ޚަބަރު

7 ރަށެއްގައި ހޮސްޕިޓަލް އެޅުމަށް މިހަފްތާތެރޭ ހަވާލުކުރަނީ


ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން 7 ރަށެއްގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ ހޮސްޕިޓަލް އެޅުމަށް މިހަފްތާ ތެރޭ ހަވާލު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. މި ހަތް ރަށުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލްތަކެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހެލްތު މިނިސްޓްރީން މިދިޔައަރު އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި ޞިއްޙީ ދާއިރާގައި ހިމެނޭ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން 21 މަޝްރޫޢެއް ވަނީ ނިމިފައެވެ.

މީގެ ތެރޭގައި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ޖާގަ އިތުރުކުރުމަށް ހިންގި މަޝްރޫޢުތައް ހިމެނެއެވެ. ޞިއްޙީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރުގެ ބަޖެޓުގައިވެސް އެކި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގެ އައު ޢިމާރާތް އެޅުމަށް 551 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ އިތުރުން މުޅި ސިއްހީ ދާއިރާގެ މަޝްރޫޢުތަކަށް ސަރުކާރުން ވަނީ 7 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ.

ރާއްޖޭގެ ސިއްހީ ނިޒާމް އިތުރަށް ފުޅާ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ހިމަނައިގެން 7 ރަށެއްގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލް އެޅުމަށް ނިންމާ މިހޮސްޕިޓަލްތަކުގެ މަސައްކަތް މިހަފްތާ ތެރޭ ހަވާލު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓާރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. މިނިސްޓާރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޒަމާނީ ފެންވަރަށް މިހޮސްޕިޓަލް އަޅަން ހަމަޖެހިފައިވަނީ ހދ .ހަނިމާދޫ، ށ.މިލަންދޫ، ނ. ވެލިދޫ، ކ.ތުލުސްދޫ، އދ.މާމިގިލީގެ އިތުރުން ނ.ވެލިދޫ އާއި ތ. ވިލުފުށީގައެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، ހޮސްޕިޓަލު އެޅުމަށް ބޭނުންވާ ފައިސާ ކުވައިތު ފަންޑުން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުވައިތު ފަންޑުގެ އެހީގައި އަޅާ ހޮސްޕިޓަލްތަކުން މިހާރު ޓެންޑާ މަރުހަލާގައި ހަތް ހޮސްޕިޓަލެއް އެބަ އޮތް ކަމަށެވެ. އަދި އެ ހޮސްޕިޓަލުތަކުގެ އިވެލުއޭޝަން މަރުހަލާ މިހާރު ނިމިފައިވާ ކަމަށާއި މިހަފްތާ ތެރޭގައި މަސައްކަތް ހަވާލުކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ކުވައިތު ފަންޑުން ހަދާ ހޮސްޕިޓަލްތައް އަޅުގަނޑު ހަނދާންވާގޮތުން 7 ހޮސްޕިޓަލެއް މިހާރުވަނީ ޓެންޑާރ މަރުހަލާގައި، އިވެލުއޭޝަން ނިމިފައިވަނީ މި ހަފްތާ ތެރޭގައި އިރާދަކުރެއްވިއްޔާ ނޯ އޮބްޖެކްޝަންއަށް ކުވެއިތު ފަންޑަށް ފޮނުވާނަން" އަމީރު ވިދާޅުވިއެވެ.

ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތަކެއް އަޅަން ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރު އޭޕްރީލް މަހުއެވެ. މިއީ ކުވެއިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭ.އީޑީ)ގެ އެހީގެ ދަށުން ހިންގާ ސްޓްރެންތެނިން އޮފް ހެލްތު ސެކްޓަރ ޕްރޮޖެކްޓްގެ ދަށުން ތަރައްގީ ކުރާ ހޮސްޕިޓަލް ތަކެކެވެ.

ރަށްރަށުގައި ތަރައްޤީ ކުރާ މިހޮސްޕިޓަލްތަކުގެ އިތުރުންވެސް ސިއްހީ ނިޒާމް އިތުރަށް ފުޅާކުރުމަށް ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވާ 5 ހޮސްޕިޓަލަކީ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ލ.ގަމު ރީޖަނަލް ހޮސްޕިޓަލެވެ. ޓާޝަރީ ހޮސްޕިޓަލްތަކުގެ އިތުރުން އާބާދީ ބޮޑެތި ގިނަ ރަށްތަކެއްގެ ސިއްޙީ މަރުކަޒުތައް ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.