ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ބޯންމަތު ބަލިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އުޅޭ އާސެނަލުން ފަހަތުން އަރައި ބޯންމަތު ބަލިކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް އެ ޓީމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް އެގެންދިޔައީ އެންމެ ފަހު ސިކުންތާއި ޖެހެންދެންވެސް ނޭވާ ހިފަަހައްޓާލައިގެން ހުންނަން ޖެހުނު މެޗަކަށެވެ. މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. ނަމަވެސް މިމެޗްގެ ފެށުން ރަނގަޅުވީ ބޯންމޯތުގެއެވެ.

މިގޮތުން މެޗް ފެށިތާ ނުވައެއް ޕޮއިންޓް އެކެއް އެކެއް ސިކުންތުގެ ތެރޭގައި ބޯންމޯތުންވަނީ މިމެޗްގެ ލީޑު ނަގާ އާސެނަލް ސިއްސުވާލާފައިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފިލިޕް ބިލިންގްއެވެ. މިއީ ޕްރިމިއަރ ލީގުގެ ތާރީހްގައި ދެވަނައަށް އެންމެ އަވަސް ލަނޑެވެ. އެންމެ އަވަސް ލަނޑަކީ 2019 ވަނަ އަހަރު ވޮޓްފަޑް ކޮޅަށް ސައުތެމްޕްޓަންއަށް އޭރު ކުޅެމުންދިޔަ ޝެން ލޯންގް ޖަހާދިން ލަނޑެވެ. އެއީ ހަތެއް ޕޮއިންޓް ހައެއް ނުވައެއް ސިކުންތުންނެވެ.

މިމެޗްގައި އާސެނަލްއިން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް ދެންވެސް ފެނިގެންދިޔައީ ބޯންމޯތުގެ ލަނޑެކެވެ. މިލަނޑު އެޓީމަށް މެޗްގެ 57 ވަނަ މިނެޓްގައި ޖަހާދިނީ މާކޯ ސެނެސީއެވެ. މިމެޗްގައި އާސެނަލްގެ ފުރަތަމަ ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހާދިނީ ތޯމަސް ޕާޓޭއެވެ. އަދި މެޗްގެ 70 ވަނަ މިނެޓްގައި ބެން ވައިޓް ޖަހާދިން ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަ ވެގެންދިޔައެވެ. މިމެޗުން އާސެލަން މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގެ ހަތްވަނަ މިނެޓްގައި ޖަހާދިނީ ރީސް ނެލްސަންއެވެ.

މިކާމިޔާބީއާއެކު އާސެނަލް މިވަނީ ކުޅުނު 26 މެޗުން ލިބިފައިވާ 63 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ އެޓީމަށް ލިބިފައިވި ފަސް ޕޮއިންޓްގެ ލީޑު އަނެއްކާވެސް ދަމަހައްޓާފައެވެ. އަދި ބޯންމޯތު އުޅެނީ 21 ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.