ޚަބަރު

"ގެވެށި ގުޅުން" ވާހަކަ ސީރީޒް: ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމަށް މުހިންމު މައުލޫމާތުތަކެއް


ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް ސްކޫލްތަކުގެ ގްރޭޑް އެކަކުން ފެށިގެން 6 ގެ ދަރިވަރުންނަށް ތަޢާރަފްކޮށްފިއެވެ.

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް އަކީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް ކުޑަކުދިންގެ ކިބައިގައި އެންމެ ޅައިރުއްސުރެ އަށަގަންނުވަންޖެހޭ އާދަތައް ބުނެދިނުމަށާއި، އެ އާދަތަކަށް އެކުދިން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ތައްޔާރުކޮށްފައިވާ ވާހަކަ ފޮތް ސީރީސް އެކެވެ. މި ސީރީސްގައި 6 ވާހަކަ ފޮތް ހިމެނެއެވެ. މި ވާހަކަ ފޮތްތައް ކީ ސްޓޭޖް 1 ގައި ހިމެނޭ ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ތިނެއްގެ ދަރިވަރުންނަށާއި، ކީ ސްޓޭޖް 2 ގައި ހިމެނޭ ގްރޭޑް ހަތަރަކުން ފެށިގެން 6 ގެ ދަރިވަރުން ސްކޫލްތަކުގައި ތިބި ނިސްބަތުން ރާއްޖޭގެ ހުރިހާ ސްކޫލަކަށްވެސް ޖެންޑަރ މިނިސްޓްރީގެ ފަރާތުން ވަނީ ހަދިޔާކޮށްފައެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކުރިއަށްގެންދާ ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ތައްޔާރުކުރި މި ވާހަކަ ފޮތް ސްކޫލްތަކަށް ހަދިޔާ ކުރުމަށް އިއްޒުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޒިފްލީނާ ޙަސަންއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޒިފްލީނާ ޙަސަން ވަނީ މިވާހަކަ ސީރީސްގެ ހުރިހާ ފޮތެއްވެސް ކިޔުމަށާއި އަދި އެއިން ކޮންމެ ވާހަކައަކުންވެސް ލިބޭ މެސެޖާއި މެދު ވިސްނުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި، އެ މެސެޖުތަކުގެ އެހީގައި އެހެން ކުދިންނާއި، މީހުން ލޯބިވާ ފަދަ ބަޔަކަށް ވުމަށް ދަރިވަރުންނަށް ޒިފްލީނާ ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

ސްޓޭޓް މިނިސްޓަރ ޒިފްލީނާވަނީ ދިވެހި ގަޑީގައި ކުދިންނަށް ކުރިއަށްގެންދާ ކިޔުމާއި ގުޅޭ މަސައްކަތްތަކުގައި ވާހަކަ ފޮތްތައް ވީހާވެސް ގިނައިން ބޭނުންކުރެއްވުމަށާއި، އެ ވާހަކަ ފޮތްތަކުން ފޯރުކޮށްދޭ މެސެޖު ކުދިންނަށް ފަހުމްވާނެ ގޮތަކަށް މަސައްކަތްތައް ރާވައިދެއްވުމަށް ސްކޫލްތަކުގެ ދިވެހި މުދައްރިސުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ގެވެށި ގުޅުން ކެމްޕެއިންގެ ވަކިވަކި މަޤްސަދުތަކުގެ ތެރޭގައި ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިކުރުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ބާރުވެރިކުރުވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރުކޮށް، އެޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ގެވެށި އަނިޔާއާ ދުރުކޮށްދޭނެ ވިސްނުމާއި އުޅުން ޕްރޮމޯޓްކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.

މި ކެމްޕެއިންގެ ދަށުން މިހާތަނަށް އައިއިރު ގިނަ ހަރަކާތްތަކެއް ޖެންޑަރ މިނިސްޓްރީން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ވީޑިއޯ ލަވަ، މަޖައްލާ، ރޭޑިއޯ ޑްރާމާ ސީރީސް، ޓީވީ ޕްރޮގްރާމް ސީރީސް، ބުކްލެޓް، ޕޯސްޓަރ އަދި ބިލްބޯޑްފަދަ ތަކެތި ވަނީ ތައްޔާރުކޮށްފައެވެ.

މީގެ އިތުރުން ގެވެށި އަނިޔާއާ ގުޅޭ ގޮތުންނާއި، ޢާއިލީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ރަށްރަށުގައި މަޢުލޫމާތުދިނުމުގެ ސެޝަންތައް ކުރިއަށްގެންދާނެ ފެސިލިޓޭޓަރުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ޖެންޑަރ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.