ޚަބަރު

ގަމު ތުނޑީ އަވަށުގައި އަޅާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި


ލ. ގަމު ތުނޑީ އަވަށުގައި އަލަށް މީހުން އާބާދުވި ސަރަޙައްދުގައި އަޅާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިސްކިތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި، ލ. ގަމު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ވިސާމް އާއި ކައުންސިލްގެ ރައީސް އަޙްމަދު ޒަކީއެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ޢިމާރާތްކުރާ މިމިސްކިތް ޢިމާރާތްކުރުމަށް، ސޯޅަ މިލިއަން އަށްލައްކަ އަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.

އެމިނިސްޓްރީން ވިދާޅުވީ ގަމުގައި އަލަށް މީހުން އާބާދުވި ސަރަޙައްދުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 700 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށެވެ. އަދި މިމިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާ ކުރެވޭ މިސްކިތެއްކަމަށެވެ.

ލ. ގަމު ތުނޑީ އަވަށުގައި މިސްކިތް ޢިމާރާތްކުރުމަށް ޙަވާލުކޮށްފައިވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. މިމިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމާ މިނިސްޓްރީއާއި ޙަވާލުކުރުމަށް އެކުންފުންޏަށް ދީފައިވަނީ 1 އަހަރުގެ މުއްދަތެކެވެ.