ޚަބަރު

"ބަޅޭ މިޔާން ޗޯޓޭ މިޔާން" އަށް ސޮނާކްޝީ


އަކްޝޭ ކުމާރު ލީޑް ރޯލުން ފެންނަ ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން" އަށް ބަތަލާ ސޮނާކްޝީ ސިންހާ ސޮއިކޮށްފިއެވެ.

ދާދިފަހުން ޝޫޓިން ފަށާފައިވާ މި އެކްޝަން ކޮމެޑީގައި އަކްޝޭގެ އިތުރުން ޓައިގާ ޝްރޮފްވެސް ފެންނާނެއެވެ. އަކްޝޭއާއި އެކީގައި ކާމިޔާބު ފިލްމުތަކެއް ސޮނާކްޝީ ކުޅެފައިވީ ނަމަވެސް މި ފިލްމަކީ ޓައިގާ އާއިއެކީގައި ސޮނާކްޝީ ކުޅޭނެ ފުރަތަމަ ފިލްމެވެ.

ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ "ބަޅޭ މިޔާ ޗޯޓޭ މިޔާ" އިން ފުރުސަތު ލިބުމާއި ގުޅިގެން ސޮނާކްޝީ ބުނީ އަނެއްކާވެސް އަކްޝޭއާ އެކީ ފިލްމެއްގެ މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަކްޝޭ އާއި ސޮނާކްޝީ އެކުގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ވަންސް އަޕޮން އިން މުމްބާއީ"، "ރައުޑީ ރާތޯރު"، "ޖޯކަރު"، "ހޮލިޑޭ: އަ ސޯލްޖާ އިޒް ނެވާ އޮފް ޑިއުޓީ" އަދި "މިޝަން މަންގަލް" ހިމެނެއެވެ.

"ބަޅޭ މިޔާން ޗޯޓޭ މިޔާން" ގެ ކާސްޓާއި ސޮނާކްޝީ ގުޅުނުއިރު، މި ފިލްމުގެ ކާސްޓްގައި ޖާންވީ ކަޕޫރާއި 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރް ހިމެނޭކަމުގެ ވާހަކަތަކެއް މީގެ ކުރިން ދެކެވިފައިވެއެވެ. ނަމަވެސް މިކަމާއި ގުޅިގެން ޕްރޮޑަކްޝަން ޓީމުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

"ބަޅޭން މިޔާން ޗޯޓޭ މިޔާން" ރިލީޒްކުރަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހަށެވެ.