ޚަބަރު

ލޮލަށް ނުފެންނަ މީހުންގެ ވޯޓްގެ ސިއްރުކަން ހިފެހެއްޓޭނެ ގޮތެއް


އިންތިހާބުތަކުގައި ވޯޓްލާއިރު ލޮލަށް ނުފެންނަ މީހުންގެ ވޯޓްގެ ސިއްރުކަން ހިފެހެއްޓުމަށް ހެދިދާނެ ގޮތްތަކެއް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްއިން މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއާއި، ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ވަނީ ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްއާ ބައްދަލުކޮށްފައެވެ.

މި ބައްދަލުވުމުގައި އެ އެސޯސިއޭޝަންގެ މެމްބަރުން އެންމެ ބޮޑަށް ފާހަގަކުރި މައްސަލައަކީ އިންތިހާބުތަކުގައި އެ ފަރާތްތަކުން ލާ ވޯޓްގެ ސިއްރުކަން ނުހިފެހެއްޓުމުގެ މައްސަލައެވެ. އަދި އެކަމަށް މިހާތަނަށް އައިއިރުވެސް ހައްލެއް ނުގެނެވޭނެކަން ބްލައިންޑް އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

މިއަދުގެ ބައްދަލުވުމުގައި އެސޯސިއޭޝަނުން ވަނީ މި މައްސަލަ ހައްލު ކުރެވިދާނެ ގޮތެއް ކޮމިޓީއަށް ހުށަހަޅާފައެވެ. އެގޮތުން އެ އެސޯސިއޭޝަނުން ވަނީ ވޯޓު ކަރުދާހާ އެއްވަރަށް ތައްޔާރުކޮށްފައިވާ ޕްލާސްޓިކް ޝީޓެއް ދައްކާލާފައެވެ.

ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްއިން ބުނީ އެ ޕްލާސްޓިކް ޝީޓުގައި ވޯޓު ކަރުދާހުގެ ގޮޅިތަކާއި ދިމާވާގޮތަށް ހެޔޮފާހަގަ ކަނޑާނަގާފައި ހުރުމުން ލޮލަށް ނުފެންނަ މީހުންނަށް ވަރަށް ފަސޭހައިން ފާހަގަ ޖަހަންވީތަން ދެނެގަނެވޭނެކަމަށެވެ. އަދި ވޯޓްލާއިރު އެ ޝީޓް ބޭނުންކުރުމަށް ޤާނޫނީ އެއްވެސް ހުރަހެއް އޮތްކަމަށް މައުލޫމާތު ލިބިފައިނުވާކަމަށާއި އެއްވެސް އިދާރާއަކުން އެއީ ނުވާނެ ކަމެއް ކަމަށްވެސް ބުނެފައި ނުވާކަމަށް އެސޯސިއޭޝަނުން ބުނެއެވެ،

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެސޯސިއޭޝަނުން ފާހަގަކުރި ކަންކަން ކުރުމުގައި ހުރަހެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ.