ޚަބަރު

މާލެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް ބިން ހިއްކަން ފަށަނީ


މާލެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ ގޮތުން ގުޅީފަޅުން ބިން ހިއްކަން ފަށަން ތައްޔާރުވެފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ސިއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

މާލެ ވިޔަފާރި ބަނދަރުގައި މިހާރު އޮތް އެންމެ ބޮޑު އެއް ދައްޗަކީ ޖާގައިގެ ދަތިކަމެވެ. މިކަން ހައްލުކުރުމުގެ ގޮތުން ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން މާލެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިމަސައްކަތުގެ ދަށުން ގުޅީފަޅު ހިއްކުމަށާއި، ރާއްޖޭގެ މައި ސީޕޯޓް ތަރައްޤީކުރުމަށް ބަޖެޓުގައި 959.2 މިލިއަން ރުފިޔާ ވަނީ މިއަހަރުގެ ބަޖެޓްގައި ކަނޑއަޅާފައެވެ.

ގުޅީފަޅުގައި ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަމަށެވެ. އެގޮތުން، މިހާރު ބަނދަރަށް ބޭނުންވާ ބިން ހިއްކަން ތައްޔާރުވެފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

" މިމަޝްރޫޢު މިޙާރު އިން ސްޓޭޖަކީ އެބަނދަރަށް ބޭނުންވާ އެއްބައި މިވަނީ ހިއްކިފައި. އަނެއްބައި ހިއްކުމުގެ މަސައްކަތްތަކުގެ ދަށުން މިހާރު ޑްރެޖަރ އޮތީ އައިއްސަ. ދެން އެބިން ހިއްކާ ނިމެންވާއިރަށް ކޮންޓްރެކްޓަރަަކާއި ހަވާލުކުރެވޭނެ. މިހާރު 4 ކޮންޓްރެކްޓަރުން ޕްރީ ކޮލިފައިކޮށްފައި." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިހާރު މަސައްކަތްތައް ރޭވިފައިވާގޮތުން ކުރިއަށް އޮތް 2 އަހަރު ދުވަސް ތެރޭގައި މާލެ ވިޔަފާރި ބަނަދަރު ގުޅީފަޅަށް ބަދަލުކުރެވި، ބޭނުންކުރަން ފެށޭނެކަމަށެވެ. އަދި މިއާއިއެކު މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ އޮތް ޖާގައިގެ ދަތިކަން ހައްލުވެގެންދާނެކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

"މި ޕްރޮޖެކްޓަކީ ވަރަށް މުހިންމު ޕްރޮޖެކްޓެއް. ރާއްޖޭގެ އިޤްތިޞާދަށްވެސް އަދި ޚާއްސަކޮސް މާލެ ސަރަހައްދުގެ މުޅި ލޮޖިސްތިކްސް އޮޕަރޭޝަންތަކަސް ވަރަށް ބޮޑު އިންޕެކްޓެއް އަންނާނެ. އަދި ވިޔަފާރި ބަނދަރުގެ ކެޕޭސިޓީ ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ. އަޅުގަނޑު މިހާރު ޚިދުމަތްދޭ ބޯޓުތަކަށް ދޭ ޚިދުމަތްތައްވެސް ވަރަށް ބޮޑަށް ފުޅާވެގެންދާނެ" ޝާހިދު ވިދާޅުވިއެވެ.

ކޯވިޑަށްފަހު ރާއްޖެއަށް އެތެރެކުރާ މުދާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެމްޕީއެލްގެ މަސައްކަތައް ކުރުމަށް މިހާރު ދިމާވެފައިވާ އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލެ ވިޔަފާރި ބަނދަރުގައި އެކަށީގެންވާ ޖާގަ ނެތުމެވެ. އެމްޕީއެލްގެ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަނީ މާލެ ވިޔަފާރި ބަނދަރުގެ ކެޕޭސިޓީއަށްވުރެ 3 ގުނަ އިތުރަށްކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

މާލެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުންނާއި އެމްޕީއެލްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މިކަން ހައްލުކުރުމަށް ތިލަފުށީގައި ބަލްކް ޓަރމިނަލްއެއް ތަރައްޤީކުރުމުގެ މަސައްކަތް އެމްޕީއެލްއިން އަންނަނީ ކުރަމުންނެވެ.

ބަލްކް ޓާރމިނަލްއަކީ ހިލަ، ހިލަވެލި އަދި ދަނގަޑު ފަދަ ސާމާނު އެތެރެކޮށް، ރާއްކާކުރާ ޓާރމިނަލްއެކެވެ.