ޚަބަރު

އެޗްޑީސީގެ ނަމުގައި ސައްޙަނޫން މެސެޖުތަކެއް، ސަމާލުވޭ!


ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ ނަމުގައި ބައެއް ލިންކްތައް ހިމެނޭހެން އާންމުންނަށް ފޮނުވަމުންދަނީ ސައްޙަނޫން މެސެޖުތަކެއްކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެޗް.ޑީ.ސީއިން ވިދާޅުވީ، އެކޯޕްރޭޝަންގެ ނަމުގައި ބައެއް ކަހަލަ ލިންކުތަކެއް ހިމެނޭގޮތަށް އާއްމުންނަށް މެސެޖުތަކެއް ލިބެމުންދާކަން އެ ކޯރޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެފަދަ އެއްވެސް މެސެޖެއް އެއްވެސް ބޭނުމެއްގައި އާއްމުންނަށް ނުފޮނުވާނެކަމަށާއި، މިފަދަ ސައްޙަނޫން މެސެޖުތަކާމެދު އާއްމުން ސަމާލުވުމަށް އެޗް.ޑީ.ސީއިން ވަނީ އެދިފައެވެ.


އެޗްޑީސީއިން މިކަން ހާމަކޮށްފައިވާއިރު، އޮޅުވާލުމާއި މަކަރު ހަދައިގެން ފޭރުމުގެ މައްސަލަތައް ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. އެގޮތުން އެކި ތަންތަނުގެ ނަމުގައި ފޭކް ކޯލްތަކާއި އެކި ކަހަލަ ލިންކް ފޮނުވާ، މީހުންގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ އަތުލާ މައްސަލަތައް ވަނީ އިތުރުވެފައެވެ.

އިންޓަނެޓް ބޭންކިންގ ޔޫޒާ ނޭމާއި، ޕާސްވޯޑް ހޯދުމަށްފަހު، އެކައުންޓުގައި ހުންނަ ފައިސާ އެހެން އެކައުންޓުތަކަށް ޓްރާންސްފަރ ކުރަމާއި، އިންޓަނެޓް ބޭންކިންގ އެޕްލިކޭޝަން ބޭނުންކޮށްގެން އެކި ފިހާރަތަކުން ކިއު.އާރު ސްކޭން މެދުވެރިކޮށް މޯބައިލް ފޯނާއި އިލެކްޓްރޯނިކް ޑިވައިސް އާއި ތަފާތު މުދާ ގަނެފައިވާ މައްސަލަތައް ފުލުހުންނަށް ހުށަހެޅިފައިވާކަމަށް ފުލުހުންވެސް ވަނީ ވިދާޅުވެފައެވެ.