ޚަބަރު

ޖޫސްޓައިމް ފިހާރައަށް ގެއްލުންދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި


މިދިޔަމަހުގެ 23 ވަނަ ދުވަހު ހުޅުމާލޭ ޖޫސް ޓައިމް ނަމަކަށް ކިޔާ ފިހާރައަކަށް ގެއްލުން ދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވަނީ ޢުމުރުން 28 އަހަރުގެ ފިރިހެނެއްކަމަށެވެ. ނަމަވެސް އޭނާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިކަމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ 19 އަހަރުގެ ފިރިހެނަކުވެސް ފުލުހުން ވަނީ އިއްޔެ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން، 15 ދުވަސް ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވީ ވީޑިއޯގައި ފެންނަ ގޮތުގައި 'ޖޫސް ޓައިމް'އަށް ގެއްލުންދީފައިވަނީ ހެލްމެޓް އަޅާ މޫނު ނިވާކޮށްފައިވާ ދެ ފިރިހެނުންނެވެ. ގެއްލުން ދިނުމަށްފަހު އެ މީހުން ވަނީ ފިލާފައެވެ.