ޚަބަރު

މަސައްކަތުގައި ގޯސް ހެދުމުގެ ފުރުސަތު ކުޑަކޮށްދޭ ބަޔަކީ އިންޓަރނަލް އޮޑިޓަރުން: ކޮމިޝަނަރ


އިންޓަރނަލް އޮޑިޓަކީ މަސައްކަތުގެ މުހިންމު ބައެއް ކަމަށާއި، މަސައްކަތުގައި ގޯހެއް ހެދުމުގެ ފުރުސަތު ކުޑަކޮށްދޭ ބަޔަކީ އިންޓަރނަލް އޮޑިޓަރުން ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވެއްޖެއެވެ. ފަތުހުﷲ މިހެން ވިދާޅުވީ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެސް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

"ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް" އަކީ ރާއްޖޭގައި މިދާއިރާއިން ބާއްވާ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު މަހާސިންތާއެވެ. މިކޮންފަރެންސްގެ ޝިއާރަކީ އިންޓަރނަލް އޮޑިޓަރުންނާމެދު ދެކޭގޮތް ބަދަލުކޮށް، އޮޑިޓަރުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް މަސައްކަތްކުރުމެވެ.

މިކޮންފަރެންސްގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ އިންޓަރނަލް އޮޑިޓްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަކީ ރާއްޖެ ފަދަ ޤައުމަކަށް މުހިންމުކަމެއްކަމަށެވެ. އޭނާ ވިދާޅުވީ އޮޑިޓްގެ މަސައްކަތްތަކަކީ ކުށް ހޯދުން ނުވަތަ ހަމައެކަނި މާލީ ހިސާބުތައް ބެލުން ކަމަށް ބައެއް ފަރާތްތަކުން ދެކޭ ކަމަށާއި އެހެންނަމަވެސް، އިންޓަރނަލް އޮޑިޓްގެ މަސައްކަތަކީ އެއަށްވުރެ މާ ބޮޑު އަދި މާ ފުޅާ ގޮތަކަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ. އެހެންކަމުން އެކަން ބަލައިގަންނަންޖެހޭ ކަމަށް ފަތުހުﷲ ވިދާޅުވިއެވެ.

" މުޅި އިންޓަރނަލް އޮޑިޓްގެ މަސައްކަތްތަކަށް ބަލާލާއިރު މިކަންތައްތަކަކީ ހަމައެކަނި މާލީ ކަންކަމުން ނިންމާލެވޭ މަސައްކަތްތަކެއް ނޫން. މިއީ އެއަށްވުރެ މާ ފުޅާ މާ ދާއިރާ ބޮޑު މަސައްކަތެއް. އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި ޕްރޮސެސްތައް ބައްޓަން ކުރަންވެފައިވާ ގޮތާއި ކަންކަން ހަޤީޤަތުގައިވެސް ހިގަނީ ކަނޑައެޅިފައިވާ ގޮތަށްތޯ ޔަގީންކުރުމާއި ކަންކަން ރޭވިފައިވާނީ ދައުލަތުގެ ނުވަތަ އެމުއައްސަސާއެއްގެ މަސްލަހަތު ހިއްސާވާގޮތެއްގެ މަތިންތޯ ކަށަވަރުކުރުމާއި މިފަދަ އެތައް ކަމެއް އިންޓަރނަލް އޮޑިޓުން ކުރަން އެބަޖެހޭ." ފަތުހުﷲ ޖަމީލް ވިދާޅުވިއެވެ.

ފަތުހުﷲ ވިދާޅުވީ މިކޮންފަރެންސްގެ ތެރެއިން އޮޑިޓަރުންގެ މަސައްކަތްތައް ދެނެގަނެ، އެފަރާތްތަކުގެ އަގު ވަޒަންކުރަން އެހީތެރިވެދޭނެކަމަށެވެ. އަދި މިހާރަށްވުރެ ބޮޑަށް އިންޓަރނަލް އޮޑިޓަރުންގެ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް ފަތުހުﷲ ގޮވާލެއްވިއެވެ.

ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްގައި ގާތްގަނޑަކަށް 1000 ފަރާތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ބައިވެރިވާ މީހުންވެސް ހިމެނެއެވެ.

މިކޮންފަރެންސްގައި އިންޓަރނަލް އޮޑިޓްގެ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރުމާއި މިދާއިރާއިން ހުރި ގޮންޖެހުންތައް ކުޑަކުރުމަށް މަޝްވަރާކުރެވޭނެއެވެ.

މިކޮންފަރެންސްގައިވަނީ ކުރިއަށް އޮތް 3 އަހަރުގެ ސްޓްރެޓީޖިކް ޕްލޭންގެ އިތުރުން އޮޑިޓް ޕޯޓަލް އިފްތިތާހްކޮށްފައެވެ. އޮޑިޓް ޕޯޓަލް އިފްތިތާހްކޮށްދެއްވީ އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީއާއި ސްޓޭޓް އިންޓަރނަލް އޮޑިޓް ކޮމިޓީގެ ޗެއަރ ހަސަން މުހައްމަދުއެވެ.

އޮޑިޓް ޕޯޓަލްއަކީ ފިނޭން މިނިސްޓްރީގެ ބަނޑޭރި ޕޯޓަލްގެ މޮޑިއުލްއެކެވެ. މިމޮޑިއުލްގައި ދައުލަތުގެ އޮފީސްތަކުގެ އޮޑިޓްގެ މެމްބަރުންގެ މަޢުލޫމާތާއި ކޮމިޓީތަކަށް އައްޔަންކުރެވޭ ފަރާތްތަކުގެ މަޢުލޫމާތުވެސް ބަލަހައްޓާނެއެވެ.