ޚަބަރު

ކުރު މުއްދަތެއްގައި ވަޒީފާގެ ބާޒާރަށް މުހިންމު ބަދަލުތަކެއް ގެނެވިއްޖެ: ފައްޔާޟް


ވަޒިފާއާއި ގުޅުންހުރި ކަންކަމުގައި ކުރު މުއްދަތެއްގެ ތެރޭގައި މުހިންމު ބަދަލުތަކެއް ހޯދައިދެވިއްޖެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ޓްރޭޑް ޔުނިއަންގެ "މަސައްކަތެރިންގެ ކޮންގްރެސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ކޮންގްރެސްއަކީ، ރާއްޖޭގެ އެކި ސިނާއަތްތަކާއި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ދާއިރާތައް ގުޅިގެން މިގޮތަށް ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވިދާޅުވީ، އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންނަށް އެމީހުންގެ ހުރި ޝަކުވާތަކާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ފުޅާ ދާއިރާގައި ހޯދައިދެވިފައިވާމަށެވެ. މިއީ ޑިމޮކްރަސީގެ ތެރެއިން މަސައްކަތްތެރިންނަށް ހޯދައިދެވުނު ވަރަށް މުހިންމު ޙައްގެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެދާއިރާއެއްގެ ޝަކުވާ ކަމާގުޅުންހުރި ފަރާތްތަކާއި ހަމައަށް ގެންދިއުމުގެ ފުރުޞަތުވެސް މިހާރު އޮތީ ފުޅާ ދާއިރާއެއްގައި ފަހިވެފައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ

މިނިސްޓަރ ވިދާޅުވީ، ސަރުކާރު ހަވާލުވެ، އެންމެ ފުރަތަމަ ބޭއްވި ކެބިނެޓް ބައްދަލުވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑަށް ބާރުއެޅުއްވި އެއްކަމަކީ މަސައްކަތްތެރިންނާއި، ރާއްޖޭގެ ވަޒީފާގެ ބާޒާރާއި އިޤްތިޞާދީ މައްސަލަތަކަށް ރިއާޔަތްކުރުމަށްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މީގެ ކުރިއަށް ބަލާއިރު، މަސައްކަތްތެރިންގެ ޙައްގަކީ އޮންނަން ޖެހޭ އެއްޗެއްކަން ނުވެސް އިނގޭކަމަށެވެ. އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނަކީ މިކަމަށް ހޯދައިދޭނެ އެންމެ ބޮޑު ޙައްލުކަމަށާއި، މިއާއެކު ޤާނޫނީ ހައިސިއްޔަތު ލިބި، ވަޒީފާގެ ބާޒާރުގައި ހުރި މައްސަލަތަކަށް މަސައްކަތްކުރެވޭ މިންވަރު ވަރަށް ބޮޑަށް ފުޅާކުރެވޭނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ވަޒީފާ ދޭ މީހުންނާއި، ވަޒީފާ އަދާކުރާ މީހުންގެ ގުޅުންތައްވެސް މިހާރަށްވުރެ ބޮޑުވާން ޖެހޭކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ އިޤްތިޞާދު އަހަރުން އަހަރަށް ފުޅާވަމުން އަންނައިރު، ރާއްޖެއިން އެއާއި އެއްވަރަށް އިންސާނީ ވަސީލަތް ނުލިބުމަކީ ވިސްނަންޖެހިފައިވާ ކަމެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިކޮނިމިން މިނިސްޓްރީގެ ޑިޕަރޓްމަންޓެއްގެ ގޮތުގައި ހިންގަމުން އައި ޖޮބް ސެންޓަރު، ވަކި އޮފީހެއްގެ ގޮތުގައި ބަދަލުކޮށް ހިންގަން ފެށުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ނެޝަނަލް ޖޮބް ސެންޓަރގެ ބޭނުން ހިފާ، އެކި ދާއިރާތަކަށް ދެވެހިން ނެރުމަށް ވިޔަފާރިތަކުން މަސައްކަތް ކުރަންޖެހޭ. އަދި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއެކުވެސް މިކަމަށް ދަނީ މަސައްކަތްތައް ކުރަމުން" މިނިސްޓަރ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރގެ ވާހަކަފުޅުގައި ޚާއްސަކޮށް ރާއްޖޭގެ އެންމެ ބޮޑު ސިނާޢަތް ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިން މަދުވުމުގެ ކަންބޮޑުވުން އެބައޮތްކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުން މުހިންމު މަސައްކަތްތަކެއް ފައްޓައިދީފައިވާކަމަށާއި، ޖޮބްސެންޓަރާއި، އާމްދަނީއަށް ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތް ކުރެވިއްޖެކަމަށެވެ.

ނަމަވެސް މިއީ ފެށުމެއްކަމަށާއި، މިކަން ކުރިއަށް ގެންގޮސް ރާއްޖޭގެ ވަޒީފާގެ ބާޒާރު ކުރިއެރުވުމަށް، ހުރިހާ އިންޑަސްޓްރީތައް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.