ޚަބަރު

އާބިޓްރޭޝަނަށްފަހު ވެންޓިލޭޓަރުތަކުގެ ފައިސާ ލިބޭނެކަމުގެ އުއްމީދު ބޮޑު: މިނިސްޓަރ


ކޯވިޑްގެ ދުވަސްވަރު ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމަށް ދުބާއީގެ އެގްޒިކިއުޓާސް ކުންފުންޏަށް ދޫކުރި 31 މިލިއަން ރުފިޔާ، އާބިޓްރޭޝަން މަރުހަލާއަށްފަހު ލިބޭނެކަމުގެ އުއްމީދު އެބައޮތްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވަނީ އެ ފައިސާ އެކުންފުންޏަށް ދޫކުރުމުގައި ފިނޭންސް މިނިސްޓްރީން ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މަޖިލީހުގެ ޖަލްސާގައި މެންބަރު ޙަސަން އަފީފް ވަނީ ކޯވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދުމުގެ ނަމުގައި ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް 31 މިލިއަން ރުފިޔާ ދައުލަތުގެ މާލިއްޔަތަށް ޒިންމާ ވާންޖެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ދޫކުރެއްވީ ކީއްވެތޯ މިނިސްޓަރާ ސުވާލުކުރައްވާފައެވެ. އަދި މި ފައިސާ މިނިސްޓަރުގެ ހުއްދަނެތި ދޫކޮށްފައިވާ ކަމަށްވާނަމަ، އެކަން ކުރި މިނިސްޓްރީގެ މުވައްޒަފަށް އަޅާފައިވާ ފިޔަވަޅަކީ ކޮބައިތޯވެސް ޙަސަން އަފީފްގެ ސުވާލުގައިވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ދަލަތުގެ މާލިއްޔަތަށް ފާރަވެރިވުމުގެ މެންޑޭޓު ހަވާލުކޮށްފައިވާ ޕްރޮކިއުމެންޓު ހިނގާފައިވާ ގޮތްބަލައި ނެރެފައި ރިޕޯޓުތަކުން ފިނޭންސް މިނިސްޓްރީން އެއްވެސް ޤާނޫނަކާ، ޤަވާއިދާއި އަދި އެއްވެސް އުސޫލަކާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެ މައްސަލާގައި އޭސީސީން ފިނޭންސް މިނިސްޓްރީއަށް އެންގެވީ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާކުރުމަށްކަމަށާއި، އެކަން ކުރައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިކަމާ ގުޅޭގޮތުން އޮޑިޓް އޮފީހުން 16 އޮގަސްޓް 2020ވަނަ އަހަރު ޝާއިއުކޮށްފައިވާ ކޮވިޑް19އާއި ގުޅޭ ޚަރަދުތަކުގެ ކޮމްޕްލެއިންސް އޮޑިޓް ރިޕޯޓް، މިނިސްޓްރީ އޮފް ހެލްތުގައި ވެންޓިލޭޓަރ މައްސަލާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު މިނިސްޓްރީ އޮފް ފިނޭންސުން ޤާނޫނާ ޤަވާއިދާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފައިވާކަން ފާހަގަކޮށްފައެއް ނުވޭ." ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވަނީ ވެންޓިލޭޓަރުތައް ހޯދުމަށް ދައުލަތުން ދޫކުރި ފައިސާ ހޯދުމަށް އާބިޓްރޭޝަނަށް މައްސަލަ ހުށައަޅުއްވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެ މަރުހަލާ ނިމިގެންދާއިރު ދައުލަތަށް ގެއްލުނު 31 މިލިއަން ރުފިޔާ ލިބޭނެކަމުގެ އުއްމީދު ބޮޑުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑުގެ ޙާލަތު އެންމެ ގޯސްވި ދުވަސްވަރު ސަރުކާރުން އެޅުއްވި ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިން "ސިންގަލް ސޯސް ޕްރޮކިޔުމަންޓް" އުސޫލުން 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ އެގްޒިކިއުޓާސް ކުންފުންޏާއެކު އެއްބަސްވެ ވިޔަފާރީގެ މުޢާމަލާތްވަނީ ހިންގާފައިވެއެވެ. އަދި އެކުންފުންޏަށް އެޑްވާންސް ފައިސާގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދިވެހި ދައުލަތުގެ ފަރާތުން ދައްކާފައިވެއެވެ. މިއެއްބަސްވުމުގެ ދަށުން ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ނަމަވެސް އެއީ ދިވެހި ދައުލަތުން އެއްބަސްވި މިންގަނޑަށް ނުފެތޭ ތަކެތިކަމަށްވުމުން ދައުލަތުން އެތަކެތި ބަލައިގެންފައެއް ނުވެއެވެ.

މި މައްސަލައިގައި ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ރާއްޖެއިން ވަނީ އާބިޓްރޭޝަނަށް އެ މައްސަލަ ހުށައަޅާފައެވެ. އަރބިޓްރޭޝަންގައި ދައުލަތުން އެދުނީ އެގްޒެކިއުޓަރސްއިން ފޯރުކޮށްދީފައި ނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި، ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ދިވެހި ސަރުކާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު ޖުމްލަ 32،574،750 (ބައްތިރީސް މިލިއަން ފަސް ލައްކަ ހަތްދިހަ ހަތަރުހާސް ހަތްސަތޭކަ ފަންސާސް ) ދިވެހި ރުފިޔާއަށްވާ 2،112،500 ( ދެމިލިއަން އެއްލައްކަ ބާރަހާސް ފަސްސަތޭކަ) އެމެރިކާ ޑޮލަރު ހޯދުމަށެވެ. މީގެ އިތުރުން އިންޓްރެސްޓާއި އަރބިޓްރޭޝަންގެ ޚަރަދުތައް ހޯދުމަށްވެސް އެދިފައިވާ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައެވެ.

ވެންޓިލޭޓަރުގެ ކޮރަޕްޝަންގެ މައްސަލާގައި ބައެއް މީހުންގެ މައްޗަށް ދަޢުވާ އުފުލުމަށް ވަނީ އޭސީސީން ޕީޖީ އޮފީހަށް ފޮނުއްވާފައެވެ.