ޚަބަރު

ހުރިހާ ދާއިރާއެއްގެ މުސާރަތައް އެއްހަމަކުރުމުގެ މަސައްކަތް ނިންމާލައިފި


ރާއްޖޭގެ ހުރިހާ ޕްރޮފެޝަނެއްގެ މުސާރަ އެއްހަމަ ކުރުމަށް ކުރިއަށްގެންދާ މަސައްކަތް މިހާރު ނިމިފައިވާކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ނަމަވެސް މުސާރަ އެއްހަމަކޮށް އައު ޕޭ ފްރޭމްވޯކަށް ޢަމަލުކުރަން ފަށާނެ ތާރީޚެއް ވިދާޅެއް ނުވެއެވެ.

ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ މުސާރައަށް ސަރުކާރުން ގެނައި ހެޔޮ ބަދަލާއި ގުޅިގެން އެކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ.މުޙައްމަދު ފައިޒަލް ވިދާޅުވީ، ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް ބަދަލުތައް ގެންނަމުންދަނީ މަރުހަލާތަކަކަށް ބަހާލައިގެންކަން ޑރ.ފައިޒަލް ފާހަގަކުރެއްވިއެވެ. އޭނާ ވިދާލުވީ ތަޢުލީމީ ދާއިރާއާއި، ޔުނިވާސިޓީ ދާއިރާ އަދި އަންނަ މޭ މަހު ސިއްޙީ ދާއިރާގެ މުސާރަ ބޮޑުކުރުމުން، މުސާރަ އެއްހަމަ ކުރުމުގެ މަސައްކަތުގެ ތެރެއިން ވަރަށް ބޮޑު ބައެއް ނިމިގެންދާނެކަމަށް ވިދާޅުވިއެވެ. ސަަބަބެއްކަމަށް ފައިޒަލް ފާހަގަކުރެއްވީ އެ ދާއިރާތަކަކީ ގިނަ ޢަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ ދާއިރާތަކަކަށްވުމެވެ.

"ދައުލަތުގެ ޕޭ ފްރޭމް ވޯކް މި އަންނަނީ އަޅުގަނޑުމެން މި ކިޔާގޮތަށް ޖޮބް މެޓްރިކްސްތައް. ޓީޗަރުންނާ، އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޕްރޮފެޝަނުން ހިމެނޭހެން މިފަހަރު 4 ޕްރޮފެޝަނެއް މި އަންނަނީ. 7 ޕްރޮފެޝަން މިހާރު މި އޮތީ މިއަށް މައިގްރޭޓް ކުރެވިފަ. ހެލްތު ސެކްޓަރގަ އެބައުޅޭ 50އަށް ވުރެ ގިނަ ޕްރެފެޝަން އިނގޭތޯ. އަނެއްކާ ހެލްތު ސެކްޓަރ މުވައްޒަފުންގެ ޢަދަދުވެސް ވަރަށް ބޮޑުވާނެ. އެހެންވެގެން ވަރަށް ބޮޑު ބައެއް މިއަހަރު ކަވަރުކުރެވިގެން މިދަނީ. ފަންނީގޮތުން ކުރަން ޖެހޭ އެހެން ޕްރޮފެޝަންތަކުގެ މަސައްކަތްތައްވެސް ގާތްގަނޑަކަށް ނިމިފަ ހުރީ. ދައުލަތުން މި ގެންދަނީ ފޭސް ބައި ފޭސް. އެހެންވެ އަޅުގަނޑުމެންގެ އުއްމީދަކީ ހުރިހާ ފަންނެއްވެސް، ހުރިހާ ސެކްޓަރއެއްވެސް މީގެ ތެރެއަށް ވަދެގެން ދިއުން އިނގޭތޯ." ޑރ.ފައިޒަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުސާރަތަކަށް ބަދަލު ގެންނައިރު، ވަކިވަކި މުވައްޒަފުންނަށް މިހާރު ލިބޭ މުސާރައާއި، ބަދަލުވެގެންދާނެ މުސާރައަށްވެސް ވަރަށް ބޮޑަށް ބަލަމުން އަންނަކަމަށެވެ.

"އަޅުގަނޑުމެން އަސްލު ބަލަން ވަކިވަކި މުވައްޒަފުންނާ ލެވެލްއަށް. މިހާރު ލިބޭ މުސާރައާއި ދެން ބަދަލުވާނެ މުސާރަ. އެހެންވެ އެއްވެސް މުވައްޒަފެއްގެ ބަދަލު ނުވާނެ ގޮތަކަށް ނުހުންނާނެ." ޑރ.ފައިޒަލް ވިދާޅުވިއެވެ.

ދައުލަތުގެ މުސާރަތަށް އެއްހަމަކުރުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ދައުލަތުގެ ޕޭ ފްރޭމްވޯކް މިވަގުތު ނިމިފައި ވީނަމަވެސް، އެއަށް ހިޖުރަކުރާނީ އެކަމަށް ބަޖެޓް ކަނޑައަޅައި ރާއްޖޭގެ އިޤްތިޞާދަށް ރިޔާއަތްކުރުމަށްފަހުކަމަށެވެ.

"މިސާލަކަށް ކުރިއަށް އޮތްތާ ހުރިހާ ވުޒާރާއެއްގެ އެޗްއާރުގައި ތިއްބެވި މުވައްޒަފުންނަށް ލިބޭނީ އެއް މުސާރައެއް. އެކިއެކި މުއައްސަސާތަކުގަ އެބަތިބި ތަފާތު މުސާރަތަކުގަ. ހަމައެކަނި ތަފާތަކީ ގިންތިތައް. އެއީ މުއައްސަސާތައް ހުންނާނެ އަޅުގަނޑުމެން ގިންތި ކޮށްފަ." މިނިސްޓަރ ވިދާޅުވިއެވެ.


ދައުލަތުގެ ޕޭ ފްރޭމްވޯކްގެ ދަށުން ސަރުކާރުން މިހާތަނަށް ވަނީ ތަޢުލީމީ ދާއިރާއާއި ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާފައެވެ. އަދި އަންނަ މެއި މަހުން ފެށިގެން ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރައްވާފައެވެ. އެކަމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ފައިސާވެސް ހިމަނާފައެވެ. މީގެ އިތުރުން ސިވިލް ސާރވިސްއާއި، އެނޫންވެސް ދާއިރާތަކުގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވެއެވެ.

އައު ޕޭ ފްރޭމްވަރކްގެ ސަބަބުން ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި މުސާރައާމެދު ހުރި ގިނަ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.