލާ ސަރަހައްދު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ފުލުހުންގެ ކެމެރާތަކާއި ވެލާނާ އިންޓަނޭޝަން އެއަރޕޯޓުގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކެމެރާތަކާއި ޓީއެމްއޭގެ ކެމެރާތަކާއި އެއަރޕޯޓު ފެރީ ހުންނަ ސަރަހައްދުގެ ކެމެރާ ހިމެނޭހެން 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު ބަލާފައިވާ ކަމަށެވެ. އެގޮތުން މާލެއާއި، އެއަރޕޯޓްގެ ފުޓޭޖްތަކުން އާސިރުގެ ހަރަކާތްތައް ފެންނަ ވީޑިއޯތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
މިވީޑިއޯތަކުން ފެންނަނީ 4 ފެބްރުއަރީ ވަނަ ދުވަހުގެ ރޭ 19:20 ހާއިރު، ބޮޑުތަކުރުފާނު މަގު ހުޅުލޭ ފެރީ ޓަރމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އޭނާ އަރާ މަންޒަރެވެ. އަދި އެ ޓެކްސީ ގޮސް އެއަރޕޯޓް ޓަރމިނަލަށް މަޑުކުރުމުން އާސިރު ޓެކްސީން ފައިބައިގެން ގޮސް ޓަރމިނަލަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖަކުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ ތަހްޤީގު ޓިމުން ވަނީ އޭނާ އެއަރޕޯޓަށް ދިޔަ ޓެކްސީގެ ޑްރައިވަރާވެސް ސުވާލުކޮށްފައެވެ.