ޚަބަރު

އިންޑިއާއިން ލިބޭ މާލީ އެހީގެ ކަންކަން ގެންދަނީ ވަރަށް ދެފުށްފެންނަ ގޮތަށް: ޝާހިދު


އިންޑިއާއިން ރާއްޖެއަށް ދެމުންދާ ހިލޭ އެހީއާއި، ލޯނު އެހީތަކަކީ ވަރަށް ދެފުށްފެންނަ ގޮތެއްގައި ދެމުންދާ އެހީތަކެއްކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އިންޑިއާގެ މީޑިއާއަކަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އިންޑިއާއިން ނަގާފައިވާ ލޯނުތަކާއި، އަދި އިންޑިއާއިން އެކި މަޝްރޫޢުތަކަށް ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދޭ ޢަދަދުތަކުގެ ތަފްސީލްތައް ފުރިހަމައަށް ބަލަހައްޓަމުންދާކަމަށެވެ. އަދި އެ މަޢުލޫމާތަކީ ކޮންމެ މީހަކަށްވެސް ފަސޭހައިން ބެލޭގޮތަށް، ފިނޭންސް މިނިސްޓްރީއިންވެސް ޝާއިޢުކުރަމުންދާ މަޢުލޫމާތުކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިގޮތަށް ނެގޭ ކޮންމެ ފައިސާއެއް ހޭދަކުރެވެނީ ސީދާ ރައްޔިތު މީހާއަށް އޭގެ މަންފާ ކުރާނެ ބޭނުންތަކަށްކަމަށެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، އިނޑިއާއި ރާއްޖެއާއި އޮތްގުޅުން، މި ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި މިއިން ދުވަހަކު ނުދާހާ ކުރިއަށް ހިނގައްޖެކަމަށެވެ. އަދި މިކަން ހާމަވަނީ ދެ ޤައުމުގެ ސަރުކާރުގެ ލީޑަރޝިޕް ލެވެލްގެ ގުޅުން ރަނގަޅުވެފައިވާތީކަމަށެވެ. އެގޮތުން ރާއްޖެއާއި އިންޑިއާގެ ގުޅުން ދަމަހައްޓާ، ރާއްޖޭގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ފަރާތްޕުޅުން ލިބެމުންދާ އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އިންޑިއާއިން ދެމުންދާ އެހީތައް ފާހަގަކުރައްވާފައެވެ. އެގޮތުން ތިލަމާލެ ބްރިޖާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި، އައްޑޫސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގައި ލިބެމުންދާ އެހީތައް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނާ ސީދާ ގުޅުންހުރި މަޝްރޫޢުތައްކަމަށްވާ ކެންސަރ ހޮސްޕިޓަލް، ފެނާއި ނަރުދަމާ އަދި ކޮމިއުނިޓީ ސެންޓަރތައް ރަށްރަށުގައި ހެދުންފަދަ މަސައްކަތްތަކުގައި އިންޑިއާގެ އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރެއްވިއެވެ.

މި އިންޓަވިއުގައި މިނިސްޓަރ ވަނީ އިންޑިއާ ކަނޑު ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، އިންޑިއާ ކަނޑުގެ ޤައުމުތައް ގުޅިގެން ކުރަމުންދާ މަސައްކަތް ފާހަގަކޮށްފައެވެ. ރާއްޖެއަކީ %99 ކަނޑު އޮންނަ ޤާއުމަކަށްވާއިރު، މި ދާއިރާއިން ރާއްޖެއާއި ޤައުމުތަކާއި އޮންނަ ގުޅުން ބަދަހިވުމަކީ ރާއްޖެއަށް ވަރަށް ބޭނުންތެރި ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.