ޚަބަރު

އދގެ އެޓޮމިކް ހަކަތައާބެހޭ އިސްވެރިޔާ އީރާނަށް


އ.ދ.ގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ (އައި.އޭ.އީ.އޭ)ގެ އިސްވެރިޔާ ރަފަޔަލް ގްރޮއްސީ އީރާނަށް ވަޑައިގަންނަވައި، އެ ޤައުމުގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. އޭނާ އީރާނަށް ވަޑައިގަންނަވާފައި މި ވަނީ، އެ ޤައުމުގެ ނިއުކްލިޔަރ ހަކަތައާ ބެހޭ ދިރާސާކުރާ ކާރުޚާނާއަކުން، ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް ބޭނުންވާ މިންވަރަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް މައިދަނުގެ ޕާޓިކަލްތަކެއް ފެނިފައިވާ ދަނޑިވަޅެއްގައެވެ.

ގްރޮއްސީ ތެހެރާނަށް ދެ ދުވަހުގެ ދަތުރުފުޅެއް ކުރައްވާފައި މި ވަނީ، އީރާނާއެކު އޮތް ގުޅުންތައް ބަދަހިކުރަން އައި.އޭ.އީ.އޭ.އިން މަސައްކަތް ކުރާ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި އޭނާ ވަނީ އީރާނުގެ ނިއުކްލިޔަރ ހަކަތައާ ބެހޭ އިދާރާގެ އިސްވެރިޔާ މުޙައްމަދު އިސްލާމީއާ ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
އޭނާ އީރާނަށް ކުރެއްވި ދަތުރުފުޅުގެ މައިގަނޑު އެއް ބޭނުމަކީ، އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭގޮތުން 2015 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުން އަލުން އިޔާދަކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

"ވަރަށް ފައިދާހުރި އަދި ބިނާކުރަނިވި މަޝްވަރާތަކެއް ބޭއްވުނު. އަދި، ދެ ފަރާތުގެ ދެމެދުގައި މުހިންމު ދާއިރާތަކުން އެއްބަސްވުމަކަށް އާދެވުނު. ކުރިއަށް އޮތް ތަނުގައި މުހިންމު އެއްބަސްވުންތަކެއް އެކުލަވައިލެވޭނެ ކަމަށް އުންމީދުކުރަން،" ގްރޮއްސީ ވިދާޅުވިއެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން އިސްލާމީ ވިދާޅުވީ، އީރާނުގެ އިތުރުން އެއްބަސްވުމަށް އަމަލުކުރަން ޖެހޭ އިތުރު ފަރާތްތައް ވެސް ހިމެނޭ ކަމުގައެވެ. އަދި، އެ ފަރާތްތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާ ކުރުމަށް އޭނާ ވަނީ ގޮވައިލައްވާފައެވެ. އޭނާ އިޝާރާތްކުރައްވާފައި އެ ވަނީ އިނގިރޭސިވިލާތާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތަށެވެ. އެމެރިކާއިން 2018 ވަނަ އަހަރު ވަނީ އެއްބަސްވުމަށް އަމަލުކުރުން ހުއްޓައިލާފައެވެ.

މި ދަތުރުފުޅުގައި އޭނާ އީރާނުގެ ރައީސް އިބްރާހީމް ރައީސީއާ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެ ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކަށް ވާނީ، ނިއުކްލިޔަރ އެއްބަސްވުން އިޔާދަކުރުމާ ގުޅޭ މަޝްވަރާތައް އަލުން ފެށުމާ މެދު އީރާނުން އާނބަސް ހޯދުމެވެ. ރައީސީ ބައްދަލުކުރުމުގެ ފުރުޞަތު ނުލިބޭނަމަ އީރާނަށް ވަޑައިނުގަންނަވާނެ ކަމަށް އޭނާ ކުރިން ވަނީ ވިދާޅުވެފައެވެ.

އީރާނުން ޔުރޭނިއަމް 83.7 އިންސައްތައަށް މުއްސަނދިކުރުމުގެ ގާބިލުކަން ހޯދާފައިވާ ކަމަށް އައި.އޭ.އީ.އޭ.ގެ ސިއްރު ރިޕޯޓެއްގައި ދާދިފަހުން ވަނީ ހާމަކޮށްފައެވެ. އެ ތަކެތި ފެނިފައި ވަނީ އެ ޤައުމުގެ ފޯރްދޯ ނިއުކްލިޔަރ ހަކަތައިގެ ދިރާސާކުރާ ކާރުޚާނާއިންނެވެ. ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް ބޭނުންވާ ފިސައިލް މެޓީރިޔަލް ހުންނަންޖެހެނީ 90 އިންސައްތައަށްވުރެ މަތީ މިންވަރަކަށް މުއްސަނދިކޮށްފައެވެ.

އީރާނުން 12 ވަރަކަށް ދުވަހުގެ ތެރޭގައި ނިއުކްލިޔަރ ބޮމެއް ތައްޔާރުކުރުމުގެ ގާބިލުކަން ހޯދާނެ ކަމަށް އެމެރިކާގެ ދިފާޢީ އިދާރާ ޕެންޓެގަންއިން ދާދިފަހުން ވަނީ ބުނެފައެވެ. ނަމަވެސް، އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާއިން ކުރަމުންދާ ތުހުމަތުތައް އެ ޤައުމުން ދޮގުކުރެއެވެ.