ޚަބަރު

އޮޑިޓްގެ މަޢުލޫމާތުތަައް ހަރުދަނާގޮތެއްގައި ރައްކާކުރަން ޕޯޓަލްއެއް ތައާރަފްކުރަނީ


އޮޑިޓްގެ މަސައްކަތްތަކާއި މަޢުލޫމާތުތައް ހިއްސާކުރުމަށް އޮޑިޓްގެ ޕޯޓަލްއެއް ތަޢާރަފްކުރުމަށް ތައްޔާރުވެފައިވާ ކަމަށް އިންޓަރނަލް އޮޑިޓް ސްޕެޝަލިސްޓް މުހައްމަދު ޒައީމް ވިދާޅުވެއްޖެއެވެ. މިއޮޑިޓް ޕޯޓަލްއަކީ ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލްގެ ތެރެއަށް ތައާރަފްކުރެވޭނެ ޕޯޓަލްއެކެވެ.

އިންޓަރނަލް އޮޑިޓްގެ މަސައްކަތްތަކާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިންޓަރނަލް އޮޑިޓް ސްޕެޝަލިސްޓް މުހައްމަދު ޒައީމް ވިދާޅުވީ އޮޑިޓްގެ މަސައްކަތްތައް ކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ވަސީލަތްތައް މަދުވުންކަމަށެވެ. ދެން އޮތް އަނެއް ގޮންޖެހުމަކީ މައުލޫމާތު ހަރުދަނާގޮތެއްގައި ރައްކާކުރެވޭނެ ނިޒާމެއް ނެތުންކަމަށެވެ. އަދި އެކަން ހައްލުކުރުމަށް މިހާރު ތައްޔާރުވެފައިވާކަން ޒައީމް ފާހަގަކުރެއްވިއެވެ.

"ވަރަށް ގިނަ މައްސަލަތައް އެބަ ފާހަގަކުރެވޭ. މިސާލަކަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން ވިޔަސް، އޭސީސީން ވިޔަސް، އަދި އަޅުގަނޑުމެން އިންޓަރނަލީ މިކުރެވޭ މަސައްކަތްތަކުގެ ތެރެއިން ވިޔަސް، ގިނަ މައްސަލަތަކެއް ފާހަގަކުރެވޭ. އެހެންކަމުން އެކަންތައްތައް ހައްލުކުރެވޭތޯ ބެލޭނެ ނިޒާމެއް އަދި ނެތް." ޒައީމް ވިދާޅުވިއެވެ.

ޒައީމް ވިދާޅުވީ އޮޑިޓްގެ މަސައްކަތްތަކަކީ ސިސްޓަމެއް މެދުވެރިކޮށް ބަލަހައްޓަން ޖެހޭކަމަކަށްވުމާއެކު ފިނޭންސްގެ ބަނޑޭރި ޕޯޓަލްގައި އޮޑިޓް މޮޑިއުލްއެއް ތައާރަފްކުރަން ތައްޔާރުވެފައިވާކަމަށެވެ. މިއޮޑިޓް މޮޑިއުލް މެދުވެރިކޮށް ދައުލަތުގެ އޮފީސްތަކުގެ އޮޑިޓްގެ މެމްބަރުންގެ މަޢުލޫމާތު ބެލެހެއްޓުމާއި ކޮމިޓީތަކަށް އައްޔަންކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު ބެލެހެއްޓުމާއި ދައުލަތުގެ އޮފީސްތަކުން އޮޑިޓްގެ ކަންކަންކުރާގޮތް ބަލާ މޮނީޓަރ ކުރަމުންދާނެ ކަމަށް ޒައީމް ފާހަގަކުރެއްވިއެވެ.

މިޕޯޓަލް ރަސްމީކޮށް އިފްތިތާހްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 ވަނަ ދުވަހު ފިނޭން މިނިސްޓްރީން ކުރިއަށްގެންދާ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްގެތެރެއިންނެވެ.

ފިނޭންސް މިނިސްޓްރީން ދަނީ އެމިނިސްޓްރީގެ މަސައްކަތްތައް ޑިޖިޓަލައިސްކޮށް އާންމުންނަށް ފަސޭހަކުރުމަށްޓަކައި ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، އެމިނިސްރީގެ ޚިދުމަތްތައް ޒަމާނީކުރުމަށްޓަކައި "ބަނޑޭރި ޕޯޓަލް"ގެ ނަމުގައި ދަފްތަރެއް ތަޢާރަފްކުރީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.

މިޕޯޓަލްގެ ދަށުން ދައުލަތުން ފައިސާ ދޭންޖެހޭ ފަރާތްތަކުގެ އެކައުންޓަށް ފައިސާ ޖަމާވުމުން އެސްއެމްއެސް އަދި އީމެއިލްގެ ޒަރިއްޔާއިން އަންގައިދޭ ޚިދުމަތަކާއި ދައުލަތުން މުސާރަ ދޭން ޖެހޭ ހުރިހާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ އޮންލައިން ދަފްތަރަކާއި ދައުލަތުގެ ކުންފުނިތަކުގެ މަޢުލޫމާތު އެއްތަނަކުން ލިބޭނެ އެސްއޯއީ ގޭޓްވޭއެއްވަނީ ތަޢާރަފްކޮށްފައެވެ.

މީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުން އޮންލައިންކޮށް އެކި ކަންކަމުގައި ރިކުއެސްޓްކުރެވޭ ދަފްތަރަކާއި ދައުލަތުގެ ބަޖެޓް އޮންލައިންކޮށް ބަލާލެވޭ ޚިދުމަތަކާއި އަދި ދައުލަތުގެ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ މަޢުލޫމާތު އެއްތަނަކުން ލިބޭނެގޮތް މި ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.