ގްރީސްގެ މެދުތެރޭ ރަށެއް ކަމުގައިވާ ލެރިއްސާގައި ދަތުރުކުރަމުންދިޔަ ދެ ރޭލު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި މީހުންގެ ޢަދަދު 46 އަށް އަރައިފިއެވެ. މި ހާދިސާގައި ޖެހިފައި ވަނީ ބާރު ދުވެލީގައި ދުއްވާފައި ދިޔަ ފަސިންޖަރުން އުފުލާ ރޭލަކާއި މުދާ އުފުލާ ރޭލެކެވެ.
ގްރީސްގެ ތާރީޚުގައި ވެސް ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓުގެ ގޮތުގައި ސިފަކޮށްފައިވާ މި ހާދިސާގައި އަނިޔާވި 85 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އެކްސިޑެންޓުވި ފަސިންޖަރުން އުފުލާ ރޭލުގައި 350 އެއްހާ މީހުން ތިއްބެވެ.
މި ހާދިސާގައި ރޭލުގެ ބައެއް ކާރުތައް ރޭލު ދަގަނޑުމަތިން ކައްސައިލާފައިވާއިރު، ބައެއް ކާރުތަކުގައި ވަނީ އަލިފާން ރޯވެފައެވެ. އޭގައި ރޯވި އަލިފާންގަނޑުގެ ހޫނުމިން 1,300 ޑިގްރީ ސެލްސިއެސްއަށް އުފުލުނު ކަމުގައި މި ހާދިސާ ތަހުޤީޤު ކުރާ ފަރާތްތަކުން ބުނެއެވެ. އެ ކާރުތަކުގައި ދަތުރުކުރި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތްވި ކަން ކަށަވަރުވެފައެއް ނުވެއެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޔުނިވަރސިޓީ ތަޢުލީމު ހާސިލުކުރާ ގިނަ ޢަދަދެއްގެ ދަރިވަރުން ހިމެނޭ ކަމުގައި ލެރިއްސާގެ އޮފިޝަލުން ވިދާޅުވެއެވެ. އަދި، ރޭލުގެ ކާރުތަކުގައި ރޯވި އަލިފާންގަނޑުން ސަލާމަތްވުމަށް، އޭގެ ކުޑަދޮރުތައް ތަޅައިލައިގެން ގިނަ ޢަދަދެއްގެ ބަޔަކު ބޭރަށް ނިކުތް ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ.
ކާރުތަކުގެ ތެރެއިން ފެނުނު ބައެއް ހަށިތައް، ސިފަ ނޭނގޭ މިންވަރަށް އަނދާފައިވާ ކަމަށާއި، އެއީ ކޮން ބަޔެއްކަން ދެނެގަތުމަށް، ޢާއިލާގެ މެންބަރުންގެ ޑީ.އެން.އޭ. ސާމްޕަލް ނަގަމުންދާ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކުން ދަނީ، ރޭލު ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުންޏާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެއީ، އިޓަލީވިލާތުގެ ކުންފުންޏެވެ.
މި ކަމުގައި އެ ކުންފުނިން ފުރިހަމައަށް ޒިންމާވާން ޖެހޭނެ ކަމަށް ބުނެ، ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ކުންފުނީގެ މައި އޮފީސް ދޮށަށް އެއްވެ، މުޒާހަރާކޮށްފައެވެ. މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، ކަރުނަގޭސް ޖަހާފައެވެ. ރޭލު އެކްސިޑެންޓާ ގުޅިގެން ގްރީސްގެ ސަރުކާރުން ވަނީ ހިތާމަ ފާޅުކުރުމުގެ ގޮތުން ތިން ދުވަސް އިޢުލާނުކޮށްފައެވެ.
ރޭލު ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޔޫނިއަންތަކުން ވެސް ވަނީ މި ހާދިސާއާ ގުޅިގެން އިހުތިޖާޖުކޮށްފައެވެ. އަދި، ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވައިލާފައެވެ. ރޭލު އެކްސިޑެންޓާ ގުޅިގެން ގްރީސްގެ ދަތުރުފަތުރާ ބެހޭ ވަޒީރު ކޮސްޓާސް ކަރަމަންލިސް ވަނީ އިސްތިޢުފާ ދެއްވާފައެވެ.
އިޓަލީވިލާތުގެ ކުންފުންޏަކަށް ރޭލު ދަތުރުފަތުރުގެ ޚިދުމަތް ގްރީސްއިން 2017 ވަނަ އަހަރު ވިއްކައިލާފައި ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުން ހުށަހެޅި ބެއިލް އައުޓް ޕްލޭނެއްގެ ދަށުންނެވެ. ނަމަވެސް، ރޭލު ދަތުރުފަތުރުގެ ޢުމްރަނީ ވަސީލަތްތައް އަދިވެސް ބަލަހައްޓަމުން ދަނީ ގްރީސްގެ ސަރުކާރު ހިއްސާވާ ކުންފުންޏަކުންނެވެ.