ޚަބަރު

'ޖޫސް ޓައިމަށް ހަމަލާ ދިނުމުގައި ޢަމަލީގޮތުން ބައިވެރިވި އެކަކު ހައްޔަރުކޮށްފި


މިދިޔަމަހުގެ 23 ވަނަ ދުވަހު ހުޅުމާލޭ ޖޫސް ޓައިމްނަމަކަށް ކިޔާ ފިހާރައަކަށް ގެއްލުން ދިނުމުގައި ޢަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނެއްކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން މިމީހާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލައިގައި ފުލުހުން ބަލާ ފާސްކުރަމުންދިޔައިރު މީގެކުރިން ހުޅުމާލޭ އެޕާޓްމަންޓަކުން ފުލުހުން ވަނީ މަސްތުވާތަކެއްޗާއެކު 7 މީހަކުވެސް ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރުކުރި އެޕާޓްމަންޓުން މަސްތުވާތަކެއްޗާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެތިވެސް ފެނިފައިވާކަމަށް ފުލުހުން ވަނީ އޭރު ވިދާޅުވެފައެވެ. ހައްޔަރުކުރީ ހުސް ދިވެހިންކަމަށާއި އެމީހުންގެ ތެރޭގައި އަންހެނަކުވެސް ހުންނާނެކަމަށް ފުލުހުން ވިދާޅުއެވެ.

ސޯޝަލް މީޑިއާގައި ދައުރުވީ ވީޑިއޯގައި ފެންނަ ގޮތުގައި 'ޖޫސް ޓައިމް'އަށް ގެއްލުންދީފައިވަނީ ހެލްމެޓް އަޅާ މޫނު ނިވާކޮށްފައިވާ ދެ ފިރިހެނުންނެވެ. ގެއްލުން ދިނުމަށް ފަހު އެ މީހުން ވަނީ ފިލާފައެވެ.