ޚަބަރު

"މަލަސް ރެޒިޑެންސް"އިން ފުލެޓް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކޮށްފި


ސަރުކާރު ކުންފުނިތައް ހިމެނޭގޮތަށް ހުޅުމާލެ ފޭސް 2ގައި ކުރިޔަށް ގެންދާ ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިޔުއެސްސީން އިމާރާތްކުރި "މަލަސް ރެޒިޑެންސް"އިން ފުލެޓް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މަލަސް ރެސިޑެންސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރެއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސަމީރު ވިދާޅުވީ ސަރުކާރުގެ އަބަދުވެސް ވިސްނުމަކީ ރައްޔިތުއްނަށް އޯގާތެރިކަމާއި އުފާވެރިކަން ގެނެސްދެވޭނެ ގޮތެހޯދުން ކަމަށެއެވެ. ކޮންމެ ރައްޔިތަކަށްވެސް އެންމެ އުފާވެރި ވަގުތަކަށްވަނީ ދިރިއުޅެވޭނެ ބޯހިޔާވަހިކަން ފުރިހަމަވެގެންދާ ވަގުތެވެ. އެހެންކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުއްނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ސަމީރު ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަމުން އެމްޑަބްލިއުއެސްއީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ ފަރުދުންގެ މާލީ ފުދުންތެރިކަން ނެތުމާއި ގެދޮރު އިމާރާތް ކުރުމުގެ ލޯނު ނުވަތަ ފައިސާ ލިބޭ ގޮތް ހަނިވުމާއި ޚާއްސަކޮށް ބޭންކް މެދުވެރިކޮށް ގެދޮރު އިމާރާތް ކުރުމަށް ލޯނު ހޯދުމަކީ ގިނަ ފަރާތްތަކަށް ދަތި ކަމެއްކަމަށެއެވެ. މިކަންކަމަށް ހައްލެއް ގެނައުމަށް ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫގެ ދަށުން ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއު ކުރިއަށް ގެންދިޔުމަށް މަގުފައި ކޮށްދިނުމަކީ މިކަން ބޭނުންވެފައި ތިބި ފަރާތްތަކަށް ހުޅުވާލި ފަހި ފުރުސަތެއްކަމަށް ޝާހް ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ އެމްޑަބްލިއުއެސްއީން އެކުންފުނީގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހެދި މަލަސް ރެސިޑެންސްއިން ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެ މުވައްޒަފުންނަށް ހެޔޮއަގުގައި އަމިއްލައަށް ދިރިއުޅޭނެ ތަނެއް ލިބުމުގެ މަގުފަހި ވެގެން ދާނެ ކަމަށެވެ.

" ކުންފުނީގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ޤާއިމްކުރި "މަލަސް ރެޒިޑެންސް" ރަސްމީކޮށް މިއަދު ހުޅުވިގެން ދިޔުމަކީ، މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެ، ހެޔޮ އަގުގައި އަމިއްލަ ތަނެއް ލިބުމަށް މަގުފަހިވެގެންދާނެ ކަމެއް" ޝާހް ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގައި މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީން އިމާރާތްކުރަން ދޫކޮށްފައިވަނީ 15 ފަންގިފިލާގެ 2 ޓަވަރެވެ. އެއީ ޖުމްލަ 384 އެޕަރޓްމަންޓެވެ. ނަމަވެސް އެ ކުންފުނިން މަސައްކަތް އެއްކޮން ނިމިފައިވަނީ އެއް ޓަވަރުގެ މަސައްކަތެވެ. މިޓަވަރުގަ 1ކޮޓަރިއާ 1+2ކޮޓަރި އާއި 3ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނެއެވެ. އެގޮތުން ފުރަތަމަ ފަންގިފިލާއިން ފެށިގެން ހަތަރުވަނަ ފަންގިފިލާއާ ދެމެދު ހިމެނެނީ އެއް ކޮޓަރީގެ އެޕަޓްމަންޓްތަކެވެ. އަދި ފަސްވަނަ ފަންގިފިލާއިން ފެށިގެން 14ވަނަ ފަންގިފިލާއާ ދެމެދު ހިމެނެނީ 2ކޮޓަރިއާ 3ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި ގޮތުން މި ފުލެޓުގައި 3 ކޮޓަރިގެ 60 އެޕާޓްމަންޓާއި 2 ކޮޓަރީގެ 40 އެޕާޓްމަންޓުގެ އިތުރުން 1 ކޮޓަރިގެ 92 އެޕާޓްމަންޓު ހިމެނެއެވެ.

މީގެ އިތުރުން، މަލަސް ރެސިޑެންސްގައި ކުޑަކުދިންނަށް ޚާއްސަ ކުރެވިގެން ކުޅޭ އޭރިއާއަކާއި، ފިހާރައެއްގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާރކް ކުރުމަށް އިމާރާތުގެ ދެފަރާތުން ޕާރކިންގ ޒޯނެއްވެސް ވަނީ ގާއިމްކޮށްފައެވެ.

މި މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ، ދި ޓުވެންޓީ ތާޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލިމިޓެޑް އޮފް މިނެމެޓަލްސްއާ ހަވާލުކޮށްގެންނެވެ. އެމަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 2018 ވަނަ އަހަރު އެވެ.

މަލަސް ރެސިޑެންސް ލިބުން އެ ކުންފުނީގެ މުވައްޒަފުން މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދެއްކޭނެ ލުއި ފަސޭހަގޮތްތަކެއް އެކުންފުނިން ވަނީ ހަމަޖައްސާފައެވެ. އެގޮތުން އިސްލާމިކް ބޭންކް މެދުވެރިކޮށް ފުލެޓަށް ފައިސާ ދެއްކޭނެކަމަށް އެ ކުންފުނިންވަނީ ވިދާޅުފައެވެ.