ޚަބަރު

އައިއޭއީއޭގެ އިސްވެރިޔާ އީރާނުގެ ރައީސާ ބައްދަލުކުރައްވައިފި


އ.ދ.ގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ (އައި.އޭ.އީ.އޭ)ގެ އިސްވެރިޔާ ރަފަޔަލް ގްރޮއްސީ އީރާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ރައީސް އިބްރާހީމް ރައީސީއާ ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ. މި ދަތުރުފުޅުގައި އީރާނާ އެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި، އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ ގޮތުން ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައި ގްރޮއްސީ ވިދާޅުވެއެވެ.

މީގެ ތެރެއިން އެއް ކުރިއެރުމަކީ، އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓުތައް މޮނީޓަރުކުރުމަށް އައި.އޭ.އީ.އޭ.އިން ހަރުކޮށްފައިވާ ކެމެރާތަކުގެ ބޭނުންކުރަން އަލުން ފެށުމަށް އީރާނުން އެއްބަސްވުމެވެ. އަދި، އެ ކާރުޚާނާތައް ބަލައިފާސްކުރުމަށް އައި.އޭ.އީ.އޭ.ގެ ޓީމުތަކަށް އިތުރު ފުރުޞަތުތައް ދިނުމަށް ވެސް އީރާނުން އެއްބަސްވެފައިވާ ކަމުގައި ގްރޮއްސީ ވިދާޅުވިއެވެ.

އޭނާ އީރާނަށް ވަޑައިގަންނަވާފައި މި ވަނީ، އެ ޤައުމުގެ ނިއުކްލިޔަރ ހަކަތައާ ބެހޭ ދިރާސާކުރާ ކާރުޚާނާއަކުން، ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް ބޭނުންވާ މިންވަރަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް މައުދަނުގެ ޕާޓިކަލްތަކެއް ފެނިފައިވާ ދަނޑިވަޅެއްގައެވެ. މި ދަތުރުފުޅުގެ މައިގަނޑު އެއް ބޭނުމަކީ، އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭގޮތުން 2015 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުން އަލުން އިޔާދަކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

ގްރޮއްސީ ތެހެރާނަށް ދެ ދުވަހުގެ ދަތުރުފުޅެއް ކުރައްވާފައި މި ވަނީ، އީރާނާއެކު އޮތް ގުޅުންތައް ބަދަހިކުރަން އައި.އޭ.އީ.އޭ.އިން މަސައްކަތް ކުރާ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި އޭނާ ވަނީ އީރާނުގެ ނިއުކްލިޔަރ ހަކަތައާ ބެހޭ އިދާރާގެ އިސްވެރިޔާ މުޙައްމަދު އިސްލާމީއާ ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. އެ ބައްދަލުވުން ވެސް ގްރޮއްސީ ސިފަކުރައްވާފައި ވަނީ ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއްގެ ގޮތުގައެވެ.

އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ އެއްބަސްވުން އަލުން އިޔާދަކުރުމާ ގުޅޭ ގޮތުން ވެސް ފައިދާހުރި މަޝްވަރާތަކެއް ކުރެވުނު ކަމުގައި ގްރޮއްސީ ވިދާޅުވިއެވެ. އަދި، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެ ކަމާ ގުޅޭ މަޝްވަރާތައް ފެށުމަށް އީރާނުން އެއްބަސްވެފައިވާ ކަމުގައި ވެސް ގްރޮއްސީ ވިދާޅުވިއެވެ.

އީރާނުން ޔުރޭނިއަމް 83.7 އިންސައްތައަށް މުއްސަނދިކުރުމުގެ ގާބިލުކަން ހޯދާފައިވާ ކަމަށް އައި.އޭ.އީ.އޭ.ގެ ސިއްރު ރިޕޯޓެއްގައި ދާދިފަހުން ވަނީ ހާމަކޮށްފައެވެ. އެ ތަކެތި ފެނިފައި ވަނީ އެ ޤައުމުގެ ފޯރްދޯ ނިއުކްލިޔަރ ހަކަތައިގެ ދިރާސާކުރާ ކާރުޚާނާއިންނެވެ. ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް ބޭނުންވާ ފިސައިލް މެޓީރިޔަލް ހުންނަންޖެހެނީ 90 އިންސައްތައަށްވުރެ މަތީ މިންވަރަކަށް މުއްސަނދިކޮށްފައެވެ.

އީރާނުން 12 ވަރަކަށް ދުވަހުގެ ތެރޭގައި ނިއުކްލިޔަރ ބޮމެއް ތައްޔާރުކުރުމުގެ ގާބިލުކަން ހޯދާނެ ކަމަށް އެމެރިކާގެ ދިފާޢީ އިދާރާ ޕެންޓެގަންއިން ދާދިފަހުން ވަނީ ބުނެފައެވެ. ނަމަވެސް، އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާއިން ކުރަމުންދާ ތުހުމަތުތައް އެ ޤައުމުން ދޮގުކުރެއެވެ.