ޚަބަރު

ރޯދަމަހު ދަތިކަމެއްނެތި ރައްޔިތުންނަށް މުދާ ފޯރުކޮށްދިނުމަށް އެމްޕީއެލް ތައްޔާރު


އަންނަ ރޯދަމަހު ރައްޔިތުންނަށް އެއްވެސް ދަތިކަމެއްނެތި މުދާ ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ތައްޔާރުވެފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ. ރޯދަމަހަކީ ރާއްޖެއަށް މުދާ އެތެރެކުރުން އިތުރުވާ މަހެކެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަމަހު ގިނަ ޢަދަދެއް މުދާ ރާއްޖެއަށް އެތެރެކުރަން ޖެހުމާއި ގުޅިގެން އެމްޕީއެލްއަށް ބާރުބޮޑުވެއެވެ. މިކަމާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ 2022 ވަނަ އަހަރުގެ ރޯދަމަހަކީ ކޯވިޑްގެ ފަހުން އެންމެ ގިނަ އަދަކަށް މުދާ އެތެރެކުރި މަސްކަމަށެވެ. އަދި މިއަހަރުގެ ރޯދަމަހު މުދާ އެތެރެކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން، މިދިޔަ އަހަރުގެ ރޯދަމަހާއި އެއްގޮތަށް އެއްވެސް ތާށިކަމެއްނެތި މުދާ ކްލިއަރކުރުމަށް އެމްޕީއެލްއިންވެފައިވާ ތައްޔާރީތަކުގެ މައްޗަށް ޝާހިދު އަލިއަޅުވާލިއެވެ.

" އަޅުގަނޑުމެންގެ ހުރިހާ އިކުއިޕްމަންޓްތައް، ޚާއްސަކޮށް ރޯދަމަހު އޮޕަރޭޝަނަށް ބޭނުންވާ ވަރަށް ގިނަ އިކުއިޕްމަންޓްތައް އަޅުގަނޑުމެން ހޯދާ އިތުރުކޮށް، ވަރަށް ގިނަ އިކުއިޕްމަންޓްތައް މަރާމާތުކޮށް ސަރވިސްކޮށް ނިންމާފަ މިހާރު ވާނީ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރޯދަމަހު މުދާ ކްލިއަރކުރުމަށް ޚާއްސަ ޓާސްކް ފޯސްއެއް އެކުލަވާލާފައިވާނެކަމަށެވެ. މުދާ އައުމާއިއެކު މިޓާސްކް ފޯސް މެދުވެރިކޮށް އެމުދާ ބާލާ، ކްލިއަރކޮށް، މުދަލުގެ ވެރިފަރާތަށް ރައްދުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މުދާ ކްލިއަރކުރުމުގައި އެކުންފުނީގެ މުވައްޒަފުން ރޯދަމަހު ގިނަ ވަގުތުތަކެއް ހޭދަކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

" ރޯދަމަހު މަސައްކަތްކުރާ ގަޑިތަކަށް ބަދަލުތަކެއް އާދޭ. އެކަމަކު މުދާ ކްލިއަރކުރުމަށް ގިނަ ވަގުތުތައް އަޅުގަނޑުމެންގެ މުވައްޒަފުން ހޭދަކުރާނެ. އާންމުކޮށް، އަޅުގަނޑުމެން މަސައްކަތް ނުކުރާ ގަޑިތަކަކީ ރޯދަ ވީއްލާ ގަޑިން ފެށިގެންގޮސް، ތަރާވީސް ގަޑިއަށް." ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން، ރޯދަމަހު ގެނެވޭ ކާބޯތަކެތި ހިޔާ ސަރަހަދެއްގައި ބެހެއްޓުމަށް ވަގުތީ ޝެޑްތަކެއް މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގެ ވިޔަފާރި ބަނދަރުގައި ޤާއިމްކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ސަރަހައްދީ އެހެން ވިޔަފާރި ބަނދަރުތަކުގައިވެސް މިފަދަ ތައްޔާރީތައްވެފައިވާކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

ރޯދަމަސް ނޫން މަސްތަކުގައިވެސް އެމްޕީއެލްއިން ދޭ ޚިދުމަތްތައް އަވަސްކުރުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެކުރިއާ އަޅާބަލާއިރު އެމްޕީއެލްއިން މުދާ ކްލިއަރކުރުމަށް ނަގާ ވަގުތު ވަނީ އެތައް ގުނައަކުން ކުޑަވެފައެވެ.