ބަންގްލަދޭޝްގެ އިރުދެކުނުގައި ރޮހިންޔާ މުސްލިމުން ދިރިއުޅޭ ރެފިޔުޖީ ކޭމްޕެއްގައި ރޯވެ، ގިނަ ޢަދަދެއްގެ ބަޔަކު ގެދޮރު ގެއްލިއްޖެއެވެ. އަލިފާނުގެ ހާދިސާގައި 2,000 އަށްވުރެ ވަގުތީ ހިޔާ ވަނީ އަނދައި ހުލިވެފައެވެ. އަދި، މި ހާދިސާއާ ގުޅިގެން 12,000 އަށްވުރެ ގިނަ ރެފިޔުޖީންގެ ދިރިއުޅުމަށް ވަނީ އަސަރުކޮށްފައެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވާ ކުޓުޕަލޮންގްގައި ހުންނަ ރެފިޔުޖީ ކޭމްޕަކީ ދުނިޔޭގައިވާ އެންމެ ބޮޑު ރެފިޔުޖީ ކޭމްޕެވެ. ބަންގްލަދޭޝްގެ ރެފިޔުޖީންނާ ބެހޭ ސަފީރު މިޖާނޫރް ރަޙްމާން ވިދާޅުވީ، އަލިފާން ރޯވެފައި ވަނީ ބެމްބޫއާއި ސަތަރި ބޭނުންކޮށްގެން ބިނާކޮށްފައިވާ ވަގުތީ ހިޔާތަކެއްގައެވެ.
މި ހާދިސާގައި 35 މިސްކިތަކާއި، ރޮހިންޔާ ކުޑަކުދިންނަށް ތަޢުލީމު އުނގަންނައިދިނުމަށް ބޭނުންކުރާ 21 މަރުކަޒެއް ވެސް ވަނީ އަނދާ ހުލިވެފައެވެ. އަދި، ގިނަ ޢަދަދެއްގެ ފިހާރަތަކުގައި ވެސް ވަނީ ރޯވެ، މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.
ރެފިޔުޖީ ކޭމްޕުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމުގައި ރަޙްމާން ވިދާޅުވިއެވެ. އަދި، އެ ކަން ދެނެގަތުމަށް އޮފިޝަލުން މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ. ބަންގްލަދޭޝްގައި ރޮހިންޔާ މުސްލިމުން ދިރިއުޅޭ ރެފިޔުޖީ ކޭމްޕުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުމަކީ ޢާންމު ކަމެއް ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.
2021 ވަނަ އަހަރުގެ ޖަނަވަރީ މަހާއި 2022 ވަނަ އަހަރުގެ ޑިސެންބަރު މަހާ ދެމެދު ރެފިޔުޖީ ކޭމްޕުތަކުގައި 222 އަލިފާނުގެ ހާދިސާ ހިނގާފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ. މީގެ ތެރެއިން 60 ކޭސްއަކީ ގަސްދުގައި ރޯކޮށްލުމުގެ ސަބަބުން ހިނގާފައިވާ އަލިފާނުގެ ހާދިސާތަކެއް ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.
2021 ވަނަ އަހަރު މާރިޗު މަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 15 މީހުން ވަނީ މަރުވެފައެވެ. އަދި، 50,000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން ދިޔަ ވަގުތީ ހިޔާތައް އަނދައި ހުލިވިއެވެ. އަދި، އެ މީހުން މަގުމަތިވިއެވެ.
ބަންގްލަދޭޝްގައި ރޮހިންޔާ ދަރިކޮޅުގެ މިލިޔަނަކަށްވުރެ ގިނަ ރެފިޔުޖީން ދިރިއުޅެއެވެ. އެ މީހުންނަކީ، މިޔަންމާގެ ސަރުކާރާއި އަސްކަރިއްޔާއިން އެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ސަލާމަތްވުމަށް 2017 ވަނަ އަހަރު ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާ ބައެކެވެ. އެ މީހުން ބަންގްލަދޭޝްގައި ވެސް ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައެވެ.