ޚަބަރު

ރުއްބުޑެއް ނަގަން އުޅުމުގެ ތެރޭގައި އަނިޔާވި މީހުންގެ ތެރެއިން 2 މީހުން އަދިވެސް ހޮސްޕިޓަލްގައި


ތ.ބުރުނީގައި ރުއް ބުޑެއް ނަގަން އުޅުމުގެ ތެރޭގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ބުނެފިއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު ބުރުނީގައި މި ހާދިސާ ހިނގާފައިވަނީ ބިންމަތީގައި އޮތް ރުއް ބުޑެއް ހައިމާކަށް ނެގުމުގެ ތެރޭގައި ރުއް ވިއްސައިގެން ދިޔުމުގެ ސަބަބުންނެވެ.

މި ހާދިސާގައި އެމްޓީސީސީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކު ވަނީ ނިޔާވެފައެވެ. އަދި ބިދޭސީ 3 މަސައްކަތްތެރިއަކަށް ވަނީ މި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ވެފައެވެ. އެ 3 މީހުންގެ ތެރެއިން އެކަކު ފަރުވާއަށް ފަހު ދޫކޮށްލާފައިވާއިރު ދެން ތިބި ދެ މީހުންނަށް އަދިވެސް އެމަޖެންސީގައި ފަރުވާދެމުންދާކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.

މި ހާދިސާ ހިނގުމާއެކު އެ މީހުންނަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ބުރުނީ ސިއްހީ މަރުކަޒުގައެވެ. އަދި އެމީހުން އައިޖީއެމްއެޗްއަށް ގެނެސްފައިވަނީ ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހުގައެވެ.

މިހާދިސާއާ ގުޅޭ ތަހުގީގު ކުރިއަށް ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.