ޚަބަރު

ޓެސްލާގެ މެކްސިކޯ ކާރުހާނާގައި ގިނަ އަދަދެއްގެ ވަޒީފާ އުފައްްދަނީ


އޮޓޯ ވެހިކަލް އުފައްދާ އެމެރިކާގެ ކުންފުނި، ޓެސްލާއިން ފުރަތަމަ ފަހަރަށް މެކްސިކޯގައި ގާއިމުކުރާ ކާރުހާނާގައި ގާތްގަޑަކަށް ހަ ހާހާއި ގާތްކުރާ އަދަދަކަށް ވަޒީފާ އުފެދޭނެކަމަށް ބުނެފިއެވެ.

މެކްސިކޯ ސަރުކާރުން އަންގާރަ ދުވަހު ބުނި ގޮތުގައި 5 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފައިސާ އިންވެސްޓުކޮށްގެން ޓެސްލާއިން ފުރަތަމަ ފަހަރަށް މެކްސިކޯގައި ގާއިމުކުރާ ކާރުހާނާ ގާއިމުކުރާނީ އެ ގައުމުގެ އުތުރުގެ ސްޓޭޓް ނިއުވޯ ލިއޮންއެވެ. އަދި މިކަމާއި ގުޅޭ އިތުރު ތަފްސީލު އިންވެސްޓަރުންގެ ދުވަހު ޓެސްލާގެ ވެރިޔާ އީލޮން މަސްކް ދެއްވާނެ ކަމަށްވެސް މެކްސިކޯ އިން ބުނެއެވެ.

ޓެސްލާގެ ކާރުހާނާ ގާއިމުކުރުމަށް ނިއުވޯ ލިއޮން ހޮވީ ބޯޑަރު ސްޓޭޓް ޓެކްސަސްގެ އޮސްޓިންގައި ހުންނަ ކުންފުނީގެ މައި އޮފީހާއި ކައިރިވުމުންކަމަށް މެކްސިކޯގެ ހާރިޖީ ވުޒާރާގެ ނައިބު މާތާ ޑެލްގާޑޯ ވިދާޅުވިއެވެ. އަދި އެ ކާރުހާނާގައި 5000 އާއި 6000އާ ދެމެދުގެ އަދަދަކަށް މީހުން ވަޒީފާ އަދާކުރާނެކަމަށްވެސް މާތާ ވިދާޅުވިއެވެ.

މެކްސިކޯގައި އިތުރު އިންވެސްޓްމަންޓްތައް ޤާއިމްކުރުމަށް ޓެސްލާއިން ޝައުގުވެރިވާތީ ސަރުކާރުން ރާވާފައިވާ ކަންކަމާއި ބެހޭ ގޮތުން މަސްކާއި މަޝްވަރާ ކުރައްވާފައިވާކަމަށް މެކްސިކޯގެ ރައީސް އަންދްރޭޒް މެނުއަލް ލޮޕެޒް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ލޮޕޭޒް އޮބްރަޑޯ ވިދާޅުވީ މެކްސިކޯއަށް ޒިޔާރަތް ކުރުމަށް މަސްކަށް ދައުވަތު ދެއްވާފައިވާ ކަމަށާއި އެ ގައުމުގެ އުތުރުގެ ސޮނާރޯ ސްޓޭޓް ގައި ސަރުކާރުން ތަރައްގީކުރާ ބޮޑު ސޯލާ އެނާރޖީ ޕާކް ދައްކާލައި، ދައުލަތުން ހިންގާ ލިތިއުމް އުފެއްދުންތައް އުފެއްދުމަށް މަސްކަށް ހިތްވަރު ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ލޮޕޭޒް ވިދާޅުވިއެވެ.

މީގެއިތުރުން ބެޓްރި އުފެއްދުމަށް މެކްސިކޯގެ މެދުތެރޭގެ ސްޓޭޓްތައް ކަމަށްވާ ހިޑަލްގޯ، ކުއެރެޓަރޯ އަދި ޕުއެބްލާގެ ސައިޓްތައްވެސް ޓެސްލާއިން ބަލާފައިވާކަމަށް މާތާ ވިދާޅުވިއެވެ.