ޚަބަރު

ލުފްތަންސާއަށް މިދިޔަ އަހަރު ފައިދާ ވެއްޖެ


ޖަރުމަނުވިލާތުގެ އެއަރލައިން ލުފްތަންސާ އަށް މިދިޔަ އަހަރު ފައިދާ ވެއްޖެކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިދިޔަ އަހަރު ލުފްތަންސާއަށް ފައިދާވެފައި މިވަނީ ވިދިވިދިގެން ދެ އަހަރު ދުވަހު އެއާރލައިނަށް ގެއްލުން ލިބުމަށްފަހުއެވެ. ފައިދާވެފައި ވަނީ ކޯވިޑުގެ ބަލިމަޑުކަމާއި ހެދި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުންނެވެ.

މިކަމާއި ގުޅިގެން އެ އެއާރލައިންގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ސީ.އީ.އޯ ކާސްޓެން ސްޕޯރ ވިދާޅުވީ، ލުފްތަންސާ އެނބުރި އައިއްސި ކަމަށެވެ.

"އެންމެ އަހަރެއް ތެރޭގައި ކުރިން ނުފެންނަ މާލީ ބަދަލެއް ހޯދިއްޖެ. ލުފްތަންސާ އަށް މިދިޔަ އަހަރު ފައިދާ ވެއްޖެ ގްރޫޕުން ހީކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދާފައިވޭ. މި އަހަރުވެސް ވައިގެ ދަތުރުފަތުރަށް އޮތް ޑިމާންޑް ބޮޑު" އޭނާ އިތުރަށް ވިދާޅުވިއެވެ. އަދި ލަފާކުރި ގޮތާއި އެއްގޮތަށް 1.5 ބިލިއަން ޔޫރޯގެ އެޑްޖަސްޓްޑް އޮޕަރޭޓިން ފައިދާ ވެސް އެ އެއާރލައިނުން ވަނީ ރިޕޯޓުކޮށްފައެވެ.

ކޯވިޑުގެ ބަލިމަޑުކަމާއި ހެދި ބައިނަލްއަޤްވާމީ އޭވިއޭޝަން ޓްރެފިކް ބަންދުކުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުމުން 2020 ވަނަ އަހަރު ލުފްތަންސާ އަށް ވަނީ ޖަރުމަނުވިލާތުގެ ސަރުކާރުގެ އެހީއަށް ބަރޯސާވާން ޖެހިފައެވެ.

ނަމަވެސް ކޯވިޑުގެ ބަލިމަޑުކަމުން ދިފާއުވާ ވެކްސިންތައް ތަޢާރަފްކޮށް، ޤައުމުތައް ވައިރަސްއާއެކު ދިރިއުޅެން ފެށުމުން، ޕެންޓް އަޕް ޑިމާންޑްގެ ފައިދާ އެ އެއާރލައިނަށް ލިބި، ހީކުރި ވަރަށް ވުރެ އަވަހަށް އެއާރލައިން ވަނީ ކުރިއަރާފައެވެ.