ޚަބަރު

ޔުނިވަރސިޓީތަކުގެ މުވައްޒަފުންގެ މިމަހުގެ މުސާރަ 23000އިން މަތީގައި


ރާއްޖޭގައި ކިޔަވައިދޭ ޔުނިވަރސިޓީތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާއެކު މިމަހު ލިބޭނީ ބޮޑު މުސާރައާއެކު ކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީއާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރަވަނީ ބޮޑުކޮށްފައެވެ. އެގޮތުން ޖުމުލަ 327 މުވައްޒަފުންގެ މުސާރައަށްވަނީ ކުރިއެރުން އައިސްފައެވެ. އޭގެ ތެރޭގައި ޔުނިވަރސިޓީ އެކަޑަމިކް ޕްރޮފެޝަނަލުންގެ ގޮތުގައި މަސައްކަތް ކުރާ 276 ލެކްޗަރަރ އާއި ހަޔަރ އެޑިއުކޭޝަން އިންސްޓިޓިއުޓްތަކުގެ މެނޭޖަރުންގެ ގޮތުގައި މަސައްކަތްކުރާ 30 މުވައްޒަފުންނާއި ހަޔަރ އެޑިއުކޭޝަން އިންސްޓިޓިއުޝަންތަކުގެ ފަންކްޝަނަލް ޕްރޮފެޝަނަލުންގެ ގޮތުގައި މަސައްކަތް ކުރާ 3 މުވައްޒަފުންނާއި ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮފެޝަނަލުންގެ ގޮތުގައި މަސައްކަތްކުރާ 18 މުވައްޒަފުން ހިމެނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވީ ޔުނިވަރސިޓީތަކުގައި ކިޔަވައިދޭ ލެކްޗަރާއިންގެ މުސާރަ ބޮޑު ކުރުމުގެ ސަބަބުން މިދާއިރާގައި ހަރަކާތްތެރިވާ މީހުން އިތުރަށް ކުރިއަށްދިއުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި ވަޒީފާއިން ކެނޑިގެންދާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މުސާރައަށް އައި ބަދަލުން ފެނިގެން ހިނގައްޖެ ޢިލްމީ މަސައްކަތްތަކަށް ދޭ އަހައްމިއްޔަތު ކަމަށް އޮތް ފޯކަސް ބޮޑުކަން. ޔުނިވަރސިޓީގެ ޕްރޮފެސަރުންނަށް ލިބޭ މުސާރަ ވަރަށް ބޮޑުތަން އިތުރުވެފައި މިއޮތީ. ވަރަށް ގިނަ ބަޔަކު ބޭނުންވާނެ ފުލްޓައިމްކޮށް މަސައްކަތް ކުރުމަށް. މިހާރު ޕާޓްޓައިމް ކޮށް ވަޒީފާ އަދާ ކުރާ މީހުންނަށް ފުލްޓައިމްކޮށް މަސައްކަތް ކުރުމަށް ހިތްވަރަކަށް ލިބިގެންދާނެ. "މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ޔުނިވަރސިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސްފައިވަނީ އިސްލާމިކް ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މަޝްވަރާއާއެކުގައިކަމަށެވެ. އަދި މިގެނައި ބަދަލަކީ ހަމައެކަނި ދިވެހި ލެކްޗަރަރއިންނަށް ގެނައި ބަދަލެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މިއައި ބަދަލާއެކު މިއަހަރު 52 މިލިޔަން ރުފިޔާ އަދި ކުރިއަށް އޮތްތަނުގައި އަހަރަކަށް 62 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި މިބަދަލާއެކު މަތީ ތަޢުލީމާއި ތަމްރީންގެ ދަޢިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އެކަޑަމިކް ޕްރޮފެޝަން ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ. ދުނިޔޭގެ އެހެނިހެން ޤައުމުތަކާއެކު ރާއްޖެ ޔުނިވަރސިޓީގެ ޕްރޮފެޝަން ކުރިއަރައިގެން ދާނެ." ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ.

ޔުނިވަރސިޓީތަކުގެ ލެކްޗަރަރއިންގެ މުސާރައަށް އައި ބަދަލު

ޔުނިވަރސިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެސިސްޓަންޓް އިންސްޓްރަކްޓަރަކަށް މަސައްކަތް ކުރާ 36 މުވައްޒަފުންނަށް ކުރިން ގެއަށް ގެންދަން ލިބެނީ 16743 ރުފިޔާއެވެ. އެހެންނަމަވެސް މުސާރައަށް އައި ބަދަލާއެކު އިތުރު ގަޑީގެ އެލަވެންސް ނުހިމަނާ 23502 ރުފިޔާ ލިބޭނެއެވެ. އެއީ %40 ކުރިއެރުމެކެވެ.

އެސޯސިއޭޓް ލެކްޗަރަރގެ މަޤާމް އަދާކުރަމުން އަންނަ 9 މުވައްޒަފުންނަށް ކުރިން މަހަކު 14،826 ރުފިޔާ ލިބުނު ނަމަވެސް %80 އިތުރުވުމަކާއެކު އިތުރުގަޑީގެ އެލަވަންސް ނުހިމަނާ މިހާރު ގެޔަށް ގެންދަން 26،649 ރުފިޔާ ލިބޭނެއެވެ. ލެކަޗްރާއިންގެ ގޮތުގައި މަސައްކަތް ކުރަމުން އަން 128 މުވައްޒަފުންނަށް ކުރިން ލިބެމުން އައީ 18،880 ރުފިޔާއެވެ. އެހެންނަމަވެސް ބޮޑު ކުރި މުސާރައާއެކު އެމުވައްޒަފުންނަށް 29،982 ރުފިޔާ ލިބޭނެއެވެ. އެއީ %59 ކުރިއެރުމެކެވެ.

ސީނިއަރ ލެކްޗަރަރއިންގެ ގޮތުގައި މަސައްކަތް ކުރާ 95 މުވައްޒަފުންނަށް ކުރިން ލިބެމުން އައީ 20،831 ރުފިޔާއެވެ. އެހެންނަަވެސް މުސާރައިގެ އޮނިގަނޑަށް އައި ބަދަލާއެކު އެމުވައްޒަފުންނަށް 34،406 ރުފިޔާ ލިބޭނެއެވެ. އެއީ %63 ކުރިއެރުމެކެވެ. އެސިސްޓެންޓް ޕްރޮފެސަރގެ ގޮތުގައި މަސައްކަތް ކުރާ 8 މުވައްޒަފުންނަށް ކުރިން ލިބެމުން އައީ 23،562 ރުފިޔާއެވެ. ނަމަވެސް އެ މުވައްޒަަފުންނަށް ދެން ލިބޭނީ %67 ކުރިއެރުމަކާއެކު 39،406 ރުފިޔާއެވެ. މީގެ އިތުރަށް އެސޯސިއޭޓް ޕްރޮފެސަރުންނަށް 45،102 ރުފިޔާ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވާއިރު ޕްރޮފެސަރުންގެ ލެވަލްގައި ތިބި މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ވަނީ 51،518 ރުފިޔާ ކަނޑައަޅާފައެވެ. ނަމަވެސް މި މަޤާމުތަކުގައި މިވަގުތު އެއްވެސް މުވައްޒަފަކު ނެތެވެ.

މުސާރައަށް ގެނައި މި ބަދަލާއެކު މިމާރޗް މަހުން ފެށިގެން ޑިސެމްބަރު މަހާހަމައަށް ދަޢުލަތުގެ ބަޖެޓުން ލެކްޗަރާއިންނަށް މުސާރަދިނުމަށްޓަކައި 35.8 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. އަދި އަހަރަކު 43 މިލިޔަން ރުފިޔާ ޚަރަދުވާނެއެވެ.

ހަޔަރ އެޑިއުކޭޝަން އިންސްޓިޓިއުޓްތަކުގެ މެނޭޖަރުންގެ މުސާރަ

ހަޔަރ އެޑިއުކޭޝަން އިންސްޓިޓިއުޓްތަކުގެ މެނޭޖަރުންގެ ގޮތުގައި 30 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެސިސްޓެންޓް ކެމްޕަސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަށް މުސާރައިގެ ގޮތުގައި 24،571 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ކެމްޕަސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް މަހެއްގެ މައްޗަށް ކުރިން 17،672 ރުފިޔާ ލިބިފައިވާއިރު މިހާރު އެމީހުންނަށް 30،127 ރުފިޔާ ލިބޭނެއެވެ. އަދި ޑީން އޮފް ސްޓޫޑެންޓްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ކުރިން 30،570 ރުފިޔާ ލިބޭއިރު މުސާރައަށް ގެނައި ބަދަލާއެކު 34،314 ރުފިޔާ އެ މުވައްޒަފުންނަށް ލިބޭނެއެވެ.

ޑީންގެ ލެވެލްގައި 20 މުވައްޒަފުން މަސައްކަތްކުރަމުން އަންނަ މިއިން ކޮންމެ މުވައްޒަފަކަށް މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 30،184 ލިބުނު ނަމަވެސް ދެން އެ މުވައްޒަފުންނަށް ލިބެމުންދާނީ 38،834 ރުފިޔާއެވެ. ރަޖިސްޓަރގެ ގޮތުގައި 2 މީހަކު މިވަގުތު ޔުނިވަރސިޓީތަކުގައި އެބަތިއްބެވެ. އެ މުވައްޒަފުންނަށް ކުރިން 32،894 ރުފިޔާ ލިބުނުއިރު މިހާރު 42،671 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެއެވެ.

ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް މިވަގުތު ތިބި 6 މުވައްޒަފުންނެވެ. މިއިން ކޮންމެ ބޭފުޅަކަށް މަހެއްގެ މައްޗަށް ކުރިން ލިބުނީ 39،433 ރުފިޔާއެވެ. އެހެންނަމަވެސް މުސާރައަށް ގެނައި ބަދަލާއެކު އެ މުވައްޒަފުންނަށް މަދުވެގެން 48،520 ރުފިޔާ މަހު މުސާރައިގެ ގޮތުގައި ލިބޭނެއެވެ. މީގެ އތުރަށް ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންގެ ނިސްބަތުން މި މަޤާމުތަކުގައި ތިބި މީހުންނަށް 3000އާއި 6000 ދެމެދުގެ އަދަދަކަށް އެލަވަންސްވެސް ލިބޭނެއެވެ.

ފަންކްޝަނަލް ޕްރޮފެޝަނަލް އޮފް ހަޔަރ އެޑިއުކޭޝަން އިންސްޓިޓިއުޝަންސް

ކޮންޓްރޯލާރ އޮފް އެގްޒަމިނޭޝަންގެ ގޮތުގައި 2 މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު މިއިން ކޮންމެ މުވައްޒަފަކަށް މިވަގުތު މުސާރައިގެ ގޮތުގައި ލިބެނީ 30،303 ރުފިޔާއެވެ. ނަމަވެސް އައު އޮނިގަނޑާއެކު މިއިން ކޮންމެ މުވައްޒަފަކަށް މަހެއްގެ މައްޗަށް މަދުވެގެން 34،640 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެއެވެ. އަދި ކުއަލިޓީ އެޝުއަރެންސް ކޮންޓްރޯލަރގެ ލެވަލްގައި ތިބި މުވައްޒަފުންނަށް ކުރިން 28،280 ރުފިޔާ ލިބުނު ނަމަވެސް ދެން އެ މުވައްޒަފުންނަށް މަދުވެގެން 38،701 ރުފިޔާ މުސާރައިގެ ގޮތުގައި ލިބެމުންދާނެއެވެ.

ވޮކޭޝަނަލް ޕްރޮފެޝަނަލުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން

ވޮކޭޝަނަލް ޕްރޮފެޝަނަލުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ގޮތުގައި 18 މުދައްރިސަކު ހަރަކާތްތެރިވަމުން އާދެއެވެ. އޭގެ ތެރޭގައި ރޭންކް 7 ގައި އެސިސްޓެންޓް ލެކްޗަރަރގެ ގޮތުގައި ތިބި 7 މުވައްޒަފުންނަށް މިހާރު މުސާރައިގެ ގޮތުގައި 11،796 ރުފިޔާ ލިބޭއިރު މިހާރު އައި ބަދަލާއެކު އެމީހުންނަށް މަހެއްގެ މައްޗަށް މަދުވެގެން 23،502 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެއެވެ.

ރޭންކް 8 ގައި އެސޯސިއޭޓް ލެކްޗަރަރއިންގެ ގޮތުގައި ތިބި 7 މުވައްޒަފުންނަށް މިހާތަނަށް ލިބެމުން އައީ 15،829 ރުފިޔާއެވެ. ނަމަވެސް މިއައި ބަދަލާއެކު 26،649 ރުފިޔާ އެ މުވައްޒަފުންނަށް ލިބެމުންދާނެއެވެ. މީގެ އިތުރަށް ލެކްޗަރަރގެ ރޭންކްގައި 4 މުވައްޒަފުން ތިބިއިރު މިއިން ކޮންމެ މުވައްޒަފަކަށް ކުރިން 17،760 ރުފިޔާ ލިބުނުނަމަވެސް މިހާރު އެ މުވައްޒަފުންނަށްވެސް 29،982 ރުފިޔާ މަހެއްގެ މައްޗަށް ލިބޭނެއެވެ. ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮފެޝަނަލްސްގެ ގޮތުގައި މަސައްކަތް ކުރާ ސީނިއަރ ލެކްޗަރއިންގެ މަޤާމުގައި މިވަގުތު މުވައްޒަފަކު ނެތްތަނަވެސް އެމީހުންގެ މުސާރައިގެ ގޮތުގައި 34،027 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ޔުނިވަރސިޓީތަކުގައި މަސައްކަތް ކުރާ މީހުންގެ މުސާރަ ބޮޑުކޮށްފައިވާއިރު އެތަންތަނުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންގެ އަސާސީ މުސާރައަށްވެސް 35 އިންސައްތައިގެ ކުރިއެރުމެއްވަނީ ގެނެސްދީފައެވެ. މީގެތެރޭގައި ޤައުމީ ޔުނިވަރސިޓީގައި މަސައްކަތްކުރާ 376 މުވައްޒަފުންނާއި އިސްލާމީ ޔުނިވަރސިޓީގައި ތިބި 64 މުވައްޒަފުން ހިމެނެއެވެ. އަދި ޕޮލިޓެކްނިކްގައި ތިބި 18 މުވައްޒަފުންނަށްވެސް އަސާސީ މުސާރައިގެ 35 އިންސައްތަ ކުރިއެރުމެއް ލިބިގެންދާނެއެވެ.