ގްރީސްގެ މެދުތެރޭ ރަށެއް ކަމުގައިވާ ލެރިއްސާގައި ދަތުރުކުރަމުންދިޔަ ދެ ރޭލު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 32 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި ރޭލުގައި ދަތުރުކުރި އިތުރު 85 މީހަކު ވަނީ ޒަޚަމުވެފައެވެ.
އެކްސިޑެންޓުވެފައި ވަނީ މުދާ އުފުލާ ރޭލަކާއި ފަސިންޖަރުން އުފުލާ ރޭލެކެވެ. މި ހާދިސާ ހިނގި ވަގުތު ފަސިންޖަރުން އުފުލާ ރޭލުގައި 350 މީހުން ތިބި ކަމަށް ލެރިއްސާގެ އޮފިޝަލުން ވިދާޅުވެއެވެ. ދަންވަރުގެ ވަގުތުގައި ހިނގި މި ހާދިސާގައި ރޭލުގެ ތިން ކާރެއް ވަނީ ދަގަނޑުތައް މަތިން ބޭރަށް ކައްސައިލާފައެވެ.
ރޭލުގެ ކާރުތަކުގެ ތެރޭގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރެވިފައި ވަނީ އެތަކެއް ގަޑިއިރުތަކެއް ފަހުން ކަމަށާއި، 85 މީހަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގައި ގްރީސްގެ ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާއިން ބުންޏެވެ.
މިއީ، ގްރީސްގެ ތާރީޚުގައި ވެސް ހިނގާފައިވާ މި ފަދަ އެންމެ ނުރައްކާތެރި ހާދިސާކަމަށް އެ ޤައުމުގެ މީޑިޔާތަކުން ދަނީ ސިފަކުރަމުންނެވެ. ހާދިސާގެ ފަސް ގަޑިއިރު ފަހުން ވެސް، ރޭލުގެ ކާރުތަކުގެ ދަށުން މަރުވެފައިވާ މީހުންގެ ހަށިތައް ފެނިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
ދެ ރޭލު ޖެހުނު ވަގުތު އެއް ރޭލުގެ ކާރެއްގައި ރޯވެފައިވާއިރު، އަލިފާންގަނޑު ނިއްވައިލެވިފައި ވަނީ ވެސް އެތަކެއް ގަޑިއިރެއް ފަހުންނެވެ. ގްރީސްގެ ޞިއްޙަތާ ބެހޭ ވަޒީރު ތާނޯސް ޕެލްވްރީ ވަނީ، ހާދިސާ ހިނގި ސަރަޙައްދަށް ވަޑައިގަންނަވައި، ޒަޚަމުވި މީހުންނަށް ފަރުވާދިނުމަށް ކުރަމުންދިޔަ މަސައްކަތްތައް ބައްލަވައިލައްވާފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން މިހާރު ވަނީ ތަހުޤީޤު ފަށާފައެވެ. އަދި، ލެރިއްސާގެ އިތުރުން ބޮޑެތި ރަށްތަކުގައިވާ އަސްކަރީ ހޮސްޕިޓަލްތައް ވަނީ ކުއްލި ހާލަތަކަށް ގެނެސްފައެވެ. މުދާ އުފުލާ ރޭލު ގޮސް ފަސިންޖަރުން އުފުލާ ރޭލުގައި ޖެހިފައި ވަނީ، ފަސިންޖަރުން ތިބި ރޭލު ހުއްޓި ވަގުތުގައި ކަމަށް ރޭލުގައި ދަތުރުކުރި ބައެއް މީހުން ބުނެއެވެ.