ޚަބަރު

ބޮޑު މަގާމެއްގައި ހުއްޓަސް ވަކި ސިފަތަކެއް ނެތިއްޔާ ލީޑަރަކަށް ނުވާނެ: ނައިބު ރައީސް


ހަރުދަނާ ލީޑަރަކަށްވެވޭނީ ވަކި ބާރުގަދަ މަޤާމެއްގައި ހުރެގެން ނޫންކަމަށާއި، އާރުލާ ސިފަތަކާއެކު ކޮންމެ މީހަކީވެސް ލީޑަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ނެޝަނަލް އެޗްއާރް ކޮންވެންޝަން ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޙަގީގީ ލީޑަރުންނަކީ ކޮންމެ ޙާލަތެއްގައިވެސް މުޅި ޓީމު ގޮވައިގެން ކުރިއަށްދާން ދަންނަ މީހާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ ގިނަ މީހުންނަށް ޤަބޫލުކުރެެވިފައި ވެފައި އޮންނަނީ ލީޑަރުންނަކީ ބާރުގަދަ މަޤާމެއްގައި ހުންނަ މީހެއްކަމަށެވެ. އެގޮތުން ޤައުމުގެ އެންމެ އިސް މަޤާމުތަކުން ފެށިގެން ކުންފުނިތަކުގެ މަތީ މަޤާމުތަކަކީ ލީޑަރުންގެ ގޮތުގައި ގިނަ ބަޔަކަށް ސިފަވެފައި އޮންނަކަމަށް ފައިސަލް ވިދާޅުވިއެވެ.

އެހެންނަމަވެސް ޙަގީގީ ލީޑަރަކަށް ވެވޭނީ ބޮޑެތި މަޤާމްތަކެއް ލިބިގެން ނޫންކަމަށާއި، ލީޑަރަކަށް ވެވޭނީ ހަރުދަނާ ސިފަތަކެއް ހުރެގެންކަމަށެވެ. މިގޮތުން މުޅި ޓީމު ގޮވައިގެން މަސައްކަތް ކުރަން އެންގުމަކީ ހަރުދަނާ ލީޑަރޝިޕެއްގެ ސިފައެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ކޯވިޑްގެ ދަނޑިވަޅުއައީ އެއްވެސް ބަޔަކު ހީވެސް ނުކޮށް ތިއްބާ، އެދަނޑިވަޅުގައި ޤައުމަށް އެންމެ ބޭނުންވާ ކަންކަން ދެނެގަނެ ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެންދިޔައީ ހަރުދަނާ ލީޑަރޝިޕެއް އޮތުމުން. މިހާރު ތައްޔާރުވާންވީ ކުރިއަށް އޮތްތަނުގައިވެސް އެފަދަ އަންއެކްސްޕެކްޓެޑް ޙާލަތެއް އައުމުން މަސއްކަތަށް ނުކުންނާނެ ހަރުދަނާ ވޯކްފޯސްއެއް ބިނާކުރުމަށް" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ޤައުމެއްގެ ކުރިއެރުން އެޤައުމެއްގެ ލީޑަރޝިޕާއި ގުޅިފައިވަނީ އެތައް ސަބަބުތަކަކަށްޓަކައިކަމަށެވެ. އަދު ޤައުމުގެ މާދަމާއަށް ބޭނުންވާ މީހުން ތައްޔާރުކުރުމަކީ އެއިރެއްގައި އޮންނަ ލީޑަރޝިޕެއްގެ ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވާ ނައިބު ރައީސް ވަނީ މިވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ޒުވާނުން ބާރުވެރިކުރުވާ މީހުން ބިނާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ނެޝަނަލް އެޗްއާރް ކޮންވެންޝަނަށް އަލިއަޅުއްވާލައްވަމުން ނާއިބު ރައީސް ވިދާޅުވީ އިންސާނީ ވަޞީލަތް ހަރުދަނާކުރުމަށް މާޕްގެ ފަރާތުން ކުރިއަށްގެންދާ މިފަދަ ސެޝަންތަކުގެ ފައިދާ ކުރާނީ ލިބުނު މަޢުލޫމާތަކާއި ޢިލްމެއްގެ ބޭނުން ހިފައިގެންކަމަށެވެ.

3 ވަނަ ނެޝަނަލް އެޗްއާރް ކޮންވެންޝަންއަކީ ހިއުމަން ރިސޯސްގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ. ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި 400 މީހުން ބައިވެރިވެފައިވާކަމަށް މާޕްއިން ބުނެއެވެ. މިއަހަރަށް ކަނޑައެޅި ޝިޢާރަކީ "ކްރިއޭޓިން ވެލިއު އެންޑް ލީޑިންގ އޯގަނައިޒޭޝަން."އެވެ. މިފަހަރުގެ ކޮންވެންޝަންގައި 11 އިންޓަރނޭޝަނަލް އެކްސްޕަރޓް ސްޕީކަރސް އާއި ރާއްޖޭގެ އެކި ސިނާޢަތްތަކުގެ އެޗްއާރް ދާއިރާގެ ސްޕީކަރުންވެސް ބައިވެރިވެފައިވާކަމަށް މާޕްއިން ބުނެއެވެ.

މާޕްއަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެވެ. މި ޖަމިއްޔާގެ މައިގަނޑު މަޤްޞަކީ އެޗްއާރް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ، އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ.