ޚަބަރު

މީހުން ބިނާކުރުމަށް ސްޓެލްކޯއާ ޕޮލިޓެކްނިކާ ދެމެދު އެއްބަސްވުމެއް


މަސައްކަތުގެ ދާއިރާއަށް މީހުން ބިނާކުރުމަށް ސްޓެލްކޯއާއި، މޯލްޑިވްސް ޕޮލިޓެކްނިކާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯމުޙައްމަހު ހާޝިމެވެ.

އެއްބަސްވުމުގައިި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ، އެކުންފުނީގެ އެންމެ މުހިންމު ޢަމާޒަކީ، މިއަހަރު ނިމުމުގެ ކުރިން އެކުންފުނީގެ ކޮންމެ މުވައްޒަފަކީވެސް ސެޓިފިކެޓެއް ހާސިލްކޮށްފައިވާ މީހެއްކަމުގައި ހެދުންކަމަށެވެ.

އެގޮތުން ޕޮލިޓެކްނިކާއެކު މި ވެވުނު އެއްބަސްވުމުގެ ދަށުން ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީންގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މި ތަމްރީން ތަކުގެ އެންމެ މުހިންމު އަނެއް ބޭނުމަކީ އަތޮޅުތެރޭގައި އެކުންފުނިން ޚިދުމަތް ފޯރުކޮށްދިނުމުގައި ތަމްރީން ލިބިފައި ތިބި މުވައްޒަފުން ބޭތިއްބުންކަމަށް ޝަރީފް ވިދާޅުވިއެވެ.

"ސްޓެލްކޯގެ ޚިދުމަތް މިނާނެ ބަޔަކީ ސްޓެލްކޯގެ ކަސްޓަމަރުން، އެ ޓާގެޓަށް އެޗީވްކުރުމަށްޓަކައި މި ތަމްރީންޕްރޮގްރާމްކުރިއަށް މިގެންދަނީ، ފެނުގެ ނިޒާމު ޤާއިމުކުރެވިފައިހުރި ރަށްތަކުގައިގަޔާއި، ސުވަރޭޖްތައް ޤާއިމްކޮށްފައިކުރި ރަށްތަކުގައި އަސާސި ތަމްރީނު ލިބިފައިހުރު މުވައްޒަފުން ބެތިއްބުން ބެނުމަކީ." ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ސިއީއޯ މުޙައްމަހު ހާޝިމް ވިދާޅުވީ، ކޮންމެ އިދާރާއަކުން ވަޒީފާ ދިނުމުގައިވެސް ލިބިފައިވާ ސަނަދަށް ބަލާނެކަމަށެވެ. ޕޮލިޓެކްނިކަކީ ވިޔަފާރި އުސޫލުން ހިންގާތަނަކަށް ނުވުމުން އެތަނުން ތަމްރީން ހޯދާ ދަރިވަރުންނާމެދު ކުންފުނިތަކުގެ އިތުބާރު އޮންނަކަމަށެވެ. ހާޝިމް ވަނީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޯސްތައް އެކި ދާއިރާތަކަށް ފުޅާކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށްވެސް ވިދާޅުވެފައެވެ.

" ވަޒީފާގަ ކުރިއަށް މިދެވެނީ ސަރުކާރުން ޤަބޫލުކުރާ ސަނަދެއް ނުވަތަ އެކޮލިފކޭޝަން އެދާއިރާއަކުން ޚާއްސަ ތަމްރީންތަކާއި އެކުގަ ލިބިގެން. ހާއްސަކޮށް ސަރުކާރުގެ %100 ބަޖެޓަކުން ހިނގާ ތަމްރީނުދޭ މަރުކަޒަކަށް ވުމުން ހުންނަ ގޮންޖެހުންތަކެއްވެސް ހުންނާނެ. އެހެންވީމަ ވަޒީފާދޭ ފަރާތްތަކާ ނުލައެެއް މޯލްޑިވްސް ޕޮލިޓެކްނިކަކަށް އެކަނި ކުރިއަކަށް ނުދެވޭނެ. މިތަން ޑިވެލޮޕްވެވޭނީ އެސްއޯއީތައް ނުވަތަ ވަޒީފާދޭ ފަރާތްތައް މިތަން ޑިވެލޮޕްކުރަން އެހީތެރި ވެދީގެން " ޕޮލިޓެކްނިކްގެ ސިއީއޯ މުޙައްމަހު ހާޝިމް ވިދާޅުވިއެވެ.

ސްޓެލްކޯއާއި ޕޮލިޓެކްނިކުން ސޮއިކުރި އެއްބަސްވުމުގެ މަޤްސަދަކީ، ޕޮލިޓެކްނިކުން ތަޢުލީމް ހާސިލްކުރާ ދަރިވަރުންނަށް އެކުއްޖަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން އަމަލީ ގޮތުން ތަޖުރިބާހޯދަދިނުމެވެ. ސްޓެލްކޯއަކީ ރައްޔިތުން ބޭނުންވާ ގިނަ ޚިދުމަތްތަކެއް ދޭ ކުންފުންޏެއްކަމުން، އެ މަސްއޫލިއްޔަތު އަދާކުރެވޭނީ މަސައްކަތުގެގެ ހުނަރާއި ތަމްރީނު ލިބިފައިވާ މުވައްޒަފުން ބިނާކޮށްގެންކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. އެހެންކަމުން މި އެއްބަސްވުމުގެ ދަށުން އެ މަޤްޞަދު ޙާސިލްކުރެވޭނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.