ޚަބަރު

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ނިންމާލައިފި


ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސް ނިންމާލައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ދަރުބާރުގޭގައި ކުރިޔަށްގެންދިޔަ މި ކޮންފަރެންސްގައި ޕާޓީގެ 700އަށްވުރެ ގިނަ މެންބަރުން ބައިވެރިވެފައިވެއެވެ. ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ނިންމުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ފުރަތަމަ ރައީސް، އިބްރާހީމް އިސްމާއީލް (އިބްރާ)އާއި، ވިލިމާލޭ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު އުޝާމް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ބޭރުގެ ބައެއް ގައުމުތަކުގެ ޑިޕްލޮމެޓުންވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ޖޭޕީގެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރަކަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަންކުރައްވައި، މަގާމުގެ ލިޔުން ވަނީ ހަވާލުކުރައްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ޤާސިމްގެ އެޑްވައިޒަރުންނަށްވެސް މަގާމުގެ ލިޔުން ހަވާލުކުރައްވާފައިވެއެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒްގެ އިތުރުން ކުރީގެ މަޖިލިސް މެމްބަރު އިލްހާމް އަހުމަދާއި، ކުރީގެ މަޖިލިސް މެމްބަރު ރިޔާޒު ރަޝީދުގެ އިތުރުން ކުރީގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކެވެ.

މި މަގާމަށް ހޮވުނު ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ. ހުކުރު ދުވަހު ފެށި ޖުމްހޫރީ ޕާޓީގެ ހަތަރު ވަނަ ގައުމީ ކޮންފަރެންސްގައި ޕާޓީގެ ބޮޑެތި ނިންމުންތަކެއް ނިންމާފައިވެއެވެ. އެގޮތުން ކުރިޔަށްއޮތް ފަސް އަހަރަށް ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިޚާބުކުރުން ކުރިޔަށްގޮސްފައިވެއެވެ.

މީގެ އިތުރުން ޕާޓީގެ ނާއިބު ލީޑަރުކަމަށް ފަސް ބޭފުޅަކު އިންތިހާބުކުރައްވާފައިވެއެވެ. ޖޭޕީގެ ނާއިބު ލީޑަރުކަމަށް އިންތިޚާބުވެވަޑައިގެންނެވީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ އާއި، ކުރިންވެސް އެމަޤާމު ފުރައްވާފައިވާ އަމީން އިބްރާހިމް އަދި ނިމިދިޔަ ދައުރުގައި އެޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ފުރުއްވި އަހުމަދު ސައުދު އަދި އިގުބާލު އާދަމްގެ އިތުރުން އަލީ ޝާހުއެވެ. ނާއިބު ލީޑަރުގެ އިތުރުން ޕާޓީގެ ކައުންސިލަށް 25 މެމްބަރުންވެސް މި ކޮންފަރެންސްގެ ތެރެއިން އިންތިހާބުކޮށްފައިވެއެވެ.

މީގެއިތުރުން ޕާޓީގެ ލީގުތަކުގެ މަގާމުތަކަށްވެސް ބޭފުޅުން އައްޔަންކޮށްފައިވެއެވެ. މި ކޮންފަރެންސްގައި ޕާޓީގެ އަސާސީ ގަވައިދަށް ހުށައަޅާފައިވާ ބައެއް އިސްލާހުތަކަށް ބަހުސް ކުރުމާއި، މަޝްވަރާތައް ކުރިޔަށްގެންގޮސްފައިވެއެވެ.

ދަރުބާރުގޭގައި ކުރިޔަށްގެންދިޔަ މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެފައިވެއެވެ.