ޚަބަރު

ޔުނިވާސިޓީ ދާއިރާގެ މުސާރައަށް އަންނަ ހެޔޮ ބަދަލު 2 ދުވަސްތެރޭ އިޢުލާންކުރަނީ


ޔުނިވަރސިޓީތަކުގެ މުވައްޒަފުންގެ މުސާރައަށް ގެންނަވާ ހެޔޮ ބަދަލު ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އިޢުލާންކުރައްވާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާންކުރެއްވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ. އެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާރިޗު މަހު ރާއްޖޭގެ ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް އެ ހެޔޮ ބަދަލު އަންނާނެކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން އެންމެ ފުރަތަމަ މުސާރަ ބޮޑުކޮށްދެއްވީ ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެއެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެންނެވެ. އޭގެ ފަހުން ޔުނިވާސިޓީތަކާއި ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި، ޝަރުޢީ ދާއިރާއާއި، އިމާމުންނާއި، މުދިމުންނާއި، ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އެގޮތުން މުސާރަތަށް އެއްހަމަ ކުރުމުގެ މަސައްކަތްތައް ނޭޝަނަލް ޕޭ ކޮމިޝަނުން އަންނަނީ ކުރައްވަމުންނެވެ.

ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ މުސާރައާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢުވާން މުޙައްމަދު ވިދާޅުވީ، މުސާރައަށް އަންނަ ބަދަލު ކުރިއަށް އޮތް ދެ ދުވަސްތެރޭގައި އިޢުލަންކުރައްވާނެކަމަށެވެ. އެކަން އިޢުލާންކުރެއްވުމަށް ޕްރެސްކޮންފަރެސެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ މުސާރައާއި ގުޅޭގޮތުން ނޭޝަނަލް ޕޭ ކޮމިޝަނުން ވިދާޅުވީ، އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށެވެ. ނަމަވެސް މުސާރައަށް އަންނަ ބަދަލު ތަކުގެ ތަފްސީލެއް ނުދެއްވައެވެ. އެ ކޮމިޝަނުން ވިދާޅުވީ މުސާރަ ބޮޑުކުރުމަށް އިސްލާމިކް ޔުނިވާސިޓީއާއި ޤައުމީ ޔުނިވާސިޓީއާއެކު މަޝްވަރާތައް ކުރެއްވިކަމަށެވެ.

މިމަހު ޔުނިވާސިޓީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްފަހު ސިއްޙި ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ މެއި މަހުގެ 1އިން ފެށިގެން ބޮޑުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.