އިސްރާޢީލުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ޔަހޫދީ ޓެރެރިސްޓު ސިފައިން އަރައި ހިންގި ލާއިންސާނީ އުދުވާންތަކެއްގައި ފަލަސްޠީނުގެ ކުޑަކުއްޖަކު ޝަހީދުކޮށްލައި، އިތުރު ދެ ކުދިންގެ ގަޔަށް ބަޑިޖަހައި ޒަޚަމުކޮށްލައިފިއެވެ. ޔަހޫދީ ޖައްބާރު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލާފައިވާ ކުއްޖަކީ އުމުރުން 15 އަހަރުގެ މުޙައްމަދު ނިދާލް ސަލީމެވެ.
ޔަހޫދީ ސިފައިންގެ ހަމަލާތައް ދީފައި ވަނީ ހުޅަނގު އައްސޭރީގެ ރަށެއް ކަމުގައިވާ ޢަޒޫންގައެވެ. މި ހަމަލާތަކުގައި ދެ ކުޑަކުއްޖެއްގެ ގަޔަށް ބަޑިޖަހައި ޒަޚަމުކޮށްލާފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިޔަސް ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޔަހޫދީ ސިފައިން އެ ރަށަށް ވަދެފައި ވަނީ، ފަލަސްޠީނުގެ ކުދިބަޔަކު ހަވާ އެރުވުމުގެ ސަބަބުން އެ ކަން ހުއްޓުވާށެވެ. އެ ކުދިން ސިފައިންނަށް ހަމަލާދީފައިވާ ކަމަށް އިސްރާޢީލުގެ އަސްކަރިއްޔާއިން ބުނެއެވެ. އަދި، އެ މީހުންނާ ދިމާލަށް ބަޑިޖަހާފައިވާ ކަމަށް ވެސް ޔަހޫދީ ޖައްބާރު ސިފައިން ބުންޏެވެ. މި ހަމަލާތަކުގައި ޒަޚަމުކޮށްލާފައިވާ ދެ ކުދިންގެ އުމުރު އަދި ހާމަކޮށްފައެއް ނުވެއެވެ.
ފަލަސްޠީނުގެ ޢާންމުންނާ ދެކޮޅަށް ޔަހޫދީ ސިފައިންގެ އިތުރުން ޔަހޫދީ ޢާންމުން ދެމުންދާ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުކޮށްފައެވެ. ޔަހޫދީ ޢާންމުން ހުއްވާރާގައި ދިން ޓެރެރިސްޓު ހަމަލާތަކެއްގައި ފަލަސްޠީނު ރައްޔިތުންގެ ގެދޮރުގައި ހުޅުޖަހައި، ގިނަ ޢަދަދެއްގެ ކާރުތަކެއްގައި ވަނީ ރޯކޮށްލާފައެވެ.
މި ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމާ މެދު މަޝްވަރާކުރުމަށް ފަލަސްޠީނާއި ޔަހޫދީ އިސްރާޢީލުގެ އޮފިޝަލުން ދާދިފަހުން އުރުދުންގައި ވަނީ ބައްދަލުކޮށްފައެވެ. އުރުދުނުން އިސްނަގައިގެން ބޭއްވި މަޝްވަރާތަކުގައި ދެ ފަރާތުން ވަނީ ހަމަޖެހުންތައް ކޮންޓްރޯލް ކުރަން ފިޔަވަޅުތަކެއް އަޅަން އެއްބަސްވެފައެވެ.
ޔަހޫދީ ޖައްބާރު ސިފައިން މި އަހަރުގެ ތެރޭގައި ހިންގާފައިވާ އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރު ވަނީ 65 އަށްވުރެ އިތުރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނާއި ކުޑަކުދިންނެވެ. އުމުރުން ދުވަސްވީ އަންހެނެއް ވެސް ވަނީ ޝަހީދުކޮށްލާފައެވެ.