ޚަބަރު

އަރުނީތާއާއި ޕަވަންދީޕްގެ ރީތި ލަވަތަކުން ދިވެހިންގެ ހިތްތައް ފަތަހަކޮށްފި


"އިންޑިއަން އައިޑަލް" ސީޒަން 12 ކާމިޔާބުކުރި ޕަވަންދީޕް ރަޖަންއާއި އެ ޝޯވގެ ފަސްޓް ރަނާއަޕް އަރުނިތާ ކަންޖިލާލް ރާއްޖޭގައި ބޭއްވި ޝޯވއަށް ގިނަބައެއްގެ ލޮތްބާއި ބޮޑު ތަރުޚީބެއް ލިބިޖެއެވެ.

ރާއްޖެއާއި އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކުން އިސްނަގައިގެން ބާއްވާ ޓުވެނިއަލް ފެސްޓިވަލްގެ ތެރެއިން ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ރޭ ބޭއްވި "މިއުޒިކަލް އައިޑަލް" ޝޯވ ބަލާލުމަށް ގިނަ އަދަދެއްގެ އާއްމުން ގޮސްފައިވެއެވެ.

ރޭ ބޭއްވި "މިއުޒިކަލް އައިޑަލް"ގައި ޕަވަންދީޕާއި އަރުނިތާގެ އަޑުން ވަނީ ދިވެހިންގެ މެދުގައިވެސް މަޤުބޫލު ރީތި ހިންދީ ލަވަތަކެއް ހުށަހަޅައިދީފައެވެ. ޝޯވއަށް ޓިކެޓް ގަނެގެން ވަދެވޭގޮތަށް ކުރިން ހަމަޖެއްސިނަމަވެސް، ފަހުން މި ޝޯވ ބަލާލުމަށް އާއްމުންނަށް ހިލޭ ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

މި ޝޯވގައި ބައިވެރިވުމަށް މި ދެ ފަންނާނުންވެސް ރާއްޖެއައިސްފައިވަނީ މިދިޔަ ބުދަދުވަހުއެވެ.

ޕަވަންދީޕާއި އަރުނިތާ އަކީ 2021ގެ އިންޑިއަން އައިޑަލް އިން ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ، އަދި އޭގެ ފަހުން ވެސް އިންޑިއާގައި މަޤުބޫލުކަން ހޯދަމުން އަންނަ ދެ ލަވަކިޔުންތެރިންނެވެ. މީގެ ތެރެއިން އަރޫނީތާ ކަންޖިލާލް ވަނީ ޒީ ބަންގްލާ ޝޯވ ސަރެގަމާޕާ 2013 ކާމިޔާބު ކޮށްފައެވެ. އަދި ޕަވަންދީޕް ވަނީ 2015 ވަނަ އަހަރުގެ "ދަ ވޮއިސް އިންޑިއާ" ކާމިޔާބުކޮށްފައެވެ.

"ޓުއާނިވަލް"ގެ ދަށުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި، މިދިޔަ ޖަނަވަރީމަހު ވަނީ އިންޑިއާގެ ގިނަ ފަންނާނުންނާއި ދިވެހި ފަންނާނުންތަކަކާއެކު ފޯރިގަދަ ފުޓުބޯޅަ މެޗެއް ކުޅެފައެވެ.